މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީން އަތުން ނާޖާއިޒު މަންފާތަކެއް ނެގި ކަމަށް ބުނާ މައްސަލައެއްގައި، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ބަންދުކުރި ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްދޭން ހައި ކޯޓަށް ހުށަހެޅި މައްސަލަ ބަަަލައިނުގަނެ އިއްޔެ ބޭރުކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ރިޝްވަތުގެ ތުހުމަތުގައި އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުން ޝަމްއާން ވަކިކޮށް، ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުގެ ރޭގަ އެވެ. މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖެހި އެވެ.
ޝަމްއާން ބަންދުކުރަން ނެރުނު އަމުރު އޭނާގެ ފަރާތުން އެ ކޯޓުގައި އިސްތިއުނާފުކުރީ އިއްޔެ އެވެ. ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުގައި، އެ މައްސަލަ އިއްޔެ އެ ކޯޓުން ބަލައިނުގަނެ ވަނީ ބޭރުކޮށްލައިފަ އެވެ.
ތަފްސީލް - ބަންދު އަމުރު ބާތިލުކޮށްދޭން ޝަމްއާންގެ ފަރާތުން ހުށަހެޅީ އޭނާގެ ބަންދު އަމުރު ޖެހުމުގައި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ގޯހެއް ހަދާފައިވާކަމަށާއި، ރިޔަތްކުރަން ޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނެ އެވެ.
އެ މައްސަލަ ހައި ކޯޓަށް ބަލައިނުގަންނަން އެ ކޯޓުގެ ރަޖިސްޓްރާ އިއްޔެ ނިންމެވި ނިންމެވުމުގައި ބުނީ ފަނޑިޔާރު ގޯހެއް ހަދާފައިވާ ކަމަށާއި އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ގާނޫނު ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެ ކަމަށެވެ.
ރަޖިސްޓްރާގެ ނިންމުމުގައި ބުނީ:
އެފަދައިން ކަންކަން ހުރިކަމަށް ބުނާ ނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން ސާފުކޮށްދޭން ޖެހޭ؛ އެކަން އިސްތިއުނާފް ކުރި މައްސަލާގައި ސާފުކޮށްދީފައެއް ނުވޭ
ބަންދު އަމުރު ނެރުމަށް ދަށު ކޯޓުގެ ފަނޑިޔާރަށް ލިބިފައިވާ އިހުތިޔާރުގެ ތެރެއަށް އިސްތިއުނާފީ ކޯޓަކުން ވަންނަންޖެހޭ ފަދަ ހާލަތެއް ހުށަހަޅާފައިވާ އިސްތިއުނާފްގައި ބަޔާންކޮށްފައި ނެތް
ފާހަގަކޮށްލެވޭ ކަމެއް - މި މައްސަލާގައި ޝަމްއާންގެ އަނބިކަނބަލުން ހިދްފާ ފާއިޒްގެ ފޯނު ފުލުހުން ވަނީ ހިފަހައްޓައިފަ އެވެ. އިތުރު ދެ މީހެއްގެ ޕާސްޕޯޓް ވެސް ހިފެހެއްޓި އެވެ. ޕާސްޕޯޓް ހިފެހެއްޓީ ކޮން ބަޔަކުގެ ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
މި މައްސަލާގައި ޝަމްއާންގެ އިތުރު އިމިގްރޭޝަންގެ ހަތަރު އޮފިސަރަކު ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ. ފުލުހުން ތުހުމަތުކުރާ ގޮތުގައި:
މަގާމުގެ ނުފޫޒުގެ ބޭނުންކޮށް އެ މުވައްޒަފުން ވަނީ، ބިދޭސީން އުޅޭ ގެއެއް ބަލައި ފާސްކޮށް، އެ ގެއިން ބިދޭސީންތަކެއް ހިފަހައްޓާފައި
އެ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންދިޔައީ 530،000ރ.އާ އެކުގައި
އޭގެ އެއް ދުވަސް ފަހުން، ޝައްމާންގެ އަމުރަށް، ނަގުދު ފައިސާއާ އެކު ބިދޭސީއަކު ދަންވަރު ވަގުތުގައި ދޫކޮށްލި
މުވައްޒަފުން ވަނީ އެ ބިދޭސީ މީހާއާ މަގުމަތިން ބައްދަލުކޮށް، އޭނާގެ އަތުގައި ހުރި ފައިސާތައް ޝަމްއާންގެ ގެއަށް ގެންގޮސްފައި
ޝަމްއާންގެ ގެ ބަލައިފާސްކޮށް ގިނަ އަދަދެއްގެ ފައިސާ އާއި އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައި
ޝަމްއާންގެ ބަންދު އަމުރު ބާތިލުކޮށްދޭން ހުށަހެޅި މައްސަލަ ހައި ކޯޓުން ބަލައެއް ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ