ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ އަމުރާ މެދު ހިޔާލުތަފާތުވުންތަކެއް އުފެދުނު ނަމަވެސް އެ އަމުރަށް ތަބާވުން ލާޒިމުވާނެ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިން ވިދާޅުވެއްޖެ އެވެ.
ފާއިޒު މިހެން ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރާ މެދު ސުވާލު އުފައްދަވާ ސަރުކާރަށް ނިސްބަތްވާ ބައެއް ބޭފުޅުން ވާހަކަދައްކަވަމުން ގެންދަވާ ވަގުތެއްގައި މިއަދު އެމަނިކުފާނު ކުރެއްވި ފޭސްބުކް ޕޯސްޓެއްގަ އެވެ.
ފާއިޒު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި އެޓާނީ ޖެނަރަލް އަދި ޕްރޮސެކިއުޓާ ޖެނަރަލްގެ ސީދާ ދައުރެއް ނޯންނާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމުގައި ބަލަންޖެހޭ ޑިއު ޕްރޮސެސްއަކީ އަމުރުގައިވާ ގޮތަށް އަމަލުކުރުން ކަމަށްވެސް ފާއިޒު ވިދާޅުވި އެވެ.
ފާއިޒު އިތުރަށް ވިދާޅުވީ ގާނޫނު ބުނަނީ އަމުރު ރައްދު ކޮންމެ ފަރާތެއްގެ މައްޗަށް އެ އަމުރު ތަންފީޒު ކުރުން ލާޒިމު ކަމަށެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ނެރެފައިވާ އަމުރުގައި ތަފާތު މައްސަލަތަކުގައި ޖަލަށް ލާފައިވާ ނުވަ ބޭފުޅަކު މިނިވަންކުރުމަށާއި، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް އަމުރުކޮށްފައިވެ އެވެ.
މިއަމުރުގައި ވަނީ މިއަމުރު ތަންފީޒު ކުރުމަށް ދެކޮޅު ހަދާ ފަރާތްތަކާއި، އަމުރު ތަންފީޒު ކުރަން ހުރަސް އަޅާ ފަރާތްތަކާއި، މިއަމުރު ތަންފީޒުކުރުމުގައި އިހްމާލުވާ ފަރާތްތަކުގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ މައްޗަށް ލާޒިމުވެސް ކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ އަމުރަށް ތަބާވުން ލާޒިމު: ކުރީގެ އުއްތަމަ ފަނޑިޔާރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ