އިންސާނީ ހައްގުތަކުގެ ރޮނގުން ރާއްޖެ ވަނީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމުން، ހައްގުތައް ހޯދުމަށް ރައްޔިތުން ތެދުވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފިއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ކުނޫޒުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ އިންސާނީ ހައްގުތައް ނެތިކޮށްލުމަށް އަނިޔާވެރި ސަރުކާރުތަކުން މަސައްކަތް ކުރާނެ ކަމަށާއި، ހައްގުތައް ރައްކާތެރިކުރުމަށް ރައްޔިތުން ތެދުވާންޖެހޭ ކަމަށެވެ.
އެގޮތުން މަދަނީ، ސިޔާސީ، އިގުތިސާދީ، އިޖުތިމާއީ އަދި ސަގާފީ ހައްގުތައް ހިމާޔަތްކުރުމަށް ރައްޔިތުން މަސައްކަތް ކުރަންޖެހޭ ކަމަށް އިމްތިޔާޒު ފަހުމީ ވިދާޅުވިއެވެ. އިންސާނީ ހައްގުތަކުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު ރާއްޖެވަނީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށްދިނުމަށް ސަރުކާރުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާނުކޮށް، ގަސްދުގައި ރާވައިގެން ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށާއި، ދިވެއްސަކަށް ވީތީ ފަޚުރުވެރިވުމުގެ ބަދަލުގައި މިއަދު ގަންނަނީ ބިރު ކަމަށް ވެސް އޭނަ ވިދާޅުވިއެވެ.
އިމްތިޔާޒު ވިދާޅުވީ ރައްޔިތުން ހައްގުތަކުން މަހުރޫމްވެ، ނުރައްކަލުގެ ތެރެއަށް ވެއްޓިގެންދަނީ މުއައްސަސާތަކުން ޒިންމާ އަދާނުކުރާތީ ކަމަށެވެ.
ރާއްޖޭގައި އިންސާނީ ހައްގުތަކަށް ރާވައިގެން އަރައިގަންނަމުންދާކަމުގެ ކަންބޮޑުވުން ބޭރު ދުނިޔެއިން ވެސް ފާޅުކުރަމުންދާކަން އޭނަ ފާހަގަކުރެއްވިއެވެ.
ޚިޔާލުފާޅުކުރުމާއި އެއްވެއުޅުން ފަދަ ހައްގުތައް ނިގުޅައިގަނެ، ރައްޔިތުން އެންމެ ނިކަމެތި ދަރަޖައަށް ވައްޓާލާފައިވާ ކަމަށާއި، އެހެންވީމަ ހައްގުތައް ހޯދުމަށް ރައްޔިތުން ނުކުތުމަށް އޭނަ ވަނީ ގުޅިފައިވާ ޕާޓީތަކުގެ ނަމުގައި ގޮވާލައްވާފައެވެ.
ހައްގުތައް ހޯދުމަށް ރައްޔިތުން ތެދުވުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ