ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުން އަވަސް ކުރުމަށް އިތުރު ޑްރެޖަރެއް ބޭނުންކުރަން ފަށައިފި

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު ޑްރެޖާ އެއް ގެނެސް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
މީގެ ކުރިން 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ އެއް ޑްރެޖާ ބޭނުންކޮށްގެންނެވެ. އެއީ "ޓީއެސްއެޗްޑީ ވިލެމް ވެން އޮރަންހީ" އެވެ. މި ޑްރެޖާގެ ކެޕޭސިޓީ އަކީ 12،000 ކޮޑިމީޓަރެވެ.
އެޗްޑީސީ އިން ބުނީ އެޗްބިން ހިއްކުމުގެ މަސައްކަތަށް މިއަދު ގެނައި ދެވަނަ ޑްރެޖާ "ޓީއެސްއެޗްޑީ ޕްރިންސް ޑި ނެޑަރލެންޑެން" ގައި 22،000 ކޮޑިމީޓަރުގެ ވެލި އުފުލޭނެކަމަށެވެ. އަދި ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި މި 2 ޑްރެޖާ އެކީގައި ބޭނުންކުރަން ފެށުމުން މަސައްކަތް އިތުރަށް ހަލުވިވެގެންދާނެކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފައެވެ.
ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. އެޗްޑީސީއިން ބުނީ އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކައި ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.
އެޗްޑީސީއިން ވިދާޅުވި ގޮތުގައި، ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދަނީ 2 ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ބައިގޮތުގައި ހިއްކުމަށް ކަނޑައަޅާފައިވަ ސަރަހައްދުގެ 10 ހެކްޓަރު ބިން މިހާރު ވަނީ ހިއްކާ ނިމިފައެވެ. އަދި މިހާރު ކުރިއަށް ދަނީ ދެވަނަ ބައިގެ ނުނިމި އޮތްބައި ހިއްކުމުގެ މަސައްކަތެވެ. އެގޮތުން ހުޅުމަލޭގެ 3 ވަނަ ފިޔަވަހީގެ ގޮތުގައި މުޅި ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ