ހުޅުލެ-ހުޅުމާލެ ހައިވޭ ސޯލާ ޕެނަލުން އޮގަސްޓްގައި ކަރަންޓް އުފައްދަން ފަށާނެ

ހުޅުލެ-ހުޅުމާލެ ގުޅޭ ހައިވޭގައި ކުރިއަށްގެންދާ ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ނިންމާލުމަށް ފަހު، އޮގަސްޓްމަހު އެ ނިޒާމުން ކަރަންޓް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ވޯލްޑް ބޭންކާ އެންވަޔަރަމަންޓު މިނިސްޓްރީ ގުޅިގެން ހިންގާ އެކްސްލެރޭޓިން ސަސްޓެއިނަބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާޖީ (އެސްޕަޔާ) ޕްރޮޖެކްޓުގެ ދަށުން ހިންގާ މި މަޝްރޫއުގެ ދަށުން ފަސް މެގަ ވޯޓުގެ ސޯލާ ޕީވީގެ ތެރޭގައި ހިމެނޭ 1000 ޔުނިޓުތަކުގެ ތެރެއިން ބައެއް ކަނޑައަޅާފައިވަނީ ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހައުސިން ޔުނިޓުތަކުގެ ފުރާޅުގައި ހަރުކުރުމަށެވެ. އަދި މި މަޝްރޫއުގައި ހިމެނޭ ސޯލާ ޕީވީގެ ބޮޑު ބައެއް ގާއިމުކުރާނީ ހުޅުލެ–ހުޅުމާލެ ލިންކް ރޯޑުގައެވެ.
މި މަޝްރޫގެ މަސައްކަތް ކުރިއަށް ދާ ގޮތާ ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއިން ބުނީ މިމަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ސްޓްރަކްޗާ އާއި ސޯލާ ޕީވީ މޮޑިއުލްސް ހަރުކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ކުރިއަށް އޮތް ޖުލައިމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އިތުރަށް އެ މިނިސްޓްރީން ބުނީ ސަރުކާރުގެ އަމާޒަކީ ސޯލާ ޕީވީ މޮޑިއުލްތައް ހަރުކުރުމަށްފަހު، ސްޓެލްކޯގެ ގްރިޑާއި މި ނިޒާމު ގުޅާލައިގެން އަންނަ އޮގަސްޓްމަހު ހަކަތަ އުފެއްދުމުގެ މަސައްކަތް ފެށުންކަމަށެވެ. އިތުރަށް މިނިސްޓްރީން ބުނީ ރާއްޖޭގައި އެއްފަހަރާ އެންމެ ގިނަ އަދަދަކަށް އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުގެ މަޝްރޫއާ އެކު ކުރިން ސޯލާ ހަކަތައިން އުފައްދާ ކަރަންޓު ޔުނިޓަކަށް ޖެހޭ އަދަދުގެ ދެބައިކުޅަ އެއްބައި އަގުހެޔޮ ރޭޓެއްގައި ކަރަންޓު ލިބޭނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ