އޭޕްރިލްމަހުގެ 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ހައްވާ ޔުމްނު ނަމަކަށް ކިޔާ 21 އަހަރުގެ ޒުވާން އަންހެނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލަ ބެލުމަށް އުފެއްދި ހާއްސަ ކޮމިޝަންގެ މެންބަރުންގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ ކަމުގެ ޔަގީންކަން އެ ކޮމިޝަނުގެ ރައީސް ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރު ދެއްވައިފިއެވެ.
ޔުމްނު ވެއްޓުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅިގެން މިނިވަން، މުސްތަގިއްލު އަދި އިތުބާރު ހިފޭ ތަހުގީގެއްކުރުމަށާ، އެ ހާދިސާގެ ހަގީގަޔް ހޯދައި، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކީ ކޮބައިކަން ބެލުމަށާއި، އެ މައްސަލައާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަހުގީގެއް އިންސާފުވެރިކަމާއި އަދުލުވެރިކަމާއެކީ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި ކޮމިޝަންގައި ޖުމްލަ ފަސް މެންބަރުން ހިމެނެއެވެ.
އެއީ؛
Advertisement
ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ (ރައީސް)
ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
ޑޮކްޓަރ މޫސާ މުރާދު، ދަފުތަރު ނަންބަރު ރސ 641
ޖަބީން މުޙައްމަދު، ތ. ވޭމަންޑޫ، މޫނިމާގެ
އާމިނަތު އީނާސް، ހ. ހަބަރުގެ
އެ ކޮމިޝަންގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުން މިއަދު ބާއްވާފައިވާއިރު، ބައްދަލުވުމުގައި ވާހަަކަދައްކަވަމުން ޑރ. މުނައްވަރު ވިދާޅުވީ، ކޮމިޝަނަށް ހަވާލުކުރެވިފައިވާ މަސައްކަތްތައް މިހާރު ފެށިފައުވާ ކަމަށާ، އެކަމަށްޓަކައި ކަމާއި ގުޅުންހުރި މުވައްސަސާ ތަކާއި ބައްދަލުކުރައްވަމުންދާ ކަމަށެވެ. އެގޮތުން އިއްޔެވެސް އެއް މުވައްސަސާއަކާއި އެކު މަޝްވަރާ ކުރިއަށް ގެންގޮސްފައިވާއިރު މިއަދުވެސް އެހެން މުވައްސަސާއަކާއި އެކު މަޝްވަރާތައް ކުރިއަށް ދާނެ ކަމަށް ވިދާޅުވިއެވެ.
މުނައްވަރު ވިދާޅުވި ގޮތުގައި، އެ މައްސަލައަކީ ވަރަށް ޚައްސާސް މައްސަލައަކަށް ވުމުން، ކޮމިޝަންގެ އަމާޒަކީ ވޭހާވެސް އަވަހަށް މަސައްކަތްތައް ނިންމައި، ކަނޑައަޅަންޖެހޭ ކަންކަން ކަނޑައަޅުއްވައި، ލަފާއަރުވަންޖެހޭ ފަރާތްތަކަށް ލަފާއެރުއްވުމެވެ.
މިއާއެކު، ކޮމިޝަންގެ މަސައްކަތް ތަކަށް އެހެން ފަރާތެއްގެ ނުފޯޒު ނުފޯރާނެ ކަމުގެ ކިހާ ޔަގީންކަމެއް އޮތްތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުނައްވަރު ވިދާޅުވީ، އޭނާ އަކީ ނުފޫޒް ހިންގަން ފަސޭހަ މީހަކަށް ނުވާނެކަން އޭނާ ދަންނަ ގިނަ މީހުންނަށް އެނގޭނެ ކަމަށެވެ.
އެހެންވީމާ މިނިވަންކޮށް ކަންކަން ބެލުމަށް ހަމަ ގައިމުވެސް އަޅުގަނޑުގެ މައްޗަށް ނުފޫޒު ހިންގުން ފަސޭހަ ކަމަކަށް ނުވާނެ. އެކަމުގެ ޔަގީންކަން އެބައޮވޭ. ދެން ތިބި ބޭފުޅުންގެ އިންޓެގްރިޓީއާ ދޭތެރޭގައި އަޅުގަނޑުގެ ހިތުގައި ސުވާލެއް ނާދޭ. އަޅުގަނޑުގެ ބެލުމުގެ ދަށުން މި މަސައްކަތް ގެންދިޔުމުގައި އަޅުގަނޑަށް ވަރަށް ޔަގީންކަން އެބޮތް މި ފުރިހަމައަށް މިނިވަންކޮށް ގެންދެވޭނެކަން.
ޑރ. މުޙައްމަދު މުނައްވަރު
މުނައްވަރު ވިދާޅުވީ، ކޮމިޝަންގެ މަސައްކަތް މިނިވަންކޮށް ނުގެންދެވި، އެއްވެސް ފަރާތެއްގެ ނުފޫޒު އެކަމަށް ފޯރުވާނަމަ
މިނިވަންކޮށް މިކަން ނުގެންދެވޭ ކަމަށް ވެއްޖެއްޔާ، އެއްވެސް ފަރާތެއްގެ ނުފޫޒް، އަޅުގަނޑުމެންނަށް ފެންނަ ގޮތަށް ނޫންގޮތަކަށް ނުފޫޒަށއ ކަމެއް ނިންމަންޖެހޭ ގޮތަށް ޕްރެޝަރެއް އަތުވެއްޖެއްޔާ އަޅުގަނޑު އިސްތިއުފާ ދޭނަން. އެއީ އަޅުގަނޑަށް ދެވޭނެ ޔަގީން ކަމަކީ
ޑރ. މުޙައްމަދު މުނައްވަރު
މި މައްސަލާގައި ފުލުހުންގެ މައްޗަށް ނުފޫޒު ފޯރުވާ ކަމަށް ބުނެ، އާއްމުންގެ ނުރުހުން އެ މުވައްސަސާއަށް މީގެ ކުރިން އަމާޒުވެގެން ދިޔުމާއެކު ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.
މިނިވަންކަމާއެކު މައްސަލަ ބެލޭނެ؛ ނުފޫޒެއް ފޯރުވާ ނަމަ އަޅުގަނޑު އިސްތިއުފާ ދޭނަން: ޑރ. މުނައްވަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ