ގާސިމްގެ އިބްރާހީމްގެ ހޫނު ހަމަލާތަކެއް ނަޝީދަށް، ބާރުތައް އަތްދަށުލާން ކުރާ މަސައްކަތް ރައްޔިތުން ބަލައެއް ނުގަންނާނެ

ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ. ގާސިމް ރައީސް ނަޝީދަށް ބަހުގެ ހޫނު ހަމަލާ ތަކެއް ދެއްވީ ކުރީގެ އެކްޓިން ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒު ޖުމުހޫރީ ޕާޓީއަށް ސޮއިކުރުމަށް ޓަކައި ޖޭޕީގެ މައި ޖަގަހަ މާފަންނު ކުނޫޒުގައި ރޭ ބޭއްވި ރަސްމިއްޔާތުގަ އެވެ.
ރައީސް ނަޝީދުގެ ނަން ސީދާ ވިދާޅު ނުވެ ގާސިމް އިބްރާހީމް ރޭ ވިދާޅުވީ، އެކެއްގެ އަތް މަތީގައި ދައުލަތުގެ ހުރިހާ ބާރުތައް އޮތުމާ ދެކޮޅަށް އިއްޔެ އާއި ހަމައަށް ވަކާލާތުކޮށްފައި އެމީހެއްގެ ކޮންޓްރޯލުގެ ދަށަށް ހުރިހާ ބާރެއް ގެންނަން މިއަދު ނުކުމެ މަސައްކަތް ކުރުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ މާޒީގައި ކަންކަން ހިނގައި ގޮސްފައިވާ ގޮތަށް ބަލާ އިރު އެކެއްގެ އަތްމައްޗަށް ހުރިހާ ބާރުތަކެއް ދޫކޮށްލުމާ ރައްޔިތުން އަބަދުވެސް ދެކޮޅުކަން އެނގޭ ކަމަށާއި މިއަދުވެސް ރައްޔިތުން ތިބީ އެގޮތުގައި ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.
ގާސިމް އިބްރާހީމް މިހެން ވިދާޅުވި އިރު ރައީސް ނަޝީދު ގެންދަވަނީ ސަރުކާރުގެ ވައުދުތައް ފުއްދޭނީ އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ ލިބިގެން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.
މަހުޖަނުންނާ ދެކޮޅަށް ނުވަތަ ވިޔަފާރިވެރީންނާ ގުޅޭ ގޮތުން ރައީސް ނަޝީދު މި ފަހަކަށް އައިސް ދައްކަވައިފައިވާ ބައެއް ވާހަކަފުޅުތަކަށް ވެސް ގާސިމް ރޭ ވަނީ ރައްދު ދެއްވައިފަ އެވެ.
ގާސިމް ވިދާޅުވީ މަހުޖަނުންނާއި ވިޔަފާރިވެރީން މަޖިލީހަށް ހޮވުމުން ގައުމަށް ވާނީ ފައިދާ ކަމަށާއި ގައުމާއި ރައްޔިތުންގެ ކުރިއެރުމަށް އެންމެ ބޮޑަށް މަސައްކަތް ކުރާނީ އެބައެއްގެ ކިބައިގައި ޒިންމާއެެއް އޮތް ބަޔަކު ކަމަށެވެ. އަދި އެމީހެއްގެ ކިބައިގައި ޒިންމާއެއް ނެތް މީހަކަށް ކޮންމެ ގޮތެއް ވެސް ވަރިހަމަ ވާނެ ކަމަށާއި އެފަދަ މީހުން ގައުމާ މެދު ވެސް އަދި ރައްޔިތުންނާ މެދު ވެސް ވިސްނަން ބޭނުން ނުވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ވިޔަފާރިވެރީންނާ ގުޅޭ ގޮތުން ގާސިމް މިމޭރުމުން ވާހަކަފުޅު ދެއްކެވި އިރު، ދާދި ފަހުން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހަކީ މުއްސަނދިވާން ވަންނަ ތަނަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި މަޖިިސް މެންބަރުން ވިޔަފާރިކޮށްގެން ނުވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
ގާސިމް އިތުރަށް ވިދާޅުވީ ވަކި މީހަކު ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދުވެސް ވިދާޅުވަމުން ގެންދަވަނީ އެމަނިކުފާނުގެ ސަރުކާރަކީ ކޯލިޝަން ސަރުކާރެއް ކަމަށާއި މި ކޯލިޝަން ދަމަހައްޓަވާނެ ކަމަށެވެ. އަދި ރައީސް ސޯލިހު އެއްބަސްވެވަޑައިގެންނެވި ގޮތުގެ މަތީގައި ދެމިހުންނެވިހާ ދުވަހަކު ހުރިހާ ގޮތަކުން ވެސް އެހީތެރިވެވަޑައިގަންނަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސާފު މެޖޯރިޓީ އެމްޑީޕީއަށް ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދައްކަވަމުން ގެންދަވާ ވާހަކައަށް ވެސް ގާސިމް ވަނީ ރޭ ރައްދުދެއްވައިފަ އެވެ. އެ ގޮތުން މި ސަރުކާރުގައި އެމްޑީޕީއަށް ވެސް އޮތީ ހިއްސާއެއް ކަމަށާއި މުޅި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބިއްޖެ ނަމަ ސަރުކާރު ނުހިންގޭނެ ކަމަށާއި މި ގައުމެއް ވެސް ނޯންނާނެ ކަމަށް ބުނެ ދައްކާ ވާހަކަ އަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫން ކަމަށާއި އެއީ އަމިއްލަ އެދުމުން ދައްކާ ވާހަކައެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ސަރުކާރު ދެމެހެއްޓުމުގެ ޒިންމާ ކޯލިޝަންގެ ހުރިހާ ޕާޓީއަކަށް ވެސް އެބަ އޮތް ކަމަށާއި ހުރިހާ ޕާޓީއަކުން ވެސް އެކަމަށް މަސައްކަތް ކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން ގާސިމްގެ ވާހަކަފުޅުގައި ވިދާޅުވީ ވެރިކަން ލިބުމާ ހަމަޔަށް ވިލާގެ ވިޔަފާރިތަކާއި އެމަނިކުފާނުވެސް ކަމުދިޔަ ކަމަށާއި އެކަމަކު މިހާރު ރާއްޖޭގެ އެއްވެސް ވިޔަފާރިވެރިޔަކު ވެސް، އެއްްވެސް ކުންފުންޏެއް ވެސް އަދި އެމަނިކުފާނު ވެސް ކަމުނުދާ ކަމަށެވެ. ގައުމު ކުރިއަރުވައި ތަރައްގީ ކުރުމުގައި ކޮންމެ ގައުމެއްގައި ވެސް އެންމެ ބޮޑު ޒިންމާއެއް އަދާކުރަނީ އަމިއްލަ ފަރާތްތަކުން ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް ވިދާޅުވީ ގާނޫނާ ޚިލާފަށް ކަންކަން ކުރާ ނަމަ އެޕާޓީން އެއްބާރުލުން ނުދޭނެ ކަމަށެވެ. އެކަމުގެ ނަތީޖާ މިހާތަނަށް އައި އިރު ފެންނާން އޮންނާނެ ކަމަށާއި ދެން ވެސް އެފަދަ ކަމެއް ކަމެއް ނުކުރެއްވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ގާސިމް އިބްރާހީމް ރައީސް ނަޝީދަށް އަމާޒުކުރައްވައި ބަހުގެ ހޫނު ހަމަލާތަކެއް ދެއްވި އިރު، ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭ ގޮތުން ވެސް ދެޕާޓީގެ ދެމެދުގައި ވަނީ ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދިފަ އެވެ. އެގޮތުން އެމްޑީޕީން އަންނަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ދާއިރާއެއް ފިޔަވައި އެހެން ހުރިހާ ދާއިރާތަކަށް ވާދަކުރަން ތައްޔާރުވަމުންނެވެ.
މަޖިލިސް އިންތިޚާބުގެ ކަންކަން ކޯލިޝަނުގެ ޕާޓްނަރުންގެ މެދުގައި އެއްބަސްވެވޭ އުސޫލަކުން ކުރިޔަށް ގެންދަން ބޭއްވި މަޝްވަރާ ބައްދަލުވުންތަކުން ނަތީޖާއެއް ނުނިކުތުމުން ރައީސް ސޯލިހު ވެސް ވަނީ އެމްޑީޕީގެ ގައުމީ މަޖިލިސް އަދި ކޯލިޝަން ޕާޓްނަރުންނާ ބައްދަލުކުރައްވައިފަ އެވެ. އެހާ ހިސާބުން ވެސް އެމައްސަލައަށް ހައްލެއް ލިބިފައެއް ނުވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ މައްސަލަ ހޫނުވީ މަޖިލީހުގެ ހުރިހާ ދާއިރާއަކަށް އެމްޑީޕީން ވާދަކުރަން ރައީސް ނަޝީދު އެޕާޓީގެ ގައުމީ މަޖިލީހަށް ހުށަހެއްވި ހުށަހެޅުއްވުން ފާސްވި ހިސާބުންނެވެ.
ރައީސް ނަޝީދު އެމްޑީޕީން މަޖިލީހުގެ 87 ދާއިރާއަށް ވެސް ވާދަކުރަން ހުށަހަޅުއްވައި އެ ގޮތަށް އެ ޕާޓީން ފާސްކުރި ނަމަވެސް، ރައީސް ސޯލިހު އެމްޑީޕީގެ ގައުމީ މަޖިލީހާ ބައްދަލުކުރައްވައި ވިދާޅުވެފައި ވަނީ އެމްޑީޕީން 87 ދާއިރާއަށް ވާދަކުރި ނަމަވެސް އެ ހުރިހާ ކެންޑިޑޭޓުންނަށް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން އެމަނިކުފާނު ތާއީދު ނުކުރައްވާނެ ކަމަށެވެ. އަދި ކޯލިޝަނުގެ އެއްބަސްވުންތަކަށް އަމަލުކުރައްވާނެ ކަމަށް ރައީސް ސޯލިހު ވަނީ ވިދާޅުވެފަ އެވެ. ކޯލިޝަން ޕާޓްނަރުންނާ އެކު ހަދާފައިވާ އެއްބަސްވުންތަކުގައި ސޮއިކުރައްވައިފައި ވަނީ އޭރުގެ ރިޔާސީ ކެންޑިޑޭޓުގެ ހައިސިއްޔަތުން އިބްރާހީމް މުހައްމަދު ސޯލިހު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ