ސްކައުޓްގެ އޭޝިއާ ޕެސިފިކް ރީޖަނުން ޖައިޝަމަށް ހާއްސަ އެވޯޑެއް ދިނުމުން ރައީސް މައުމޫނު އޭނާއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަށް ހއ. ހޯރަފުށީގައި ވަޅިއަކުން ހަމަލާދޭން ކުރި މަސައްކަތް ނާކާމިޔާބުވުމުގައި ހުރަހަކަށްވި އެ ރަށު ޖައިޝަމް އިބްރާހީމަށް، ސްކައުޓްގެ އޭޝިއާ ޕެސިފިކް ރީޖަން އިން ހާއްސަ އެވޯޑެއް ދިނުމާ ގުޅިގެން ރައީސް މައުމޫނު އޭނާއާ ބައްދަލުކުރައްވައިފި އެވެ.
"އޭޝިއާ ޕެސިފިކް ރީޖަނަލް އެވޯޑް ފޯ ގެލެންޓްރީ އެކްޝަން އެވޯޑް" ޖައިޝަމަށް ދީފައިވަނީ އިންޑިއާގެ ބެންގަލޫރުގައި މިދިޔަ އާދިއްތަ ދުވަހު ބޭއްވި ހަތް ވަނަ އޭޝިއާ ޕެސިފިކް ރީޖަނަލް ސްކައުޓް ލީޑާޒް ސަމިޓްގެ ހާއްސަ ޖަލްސާއެއްގަ އެވެ. ރައީސް މައުމޫނު އޭނާއާ ބައްދަލުކުރައްވާފައިވަނީ އެ ޖަލްސާ ނިންމާފައި ޖައިޝަމް މާލެ އައުމުން، މިދިޔަ ބުރާސްފަތި ދުވަހު މައުމޫނުގެ އޮފީހުގަ އެވެ.
ސެކްރެޓޭރިއެޓް އޮފް ދި ފޯމާ ޕްރެޒިޑެންޓްގެ އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެވޯޑާ އެކު ޖައިޝަމަށް ދިން ސައިޓޭޝަންއެއްގައި ބުނެފައިވަނީ އެ އެވޯޑަކީ ރައީސް މައުމޫނުގެ ފުރާނަފުޅު ސަލާމަތްކުރުމަށްޓަކައި އޭނާ އެ ކުރި މަސައްކަތަކީ އެ ވަރުގެ ޅައުމުރުގެ ކުއްޖަކު ކުރި އާދަޔާ ހިލާފު ހިތްވަރު ގަދަ މަސައްކަތް ވަޒަންކުރުމުގެ ގޮތުން ދިން އެ ވޯޑެއް ކަމަށެވެ. އަދި އެ ދުވަހު ޖައިޝަމް ދެއްކި ހުޝިޔާރުކަމާއި ހިތްވަރު ގަދަ ކަމަށްޓަކައި ރައީސް މައުމޫނު އޭނާ އަށް ތައުރީފްކުރައްވައި ޝުކުރު އަދާކުރައްވާފައިވާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ