ރިޔާސީ ބަޔާނުގައި ވިދާޅުވި އެއްޗެއް ނޭނގޭ: ރީކޯމޫސަ

އެމްޑީޕީގެ މެންބަރުންގެ ދެކޮޅުހެދުންތަކާ އެކު، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކު އިއްޔެ ރިޔާސީ ބަޔާން އިއްވެވި ނަމަވެސް އެމަނިކުފާނު ވިދާޅުވި އެއްޗެއް އެނގިވަޑައި ނުގަންނަވާ ކަމަށް ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ އިންސާފުގެ މައިދާން ފުލުހުންނާއި ސިފައިން ރޫޅާލުމުން ހިތްހަމަނުޖެހިފައި ތިބި އެ ޕާޓީގެ ގިނަ އަދަދެއްގެ މެންބަރުންނާ މުޚާތަބުކުރައްވާ ވާހަކަ ދައްކަވަމުން އެ ޕާޓީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސަ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ރައީސް ވަހީދަށް ވިދާޅުވެވުނު އެއްޗެއް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ.
"އޭނާ [ރައީސް ވަހީދު] ތިން ހަތަރު ބަހުން އެކީ އެއްޗެއް ކީ. އަޅުގަނޑުމީ އެތާ ކައިރީ ހުރި މީހެއް. އަޅުގަނޑަކަށް ނޭނގެ ކީ އެކައްޗެއް ވެސް. މީހަކު މަޖިލީހުގަ ތަގުރީރެއް ދޭހިތުން ހުއްޓާ ފެނުނު ފުރަތަމަ މީހާ މިއީ. ނަސީބެއް އޭނައަށް [ރައީސް ވަހީދު] އަށް އެކަން ކުރެވުނު ކަން. އެހެން ނޫން ނަމަ ބަޔާން ނުއިއްވިގެން މީހަކު ދެމިއޮތުމުގެ އާލަމަށް ދަތުރުކުރާތަން ބަލަން ހުރުމަކީ އަޅުގަނޑަށް ލާހިކު ކަމެއް ނޫން،" ރީކޯމޫސަ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހުޅުވުމާ އެކު ބައެއް މީހުން މަޖިލީހުގެ ކޮމެޓީތަކަށް ހާޒިރުކޮށް ސުވާލުކޮށް، ގިނަ ކަންތައްތަކެއް ހާމަކުރާނެ ކަމަށެވެ.
"އެމްޑީޕީ ގައުމީ މަޖިލީހުން ނިންމާ ގޮތްތަކެއްގެ މަތިން ރައްޔިތުންގެ މަޖިލީހުން އަޅުގަނޑުމެން ވަރަށް ގިނަ ތަހުގީގުތަކެއް ކުރާނަން. މިހާރުގެ ޑިފެންސް މިނިސްޓަރަށް މަގާމު ނެތީސް ކީއްވެގެންތޯ ސިފައިންގެ މަރުކަޒަރަށް ވަދެވުނީ؟ ބުރުމާ ގާސިމާ ދެން ތިބި މީހުންނަށް ކީއްވެގެންތޯ ފުލުހުންގެ މުވައްސަސާގެ ތެރެއަށް ވަދެވުނީ؟ 142 ކޮމެޓީ އާއި އަދި ވެސް އެހެން ކޮމެޓީތައް ބޭނުންކޮށްގެން ސުވާލުތައް ކުރިމަތި ކުރެވިގެން ދާތަން މީޑިއާގަ އަދި ބައިނަލްއަގުވާމީ މުޖުތަމައަށް އަޅުގަނޑުމެން ދައްކަ ދޭނަން،" ރީކޯ ވިދާޅުވި އެވެ.
ދަރުބާރުގޭ އުސް ފަސްގަނޑުގައި އެމްޑީޕީން ކުރިން ބާއްވަން އުޅުނު ޖަލްސާ އަށް ފުލުހުން ހުރަސްއެޅުމާ އެކު ފުރަތަމަ ބަދަލުކުރީ އިމާދުއްދީން ސްކޫލަށެވެ. އެ ސްކޫލަށް އެމްޑީޕީގެ ގިނަ އަދަދެއްގެ ބަޔަކު ގޮސް ގޮނޑިތަކުގައި އިށީނުމާ އެކު ދަރުބާރުގެއަށް ދާން އިއުލާނުކުރި އެވެ. ނަމަވެސް ސަރަހައްދުން ދެވަނަ ފަހަރަށް ވެސް ފަހާލުމާ އެކު ދެން އައީ އަމީނީ މަގުގައި ހުންނަ އެޕާޓީގެ ހަރުގެ އަށެވެ.
ސުލްހަވެރިކަމާ އެކު ހަރުގޭގައި ޖަލްސާ ކުރިއަށް ދަނިކޮށް "މަސްތުވެގެން" ތިބި ދެ ޒުވާނަކު ސައިކަލްގައި އައިސް ވަނުމުން ކޮންމެވެސް ވަރަކަށް ހަމަނުޖެހުން ހިނގި އެވެ. ނަމަވެސް މާ ބޮޑު ކަމެއް ނުވެ ޖަލްސާ ކުރިއަށް ގެންދިޔަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ