ގާސިމް ފުރުން މަނާކޮށް މައްސަލަ ޕީޖީއަށް ފޮނުވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރާއްޖެއިން ބޭރަށް ފުރުން މަނާކޮށް ގާަސިމްގެ މައްޗަށް ދައުވާކުރުމަށް ފުލުހުންގެ އިދާރާއިން ޕީީޖީ އޮފީހަށް މައްސަލަ ފޮނުވައިފި އެވެ.
ގުޅިފައިވާ ޕާޓީ ތަކުގެ ގާނޫނީ ވަކީލުންގެ ޓީމުން މ. ކުނޫޒުގައި މިހާރު ބާއްވަމުން ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި މިކަން ހާމަކުރެއްވީ މައްޗަށްގޮޅި އުތުރު ދާއިރާގެ މެންބަރު މާރިޔާ އަހްމަދު ދީދީ އެވެ.
މާރިޔާ ވިދާޅުވީ ގާސިމަށް ފުރުން މަނާކޮށް ދައުވާކުރަން ފޮނުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވަން އުޅުނު ކަމުގެ ތުހުމަތުގައި ކަމަށް ބުނެ ފުލުހުން ތަހުގީގު ކުރާ މައްސަލައާއި ގުޅިގެން ކަަމަށެވެ.
މާރިޔާ ވިދާޅުވީ ގާސިމަށް ފުރުން މަނާކޮށްފައިވަނީ އެއްމަސް ދުވަހަށް ކަމަށެވެ. ނަމަވެސް ގާސިމަށް ފުރުން މަނާކޮށްފައިވަނީ ހިނގާ ނިމިފައިވާ މައްސަލައެއްގެ ތަހުގީގަށް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
މާރިޔާ ވިދާޅުވީ ގާސިމް އިބްރާހިމް ގެންދަވަނީ ފުލުހުންގެ ތަހުގީގަށް ވަރަށް ފުރިހަމައަށް އެއްބާރުލުން ދެމުން ކަމަށެވެ. އެގޮތުން މައްްސަލައިގެ ތަހުގީގަށް ދެ ދުވަހު ފުލުސް އޮފީހަށް ހާޒިރުވާން އެންގުމުންވެސް ގާސިމް ފުލުސް އޮފީހަށް ހާޒިރުވެ ފުލުހުންގެ ސުވާލުތަކަށް ޖަވާބުދީ ތަހުގީގު ރިޕޯޓްގައި ވެސް ސޮއިކޮށްފައިވާ ކަމަށެވެ. އެހެންކަމުން ތަހުގީގަށް އެއްބާރުލުން ދެއްވަމުން ގެންދަވާއިރު ގާސިމަށް ފުރުން މަނާކުރަންޖެހޭ ސަބަބެއް ނެތް ކމަށްވެސް ވިދާޅުވި އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ގާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވީ ގާސިމް އިބްރާހީމަށް ފުލުހުން ތުހުމަތުކުރަނީ ގާނޫނީ ހައިސިއްޔަތެއް ނެތް ސިޔާސީ ބޭނުމެއްގައި ކުރާ ތުހުމަތުތަކެއް ކަމަށެވެ. ސަރުކާރުން ބޭނުންވަނީ ކޮންމެވެސް ގޮތަކަށް ގާސިމަށް ދައުވާތަކެއް ކުރެވި ކަންތައްތަކެއް ސާބިތުކޮށް ގާސިމްގެ ސިޔާސީ ހަރަކާތްތައް ހުއްޓުވާލަން ކަމަށްވެސް ވިދާޅުވި އެވެ.
ހިސާން އިތުރަށް ވިދާޅުވީ މިހާރު ތަހުގީގުކުރަމުންދާ މައްސަލާގައި ގާސިމް އިބްރާހީމް ދެވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރުކުރުމުން ހަނުހުރުމުގެ ހައްގު ބޭނުންކުރުމުން ކޯޓު އަމުރެއް ދައްކާ ވީޑިއޯ އާއި އޯޑިއޯ ސާމްޕަލް ނަގަން ފުލުހުން ބޭނުންވި ކަމަށެވެ. ނަމަވެސް އެއީ ކަންކުރެވޭނެ ގޮތެއް ނޫން ކަމަށާއި އެހެންކަމުން ކަށަވަރުކޮށްދީފައިވާ ހައްގުތައް ދިވެހި ރައްޔިތުންނަށް މިއަދު ލިބެމުން ނުދާތީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ކަންބޮޑުވާ ކަމަށްވެސް ވިދާޅުވި އެވެ.
ނޫސްވެެރިންގެ މިބައްދަލުވުމުގައި ތުލުސްދޫ ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލް މުހައްމަދު އިބްރާހީމް ވަހީދު ވިދާޅުވީ ގާސިމްގެ އޯޑިއޯ އާއި ވީޑިއޯ ސާމްޕަލް ނަގަން ފުލުހުން މަސައްކަތް ކުރީ ގާސިމް ހަނު ހުންނެވި ހުންނެވުން ފުލުހުން ބަލައިވެސް ގަތުމަށްފަހު އެވެ. ނަމަވެސް އޭގެ ފަހުން ގާނޫނީ ގޮތުން ފުރިހަމަވާންޖެހޭ ކަންތައްތަކެއް މުޅި ފުރިހަމަ ނުވާ އަމުރެއް ދައްކާ އެ އަމުރަށް އަމަލުނުކޮށްފިނަމަ ފުލުހުންގެ ތަހުގީގަށް ހުރަސް އެޅި ކަމުގެ ތަހުގީގު ކުރިއަށް ގެންދާނެ ކަމަށް ފުލުހުން އެންގި ކަމަށްވެސް ވިދާޅުވި އެވެ.
ަވަހީދު އިތުރަށް ވިދާޅުވީ ގާސިމަށް ތުހުމަތުތަކެއް ކުރަނީ ރާއްޖޭގައި ތިއްބެވި ސިޔާސީ ލީޑަރުންގެ މަސައްކަތްތައް ހުއްޓުވަން މިސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހިނގާ ކަމެއްގެ ގޮތުގައި ކަަމަށެވެ. ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް މިއަދު ނެތް ކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ ގާސިމާ ދެކޮޅަށް މައްސަލަ ހުށަހެޅި ފަރާތެއްވެސް ވަކީލުންނަށް ނޭނގޭ ކަމަށެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނަރަލް ހުސައިން ޝަމީމް ވިދާޅުވީ ގާސިމްގެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވީ ކޮން އުސޫލަކުން ކަމެއް ސާފު ނުވާ ކަމަށެވެ. ގާސިމްގެ މައްސަލާގައި ފުރިހަމަ ކުރަންޖެހޭ ގާނޫނީ އިޖުރައާތުތައް ފުރިހަމަކޮށްފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ޝަމީމް އިތުރަށް ވިދާޅުވީ ޣައިރު ގާނޫނީ އެންގުންތަކަށް ތަބާނުވުމުގެ ހައްގު ގާނޫނު އަސާސީގައި ހުރިހާ ރައްޔިތުންނަށްވެސް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހައްގު ބޭނުންކުރުމުގެ ހައްގު ޕީޖީ އޮފީހުގެ މުވައްޒަފުންނާއި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވެސް ފަހިވެފައިވާ ކަން ޝަމީމް ވަނީ އެފަރާތްތަކަށް ހަނދާންވެސް ކޮށްދީފަ އެވެ.
ނޫސްވެރިންގެ މިބައްދަލުވުމުގައި ގާނޫނީ ވަކީލް އަހްމަދު ޝަފީގު ވިދާޅުވީ ގާސިމްގެ މައްޗަށް ކުރަމުންދާ ތުހުމަތާ ގުޅިގެން ގާސިމްގެ ގާނޫނީ ޓީމުގެ ބޭފުޅުންނަށް އެބޭފުޅުންގެ މަސައްކަތް ފުރިހަމަކުރުމަށް އެކަށީގެންވާ ފުރުސަތު ނުލިބުނު ކަމަށެވެ. އެގޮތުން ގާނޫނީ ޓީމުގެ ހުރިހާ ބޭފުޅުންނަށް ގާސިމާއެކު ތަހުގީގުގައި ބައިވެރިވާން ފުލުހުން ފުރުސަތު ދީފައި ނުވާ ކަން ވެސް ޝަފީގު ވަނީ ފާހަގަކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ