ނުނިމި އެތައް މަސައްކަތެއް އޮތްއިރުވެސް މިއަދުގެ ޖަލްސާވެސް ކެންސަލް

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފުނިޖެހިފައިވަނިކޮށް ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ނަވާރަވަނަ މަޖިލީހުގެ ދައުރު ހަމަވާން މަދު ދުވަސްކޮޅަކަށްވެފައިވާއިރު ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އިއްޔެ ބޭއްވި ޖަލްސާގައި މެންބަރުނާއި ކޮމިޓީތަކުގެ މުގައްރިރުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އެގޮތުން، އަންނަ ހުކުރު ދުވަހު އެންމެ ލަސްވެގެން ކޮމިޓީ ރިޕޯޓުތައް މެންބަރުންނާއި ހިއްސާ ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
މެންބަރުން މަޖިލީހަށް ހާޒިރުވެވަޑައިގަތުމަށާއި ކޮމިޓީގެ މަސައްކަތްތައް ނިންމުމަށް މަޖިލީހުގެ ރައީސް އެދިވަޑައިގެންފައިވާއިރު މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވުމުގެ ސަބަބުން ވަނީ ނިންމާލާފައެވެ. މި ޖަލްސާ އެންމެ ފުރަތަމަ ތަވަލު ކުރީ ހެނދުނު 9:00 އަށެވެ. އެގަޑިއަށް ކޯރަމް ހަމަނުވާތީ 10:00 ޖަހާއިރު ޖަލްސާ ފެށުމަށް މަޖިލީހުގެ ރައީސް ނިންމެވިއެވެ. އަސްލަމް ވިދާޅުވި ގޮތުގައި ބައެއް މެންބަރުން ތިއްބެވީ މަޖިލިސްކުރާ މާލަމަށް ނުވަދެ މަޖިލީހުގެ ގޯތި ތެރޭގައެވެ.
ހެނދުނު 10:00 އަށް ޖަލްސާ ފެށުމަށް ތާވަލުކުރުމަށްފަހު ވެސް ކޯރަމް ހަމަނުވާތީ ދެވަނަ ފަހަރަށް ވަގުތު އިތުރު ކުރުމަށް ރިޔާސަތުން ނިންމެވިއެވެ. އެގޮތުން، 11:00 ޖަހާއިރު ޖަލްސާ ފެށުމަށް ތަވާލުކުރިނަމަވެސް ކޯރަމް ހަމަނުވުމުން ރިޔާސަތުން ވަނީ ޖަލްސާ ނިންމަވާލައްވާފައެވެ.
ޖަލްސާ ނިންމަވާލިއިރު ތަޅުމުގައި ތިއްބެވީ 10 މެންބަރުން ކަމަށް ރިޔާސަތުން އިއުލާން ކުރެއްވިއެވެ. މަޖިލީހުގެ ޖަލްސާ ކުރިއަށްގެންދިއުމަށް ކޯރަމް ހަމަވާނީ 22 މެންބަރުން ހާޒިރުވެވަޑައިގެންނެވެ.
މަޖިލީހުގައި ނުނިމި ގިނަ މަސައްކަތްތަކެއް ހުރިއިރު ބުރާސްފަތި ދުވަހާއި އާދީއްތަ ދުވަހުވެސް ޖަލްސާތައް ބާއްވާފާނެކަމުގެ އިޝާރާތެއް މަޖިލީހުގެ ރިޔާސަތުން ވަނީ ދެއްވާފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ