އެމްޑީޕީން ބޭނުންވީ މަޝްރޫޢުތައް ހުއްޓުވަން، އެކަމެއް ނުވި - ނައިބު ރައީސް

އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މިހާރުގެ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ބޭނުންވީ މިދިޔަ މަޖިލިސް އިންތިޚާބާ ދިމާކޮށް މަޝްރޫޢުތައް ހުއްޓުވާލަންކަމަށާއި އެހެންނަމަވެސް އެ މީހުންނަށް އެކަމެއް ނުވިކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ 7 ވަނަ އަހަރީ ދުވާހާއި އަދި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓިވިއުގައެވެ.
މިދިޔަ މަޖިލިސް އިންތިޚާބުގައި ސަރުކާރަށް ލިބުނު ބޮޑު ކާމިޔާބީއާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކޮށް މަޝްރޫޢުތައް ހިންގުމަށް އެންމެ ފަސޭހަވާނީ ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހެއް އޮވެގެން ކަމަށެވެ. އަދި ސަރުކާރަށް ޖެއްސުންކުރާ މަޖިލީހެއް އޮވެގެން މަޝްރޫޢުތައް ކުރިއަށްގެންގޮސް ރައްޔިތުންނަށްވި ވަޢުދުތައް ފުއްދުމުގައި ދަތިތަކާ ކުރިމަތިލާންޖެހޭނެކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް ވިދާޅުވީ، މަޖިލީހުން ޒިންމާދާރުކަމާއެކީ ބިލުތަކަށް ބަހުސްކޮށް، މަޖިލީހުން ކުރަންޖެހޭ މަސައްކަތްތައް އަވަހަށް ނިންމަންޖެހޭ ކަމަށެވެ. އެހެންނަމަވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު މިހާރު އޮތް މަޖިލީހުން ފެނުނީ ސަރުކާރަށް ޖެއްސުންކޮށް ކަންކަން ލަސްކުރާ މަންޒަރުކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ މި ނިމިގެންދާ މަޖިލީހުން މަސައްކަތްކުރީ ސަރުކާރުގެ މަޝްރޫޢުތަކާއި މަސައްކަތްތައް ހުއްޓުވާލަން ކަމަށެވެ. އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ޙިކުމަތާއި ވިސްނުންފުޅުގެ ސަބަބުން މިއަހަރުގެ ބަޖެޓުގައި ނުހިމަނާހުރި ބައެއް މަޝްރޫޢުތައްވެސް ފައްޓަވާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އެގޮތުން މިސާލެއްގެ ގޮތުގައި ރަސްމާލެ މަޝްރޫޢު ނައިބު ރައީސް ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މަޖިލީހުގެ އެއްބާރުލުން ނުލިބުނުނަމަވެސް ރައްޔިތުންނަށް ބޭނުންވެފައިހުރި ގިނަ ކަންކަން ނިންމަވާ ގިނަ ކަންކަން މިހާރު ހުރީ ތަންފީޒީ މަރުޙަލާގައިކަމަށް ނައިބު ރައީސް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ދެން ރައްޔިތުންނަށް ފެންނާނީ ތަފާތު މަންޒަރެއްކަމަށާއި މަޖިލީހުގެ މަސައްކަތްތައް ވަރަށް ހަލުވިވާނެ ކަމަށެވެ.
"އަޅުގަނޑުމެން ބޭނުމެއްނުވޭ ވަގުތު ބޭކާރުކުރާކަށް. ރައީސް ވެވަޑައިގެންނެވި ވަޢުދުތައް މި 5 އަހަރު ތެރޭ ފުއްދުމަށް އަޅުގަނޑުމެން މަސައްކަތްކުރާނީ." ނައިބު ރައީސް ވިދާޅުވިއެވެ.
މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް ޕީއެންސީއަށް ވަނީ ބޮޑު ކާމިޔާބެއް ލިބިފައެވެ. އެގޮތުން 20 ވަނަ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އެ ޕާޓީން ހޯދީ 66 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އަދި އިންތިޚާބަށްފަހު އަމިއްލަ ގޮތުން މަޖިލީހަށް އިންތިޚާބުވި 7 ފަރާތަކު ޕީއެންސީއަށް ވަނީ ސޮއިކޮށްފައެވެ.
ވީމާ އައު މަޖިލީހުގައި ސަރުކާރު ތަމްސީލުކުރާ ޕީއެންސީ މެންބަރުންގެ ޖުމްލަ އަދަދަކީ 73 އެވެ. މިއީ މީގެ ކުރިން އެއްވެސް ސަރުކާރު ތަމްސީލުކުރާ ޕާޓީއަކަށް ގޮނޑި ލިބިފައިވާ އަދަދަށްވުރެ ގިނަ އަދަދެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ