ރައީސް ސޯލިހު ޖަޕާނުގެ ބޮޑުވަޒީރާ ބައްދަލު ކުރައްވައިފި

ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ޖަޕާނުގެ ބޮޑުވަޒީރު، ޝިންޒޯ އާބޭ މިއަދު ބައްދަލުކުރައްވައި ދެގައުމުގެ ދެމެދުގައި ރަސްމީ ވާހަކަފުޅުތައް ބާއްވައިފި އެވެ.
ރައީސްގެ ދެކަނބަލުން ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ ޖަޕާނު ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. ޖަޕާނުގެ ބޮޑުވަޒީރުގެ އޮފީހުގައި ދެ ލީޑަރުންގެ މި ބައްދަލުކުރެއްވުމުގައި ދެ ގައުއުމުގެ ޒަމާންވީ ބަދަހިގުޅުމާއި މި ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހު ވަނީ ވޭތުވެދިޔަ ދިގު މާޒީގައި ޖަޕާނުން ރާއްޖެއަށް ވެދެއްވާފައިވާ އެހީތެރިކަމަށްޓަކައި ޖަޕާނު ސަރުކާރާ ރައްޔިތުންނަށް ޝުކުރުއަދާ ކުރައްވާފަ އެވެ.
އަދި ޖަޕާނުން ރާއްޖެއާ މެދު ގެންގުޅުއްވާ ރަހުމަތްތެރި ގުޅުން ފާހަގަކުރައްވާ އެގުޅުން އެގޮތުގައި ކުރިމަގުގައި ވެސް ދެމި އޮންނާނެކަމަށް އުންމީދު ކުރައްވާކަމުގައި ރައީސް ވިދާޅުވި އެވެ. ރައީސް ސޯލިހު ވަނީ ޖަޕާނަށް ދަތުރުކުރާ ދިވެހިންނަށް ވިސާގެ ކަންކަން ފަސޭހަކުރުމާއި ގުޅޭގޮތުންނާއި ފަތުރުވެރިކަން ކުރިއެރުވުމުގެ ގޮތުން ދެ ގައުއުމުގެ ދެމެދުގައި ވައިގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ޖަޕާނުގެ ބޮޑުވަޒީރާ މަޝްވަރާކުރައްވާފަ އެވެ.
މިބައްދަލުކުރެއްވުމުގައި ޖަޕާނުގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި ރައީސް ޖަޕާނަށް ދަތުރުފުޅެއް ކުރެއްވީތީ ޝުކުރު އަދާކުރެއްވި އެވެ. އަދި ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ގައުއުމުތަކުގެ ތެރެއިން، ޖަޕާނަށް ވަރަށް މުހިންމު ބައިވެރިއެއްކަން ބޮޑު ވަޒީރު ފާހަގަކުރެއްވި އެވެ.
ހަމަ އެހެންމެ ރާއްޖޭގެ އުމުރާނީ ތަރައްގީއާ މާލީ ދާއިރާ އަދި ސަލާމަތީ ދާއިރާފަދަ ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ދާއިރާތަކުން ކުރިމަގުގައި ވެސް ޖަޕާނުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާނެކަމުގައި ބޮޑުވަޒީރު ވިދާޅުވި އެވެ. އަދި ވިސާގެ ކަންކަން ފަސޭހަކޮށްދިނުމުގައި ވެސް މަސައްކަތް ކޮށްދެއްވާނެކަމުގައި ބޮޑުވަޒީރު ވިދާޅުވި އެވެ.
ޖަޕާނުގެ ބޮޑުވަޒީރާ ރައީސް މި ބައްދަލުކުރެއްވުމުގައި ދެގައުމުން އިސްކަންދޭ ބައިނަލްއަގުވާމީ އެކި މައްސަލަތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.
ޖަޕާނަކީ ވޭތުވެދިޔަ ދިގު މާޒީގައި ރާއްޖެއަށް އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޒަމާންވީ ރާއްޖޭގެ ތަރައްގީގެ ބައިވެރިއެކެވެ. އެގޮތުން އުމުރާނީ ތަރައްގީއާ އިޖުމާއީ އަދި އިގުތިސޯދީ ދާއިރާ އިންވެސް ގިނަގުނަ އެހީތަކެއް ޖަޕާނުން ރާއްޖެއަށް ވެދީފައިވެ އެވެ.
އޭގެ ތެރޭގައި ސިއްހީ ދާއިރާއާއި ތައުލީމާއި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމާއި ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއާއި މުވާސަލާތީ ދާއިރާއިން ވެސް އެތައް އެހީތަކެއް ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދެއްވާފައިވެ އެވެ.
މިބައްދަލު ވުމުގައި ރައީސް ވަނީ ޖަޕާނުގެ ތަހުތަށް އެމްޕެރާ ނަރުހީޓޯ އިސްކުރެއްވުމާ ގުޅިގެން މަރުހަބާ ވިދާޅުވެފަ އެވެ. އަދި ނިމިދިޔަ ހަފުތާގެ ތެރޭގައި ޖަޕާނުގެ ކަންޓޯ ސަރަހައްދަށް އެރި ތޫފާން "ހަގިބިސް" ގައި ގެއްލުން ލިބުނު ފަރާތްތަކަށް އެމަނިކުފާނުގެ އިހްލާސްތެރި ހެޔޮދުއާ ރައްދުކުރެއްވި އެވެ.
އޭގެ އިތުރުން ރައީސް ސޯލިހު ވަނީ ޖަޕާނުގެ ބޮޑުވަޒީރުގެ ޒަޢާމަތުގައި ޖަޕާނުގެ ރައްޔިތުންނަށް ކުރިއެރުމާ ފާގަތިކަމަށް އެދިވަޑައިގެންފައިވެ އެވެ. އަދި ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އާބޭއަށް ފަސޭހަފުޅު ވަގުތެއްގައި ރާއްޖެ ވަޑައިގެންނެވުމަށް ރައީސް ވަނީ ޖަޕާނުގެ ބޮޑުވަޒީރަށް ދައުވަތު އަރުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ