ހައި ކޯޓުގެ އަމުރަށް ސިފައިން ނުކިޔަމަންތެރިވެ އިސް ގާޒީ ހާޒިރު ނުކުރުމުން އަޑުއެހުން ކުރިއަކަށް ނުގެންދެވުނު

ސިފައިން ހައްޔަރުކޮށްގެން ކ. ގިރިފުށީގައި ގެންގުޅެމުންދާ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައި ކޯޓަށް ހާޒިރު ކުރުމަށް އެ ކޯޓުން މިއަދު އަމުރު ކުރުމުން ވެސް އެ އަމުރަށް ނުކިޔަމަންތެރިވެ އޭނާ ހާޒިރު ނުކުރުމުން އަޑުއެހުން ކުރިއަށް ގެންދޭ ގޮތެއް ނުވި އެވެ.
އަބްދުﷲ މުހައްމަދު ހާޒިރުކުރަން އެންގީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުށަހަޅާފައިވާ މައްސަލަ ހިންގުމަށެވެ. އެއީ އަބްދުﷲ މުހައްމަދުގެ ސުލޫކީ މައްސަލައެއް އޮތްކަން ސާބިތުވާ ކަމަށް ޖޭއެސްސީން ނިންމުމާ ގުޅިގެން، އެ ނިންމުމުގެ މައްސަލަ އޭނާގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ބަލަމުންދާ މައްސަލަ އެވެ. ކޮމިޝަނުން ބުނަނީ ދަށު ކޯޓުގެ ގާޒީއެއްގެ މައްސަލަ ހަމަ އޭނާއާ އެއް ފެންވަރެއްގެ އެހެން ގާޒީއަކަށް ނުބެލޭނެ ކަމަށެވެ.
މިއަދުގެ އަޑުއެހުން ފެށުމާއެކު ރިޔާސަތުގައި އިންނެވި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވިދާޅުވީ އިސް ގާޒީ ކޯޓަށް ހާޒިރު ކުރުމަށް ސިފައިންނަށް އަމުރު ކުރި ނަމަވެސް އެ އަމުރާ އެއްގޮތަށް އޭނާ ހާޒިރުކޮށްފައިނުވާ ކަމަށެވެ. އަދި އެ މައްސަލައިގައި އަބްދުﷲ މުހައްމަދުގެ ބަދަލުގައި އޭނާގެ ފަރާތުން ވެސް މީހަކު ހަމަޖައްސާފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އެހެންކަމުން އެ އަޑުއެހުން ކުރިއަށް ނުގެންދެވޭނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.
އޭގެ އިތުރުން ފަނޑިޔާރު ވިދާޅުވީ އެ މައްސަލައަކީ އަވަސް މައްސަލައެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރާ މައްސަލައެއް ކަމަށެވެ.
ސުލޫކީ މައްސަލަ ހުރި ކަމަށް ޖޭއެސްސީން ނިންމުމުން އަބްދުﷲ މުހައްމަދު ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައި ވަނީ ޖޭއެސްސީގެ ނިންމުން އައީ އޭނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ ހަމަހަމަކަމުގެ މިންގަނޑާ ހިލާފަށް ކަމަށެވެ. އެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އަބްދުﷲ މުހައްމަދަށް ފިޔަވަޅު ނޭޅުމަށް ސިވިލް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.
އެ މައްސަލަ ސިވިލް ކޯޓުގައި ނުހިންގޭނެ ކަމަށް ބުނެ ޖޭއެސްސީން އެންމެ ފުރަތަމަ ދިޔައީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނެފައި ވަނީ އެ މައްސަލަ އިސްތިއުނާފް ކުރަން ޖެހޭނީ ހައި ކޯޓުގައި ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައި ކޯޓަށް ވައްދާފައި ވަނީ ރަސްމީ ބަންދު ދުވަހެއް ކަމަށްވާ މިދިޔަ ގައުމީ ދުވަހު ކޯޓު ހުޅުވައިގެންނެވެ.
ޝަރުއީ އެކި ކޯޓުތަކުން ނެރެފައިވާ ފަސް އަމުރަށް މީގެ ކުރިން ސިފައިން ވަނީ ނުކިޔަމަންތެރިވެފަ އެވެ. އެއީ އަބްދުﷲ މުހައްމަދު ދޫކޮށްލުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓާއި ސުޕްރީމް ކޯޓުން ނެރުނު އަމުރާއި އޭނާ ކޯޓަށް ހާޒިރުކުރުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓުން ނެރުނު އަމުރެވެ.
މިއަދު ޝަރީއަތް ބޭއްވުމާ ދިމާކޮށް އެމްޑީޕީގެ ނާއިބު ރައީސް އަލްހާން އިސްކޮށް ހުންނަވައިގެން ސުޕްރީމް ކޯޓު ދޮށުގައި ވަނީ މުޒާހަރާ ވެސް ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ