ގުޅީފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން: ރައީސް

ގުޅީފަޅުގައި މިހާރު ހިއްކާފައިވާ ސަރަހައްދުން ގޯތި ދޫކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ގުޅީފަޅާއި ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތުދެއްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވީ، ގުޅިފަޅު ބިން ހިއްކުމުގެ މަސައްކަތަކީ މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތާއި އެއްގޮތައް އެންމެ ފުން ސަރަހައްދާއި އެއްކޮށް ހިއްކާ ނިންމާނެ މަޝްރޫއެއްކަމަށެވެ.
މިހާރު ހިނގަނީ ހިއްކާފައިވާ ސަރަހައްދުގައި ހިމާޔަތްކުރުމަށް ތޮށި ޖެހުމުގެ މަސައްކަތްކަން ރައީސް ފާހަގަކުރެއްވިއެވެ. އެ މަސައްކަތްވެސް ވަރަށް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށާއި، ރިވެޓްމަންޓް ޖެހުމަށް ބޭނުންވާ ހިލަވެސް ހުރީ ގެނެސްފައިކަން ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ، ގުޅީފަޅު ހިއްކާފައި އޮތް ސަރަހައްދު ހިމާޔަތްކުރުމަށް ތޮށި ޖެހުމުގެ މަސައްކަތް އޮގަސްޓް ނުވަތަ ސެޕްޓެމްބަރ މަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށެވެ. ބާކީއޮތް ސަރަޙައްދު ހިއްކުމަށް އެމްޓީސީސީއާއިއެކު ސޮއިކޮށްފައިވާކަމަށާއި، އެއީ 85 ހެކްޓަރުގެ ބިންކަމަށް ރައީސް ވިދާޅުވިއެވެ.
"ގޯތި ލިބުނު އެންމެންނަށް މިހާރު މި ހިއްކިފައި އޮތް ތަނުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނަން އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ. ދެން ގިރާވަޅުފަޅުން ގޯތިދޭ ސަރަހައްދުގެ އިތުރަށް ދީފަހުރި ގޯތިތައް ގުޅިފަޅަށް ބަދަލުކުރަން އެދޭ ފަރާތްތަކަށް އެ ފުރުސަތު އެއޮތީ ހުޅުވާލެވިފައި މިހާރު. އެހެންވީމަ އެ ފަރާތްތަކާއި އެކީގައި އެ ފަރާތްތަކަށް ގޯތި ހަވާލުކުރެވިގެންދާނެ. ވަރަށް އަވަހަށް ގޯތި ހަވާލުކުރާނަން." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ގުޅީފަޅުގައި ފެނާއި، ކަރަންޓާއި، ނަރުދަމާއާއި މަގުހެދުމަށްވެސް މިއަހަރު ތެރޭގައި ބޮޑު މަޝްރޫއެއް ފެށިގެންދާނެކަމަށެވެ. މިހާރު އެކަމާއި ބެހޭ އިނިޝިއަލް އެމްއޯޔޫގައި ސޮއިކުރެވިފައިވާކަމަށެވެ. މިކަމަށް ބޭނުންވާ ފައިސާވެސް ޗައިނާ ސަރުކާރާއިއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ