ނަސްރުގެ ދުވަސް ފާހަގަކުރަން މާލެއާއި ތިނަދޫގައި ސިފައިންގެ ޚާއްސަ ހަރަކަތްތަކެއް
ނަސްރުގެ ދުވަހުގެ މުނާސަބަތުގައި މާލެއާއި ތިނަދޫގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެކަން އެމްއެންޑީއެފުން ހާމަކޮށްފިއެވެ. އެމްއެންޑީއެފުން ބުނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދާ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ މާލޭގައި ހުންނަ އިސްލާމީ މަރުކަޒުގައި މާދަމާ ބޮޑު ޖަމާއަތުގައި ފަތިސް ނަމާދަށް ފަހު ކަމަށެވެ. އެއަށްފަހު އެ ދުވަހުގެ ހެނދުނު، 6:00 ޖަހާއިރު ނޮވެމްބަރު 3ގެ ހަނދާނީ ބިނާގައި ދިދަ ޖަހައި ގާޑް މައުންޓްކުރުމުގެ ރަސްމިއްޔާތު އޮންނާނެ ކަމަށާއި، އޭގެ ފަހުން ހެނދުނު 9:00 ޖަހާއިރު ސޯޝަލް ސެންޓަރުގައި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާ ޒުވާނުންގެ މަރުކަޒުގައި އޮންނާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. ނަސްރުގެ ދުވަސް ފާހަގަކުރުމަށް ޓަކައި އެ ދުވަހު ހަވީރު 4:15ގައި ޖުމްހޫރީ މައިދާނުގައި ސިފައިންގެ އަސްކަރީ ހުށަހެޅުމެއް ވެސް ކުރިއަށް ގެންދާނެ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެމްއެންޑީއެފުން އިތުރަށް ބުނީ މާލޭގެ އިތުރުން އެކި ސަރަހައްދުތަކުގެ އެމްއެންޑީއެފްގެ ކޮމާންޑުތަކުން ސިފައިން ޖަމާއަތުގައި ފަތިސް ނަމާދުކޮށް, ދިދަ ނަގައި އެ ދުވަހުގެ ހެނދުނު ދުވުން ކުރިއަށް ދާނެ ކަމަށެވެ. އަދި ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ ސިފައިންގެ ފޮޓޯ މައުރަޒާއި ސިފައިންގެ އަސްކަރީ ހުށަހެޅުމަކާއި ކުޑަކުދިންގެ ހަވީރެއް ތިނަދޫ ސިޓީގައި މި މަހުގެ ހަތްވަނަ ދުވަހާއި އަށްވަނަ ދުވަހު އޮންނާނެކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ