ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް، އަނެއްކާވެސް މައުމޫން ޙަމީދުގެ ނަން އަލުން ފޮނުއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ
ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް، އަނެއްކާވެސް މައުމޫން ޙަމީދުގެ ނަން އަލުން ފޮނުއްވާނެ ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ޢައްޔަނު ކުރެއްވުމަށްޓަކައި އަލްއުސްތާޛު މައުމޫން ހަމީދުގެ ނަންފުޅު، ރައްޔިތުންގެ މަޖިލީހަށް އަލުން ފޮނުއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އައްޑޫ ފުޓްބޯޅަ ދަނޑު ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި، ރޭ ފޭދުއަށް ވަޑައިގެން، ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެމަނިކުފާނު ބޭނުންފުޅުވަނީ، ލިޔެވިފައި އޮތް އުޞޫލަކާ އެއްގޮތަށް، ރައްޔިތުންނަށް ޚިދްމަތް ކުރައްވާނެ އަދި ރައްޔިތުންނަށް އިތުބާރު ކުރެވޭ ބޭފުޅެކެވެ. ”ފަހަރުގައިވެސް އަޅުގަނޑު ބޭނުންވަނީ، އަޅުގަނޑުގެ ކޮއްކޮއަކަށްވާތީ، އަޅުގަނޑުގެ ޢާއިލާގެ މީހަކަށްވާތީ، މައުމޫން ޙަމީދު، ރައްޔިތުންގެ މަޖިލީހުން ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމަށް ހަމަޖައްސާކަށްވެސް ނޫން. އެކަމަކު މިރޭވެސް ފަޚްރުވެރިކަމާއެކީ، ރައްޔިތުންގެ އަރިހުގައި ހުއްޓިހުރެ ދަންނަވާލަން ބޭނުންވަނީ، ތެދުފުޅެކޭ، އަޅުގަނޑުގެ ޢާއިލާގައި ކިޔަވައިގެން ތިބި ޤާބިލު ކުދިންތަކެއް އެބަތިއްބޭ، އެކުދިންނަކީ ދިވެހި ސަރުކާރަށާއި، ދިވެހި ރައްޔިތުންނަށް ޚިދްމަތް ކުރަން ބޭނުންވާ ކުދިންނޭ. އެކުދިން ޤާނޫނާ ޚިލާފު ކަންތައް ކުރީމާ، ޤާނޫނުގެ ކުރިމައްޗަށް ގެންނާނެ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނު ބޭނުންފުޅުވަނީ، ހުރިހާ މައްސަލަތަކެއްވެސް، އިންޞާފުވެރިކަމާ އެކީގައި، ޝަރްޢީ މަރްޙަލާއަށް ގެންދެވުން ކަމުގައި ވިދާޅުވިއެވެ. އަދި ޝަރީޢަތުން މައްސަލަ ފައިޞަލާ ކުރައްވައި ނިންމަވާނެ ކަމުގައި ވިދާޅުވިއެވެ. ކުށް ކޮށްފައިވާ ޒުވާނުން ވީއްލުމުގެ މަސައްކަތް މިހާރުވެސް ހިނގަމުން އެބަދާ ކަމަށާއި، އެހެން ނަމަވެސް، ޕްރޮސެކިއުޓަރ ޖެނެރަލް ނެތުމުން، އެކަމުގައި ދަތިތަކެއް ކުރިމަތިވެވަޑައިގަންނަވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ އުންމީދަކީ، ދިވެހިރާއްޖެ މިހާރު އޮތް ޙާލަތުން މިއަށްވުރެ ރަނގަޅު ޙާލަތަކަށް ގެންދެވުން ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހިންނަކީ މިހާރަށްވުރެ ބޮޑަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގައިވެސް އިޙްތިރާމް ލިބޭ ބައެއްގެ ގޮތުގައި ތިބެ އަދި އަޅުގަނޑުމެން ބަސްބުނީމާ، އިޙްތިރާމް ލިބޭ ބައެއްގެ ގޮތުގައި އަޅުގަނޑުމެން ދައުރެއް އަދާކުރާތަން ފެންނަ ދުވަހެއް ދިވެހިރާއްޖެއަށް ގެނެސްދެއްވުމަކީވެސް އެމަނިކުފާނުގެ އުންމީދު ކަމުގައި ވިދާޅުވިއެވެ. ދައުލަތުގެ އެކި މަޤާމުތަކަށް ވަޑައިގަންނަވާ ބޭފުޅުންނާއި އަދި ރައްޔިތުންނަށް ޚިދްމަތް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ވަޑައިގަންނަވާ ބޭފުޅުންވެސް ސަރުކާރުން ރައްޔިތުންގެ ލާބައާއި ފައިދާއަށްޓަކައި މި ހިންގަވާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްނާޅުއްވައި، އެ މަޝްރޫޢުތައް ކުރިއަށް ދިޔުމުގެ މަގުފަހިކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ. މިކަމާއި ގުޅިގެން އިދިކޮޅު އެމްޑީޕީގެ މެންބަރުން ގެންދަވަނީ ސަރުކާރަށް ފާޑު ވިދާޅުވަމުންނެވެ. އެގޮތުން ރައީސް ޔާމީން މަސައްކަތް ކުރައްވަނީ ބާރުތައް އެއް ކުރެއްވުމަށް ކަމަށް އެފަދަ ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ. ޕީޖީ ކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން މަޖިލީހަށް ދެވަނަ ފަހަރަށް ވެސް ނަންފުޅު ފޮނުއްވާނެ ކަން އިޢުލާނު ކުރައްވާފައިވާ މައުމޫން ހަމީދަކީ ރައީސް ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާ ގޮތުން އެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އާ ބޭފުޅަކު މަޖިލީހުން އައްޔަން ކުރަންޖެހޭއިރު މިދިޔަ ޖެނުއަރީ މަހުގެ ތިރީސް ވަނަ ދުވަހު އެ މުއްދަތު ވަނީ ހަމަވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ