ކައުންސިލްތަކުގެ މެންބަރުންގެ އަދަދު މަދު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ދެކިވަޑައިގަންނަވާ ގޮތް ބެލުމަށްޓަކައި ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - މިއަދުގެ މަޖިލިސް ޖަލްސާގައި މި ގަރާރު ޕީއެންސީގެ ފަރާތުން ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުގެ ނައިބު ލީޑަރު، ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އެވެ.
ތަފްސީލު - އެ ގާރުގައި މައިގަނޑު ގޮތެއްގައި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، ރާއްޖޭގެ ކޮންމެ ރަށެއްގައި މަދުވެގެން ފަސް ކައުންސިލަރުން ތިބެން ޖެހުމުން ކުރަން ޖެހޭ ހަރަދު ބޮޑު ކަމުގެ ވާހަކަ އާއި އެއާ އެއްވަރަށް ނަތީޖާ ނުނެރެވޭ ކަމުގެ ކަންބޮޑުވުމެވެ.
"ދައުލަތުގެ ހަރަދު ބޮޑުވެ އިގްތިސާދު ކުރަންޖެހިފައިވާ މިފަދަ ދަނޑިވަޅެއްގައި ގާނޫނުގައި ބަޔާން ކުރާތީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ރާއްޖޭގެ ކޮންމެ ރަށަކުން މަދުވެގެން 5 ކައުންސިލަރުން ތިބެން ކޮންމެހެން ލާޒިމް ކޮށްފައި އޮތުން އެންމެ ރަނގަޅުތޯ އެއީ ވަރަށް ގިނަ ރައްޔިތުންކުރަމުންދާ ސުވާލެކެވެ،" އެ ގަރާރު ފައްޓަވަމުން ޝުޖާއު ވިދާޅުވި އެވެ.
އެ ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި ކަމާ ބެހޭ ފަރާތްތަކަށް މި މައްސަލައިގައި ހައްލެއް ހޯދައިދިނުމުގައި މަޖިލީހުން ދެކޭ ގޮތް ބެލުމަށް މި ގަރާރު ހުށަހެޅުއްވީ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ގަރާރުގައި އޭނާ ފާހަގަ ކުރެއްވި ގޮތުގައި:
ލާމަރުކަޒީ ގާނޫނަށް އަމަލު ކުރަން ފެށިތާ މިވީ 15 އަހަރު ތެރޭ މިހާތަނަށް 15 ފަހަރު އިސްލާހުކޮށްފައިވޭ؛ ކޮންމެ ސަރުކާރަކުން ވެސް ބަލާފައިވަނީ "ޕެޗް" އަޅައިގެން ގާނޫނަށް އެ ވަގުތަށް ބޭނުންވާ އިސްލާހެއް ގެނެސް ހައްލު ހޯދުމަށް
މި 15 އަހަރު ތެރޭ 4 ކައުންސިލް އިންތިހާބެއް ބާއްވައި އެތައް ހާސް ކައުންސިލަރުން އިންތިހާބުކޮށް، އެތަކެއް ބިލިއަން ރުފިޔާ ބަޖެޓުން މި ނިޒާމަށް ވަނީ ހަރަދުވެފައި
ނަމަވެސް ލާމަރުކަޒީ ނިޒާމުގެ ސަބަބުން ހިންގުމަށް އައި އިތުރު ބަދަލަކާއި ފަސޭހައެއް ނުވަތަ މި ނިޒާމުގެ ސަބަބުން ރަށްތަކާއި އަތޮޅުތަކުގެ ތަރައްގީއަށް ގެނެވުނު އިތުރު ބަދަލެއް ފެންނާކަށް ނެތް
"ކަތީބުން ގެއަށް ފޮނުވާލައި" ރައްޔިތުން އިންތިހާބު ކުރާ ކައުންސިލަރުން ތިބޭ ގޮތަށް ގެނައި މި ނިޒާމު ގެނައީ ފޮނި އުންމީދުތަކާ އެކު ނަމަވެސް މިހާރު މި ނިޒާމު އޮތީ "ސިޔާސީ ޕާޓީތަކުގެ އެކްޓިވިސްޓުންނަށް" ޖާގަ ދޭ ނިޒާމެއްގެ ގޮތުގައި
"މި ނިޒާމުގެ ސަބަބުން މިހާތަނަށް ފާހަގަވެފައިވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެކި ސިޔާސީ ޕާޓީތަކުގެ އިސް ހަރަކާތްތެރިން ރަށްތަކުގެ އިދާރީ ހިންގުމުގެ އެންމެ އިސްވެރިންގެ ގޮތުގައި އިންތިހާބުކުރާ ނިޒާމަކަށް މި ނިޒާމު ބައްޓަންވެގެން ގޮސްފައި އޮތުމެވެ،" 20 ވަނަ މަޖިލީހަށް އިންތިހާބުވެވަޑައިގަތުމުގެ ކުރިން މާލޭ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ މެންބަރުކަން ކުރެއްވި ޝުޖާއު ވިދާޅުވި އެވެ.
"އިދިކޮޅު ޕާޓީން ނެރޭ ކެންޑިޑޭޓުން ގިނަ ފަހަރަށް ސަރުކާރަށް އެއްބާރުލުން ނުދޭކަމުގެ ޝަކުވާ އާންމުވެފައި އޮންނައިރު، ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ވެސް ސީދާ ގޮތެއްގައި ހުރަސް އަޅާފައި އެބަހުރި."
ޝުޖާއުގެ ގަރާރުގައި އޭނާ ވަނީ ކައުންސިލް ކުޑަ ކުރުމަށް އޭނާއަށް ފެނިވަޑައިގަންނަވާ ފޯމިއުލާއެއް ވެސް ދެއްވާފަ އެވެ. އެގޮތުން، އޭނާ ވިދާޅުވި ގޮތުގައި:
ފުލްޓައިމްކޮށް ފަސް ކައުންސިލަރުން ތިބުމުގެ ބަދަލުގައި ބައެއް ކައުންސިލަރުންނަކީ ސިޓިން އެލަވަންސް ލިބޭ ބަޔަކަށް ހަދަން ފެނޭ
އެކެއް ނުވަތަ ދެ ކައުންސިލަރުންނަކީ ފުލްޓައިމްކޮށް ތިބޭ ކައުންސިލަރުންނަށް ހެދިދާނެ
މިގޮތަށް ހަދައިފި ނަމަ، އެތައް ގުނައެއް ހަރަދު ކުޑަކުރެވިގެންދާނެ އަދި ޕްރޮފެޝަނަލް އިލްމީ ގާބިލު އެތަކެއް ބައެއްގެ ވިސްނުމާއި ހަކަތަ ރަށްރަށުގެ ހިންގުމަށް ޖާގަ ލިބިގެންދާނެ
ފާހަގަކޮށްލެވޭ ކަމެއް - ކައުންސިލްތައް ކުޑަ ކުރުމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ހިޔާލުތައް ހޯދުމަށް ޕީއެންސީން ގަރާރެއް ހުށަހެޅިއިރު، މިދިޔަ އަހަރު ތެރޭ ރައީސް މުހައްމަދު މުއިއްޒު ވެސް ވަނީ މި ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވެ އެވެ. އެ މަނިކުފާނު ގެންގުޅުއްވާ ވިސްނުމަކީ 3،000 އިން ދަށުގެ އާބާދީތަކުގައި ތިން ކައުންސިލަރުން ތިބޭ ގޮތަށް ހެދުމަށެވެ.
ކައުންސިލްތައް ކުޑަކުރުމަށް ހިޔާލު ހޯދަން ޕީއެންސީން މަޖިލީހަށް ގަރާރެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ