ޓާޓާ ފްލެޓް ނުލިބުނު މީހުންނަށް ސަރުކާރުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ހަމަޖައްސައިދެނީ

އަރަބިއްޔާ އާއި އަގާކޮށީގައި ބިނާ ކުރެވުނު ޓާޓާ ފްލެޓަށް ޝަރުތުހަމަވި ނަމަވެސް ފްލެޓް ނުލިބުނު ފަރާތްތަކަށް  ސަރުކާރުގެ މަޝްރޫއުތަކުން ގެދޮރުވެރިކަން ހަމަޖަައްސާ ދިނުމަށް ނިންމާފައިވާ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
އެ ވުޒާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، 2010 ވަނައަހަރު ހުޅުވާލި އިޖްތިމާއީ ބޯހިޔާވަހިކަމުގެ މަޝްރޫއުން އަރަބިއްޔާ އަގާކޮށީގައި އިމާރާތްކުރި ޓާޓާ ފްލެޓްތަކަށް ޝަރުތު ހަމަވިނަމަވެސް ފްލެޓް ލިބުމުން މަރްހޫމްވެފައިވާ ފަރާތްތަކާއި، އެ މަޝްރޫޢުން ފްލެޓް ހޯދުމަށްބޮޑު އިންޓެރެސްޓެއްގައި ލޯނު ހަމަޖައްސަން ޖެހުނު ފަރާތްތަކުގެ ތެރެއިން މިހާތަނަށް އެހެން އެއްވެސް މަޝްރޫއަކުން ބޯހިޔާވަހިކަން ލިބިފައިނުވާ ފަރާތްތަކަށް މިހާރު، ސަރުކާރުން އިމާރާތް ކުރަމުންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން އިޖްތިމާއީ ބޯހިޔާވަހިކަން ހޯދައިދޭން ނިންމާފައިވާ ކަމަށެވެ.
މިއީ މި ސަރުކާރުން އެކުލަވާލާފައިވާ ބޯހިޔާވަހިކަމަށް ޖުމްލަ ހައްލެއް ހޯދުމުގެ ސިޔާސަތުގެ ދަށުން، ކުރީ ސަރުކާރުތަކުން ހިންގާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ބޯހިޔާވަހިކަން ލިބުމުން މަޙްރޫމުވެފައިވާ ފަރާތްތަކަށް އެންމެ އަވަހަށް ކުރިޔަށްގެންދާ މަޝްރޫޢަކުން ބޯހިޔާވަހިކަން ހޯދައިދިނުމަށާއި، އެފަދަ އެކި މަޝްރޫއުތަކުން ލިބިފައިވާ ބޯހިޔާވަހިކަމަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި ދިމާވެފައިވާ ދަތިކަމަށް ހައްލެއް ހޯދައިދިނުމަށް ނިންމި ނިންމުމެއް ކަމަށް އެވުޒާރާއިން މައުލޫމާތުދެއެެވެ.
ބޯހިޔާވަހިކަމުގެ މައްސަލަ އަށް ހައްލެއް ހޯދުމަކީ ރައީސް ޑރ.މުޢިއްޒުގެ ވައުދުފުޅަކަށް ވާއިރު، އެމަނިކުފާނު ވަނީ، މި ފަސް އަހަރު ނިމިގެން ދާއިރު ރާއްޖޭގައި ބޯހިޔާވަހިކަން ނުލިބޭ މީހަކު ނުހުންނާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ