ހިޔާ ފްލެޓްތަކުގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ބޭނުންވޭ: އާދަމް ޝަރީފް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން ގާއިމް ކުރި ހިޔާ ފްލެޓްތަކުގެ ކަރަންޓަށް ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދައި ދިނުމަށް ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ގޮވާލައްވައިފިއެވެ.
އާދަމް ޝަރީފް މިރޭ ކުރެއްވި ޓްވީޓެއްގައި "ހިޔާ ފްލެޓްގައި ކަރަންޓު ނެތުމުގެ ސަބަބުން މިއަދު ބޮޑެތި ތަކުލީފުތަކެއް އުފުލަން ޖެހުނުއިރު, ބައެއް އާއިލާތައް ރޯދަ ވީއްލޭނެ ގޮތެއް ނެތިފައި ގިނަ އިރުތަކެއް ތިބެން ޖެހުނުކަމީ ނުހަނު ކަންބޮޑުވާ ކަމެއް. މިކަމަށް ދާއިމީ ހައްލެއް ބޭނުންވޭ" ކަމަށް ވިދާޅުވިއެވެ.
ހިޔާ ފްލެޓްތަކުގެ އެޗް1 އިން އެޗް8 ގެ ފްލެޓްތަކުން ކަރަންޓް ކެނޑިފައި ވަނީ މިއަދު 5:40 ހާއިރު އެވެ. ސްޓެލްކޯއިން އޭރު ބުނެފައިވަނީ ދިމާވި ޓްކެނިކަލް މައްސަލައަކާއި ގުޅިގެން ހިޔާ ފްލެޓްތަކުން ކަރަންޓް ކެނޑިފައިވާ ކަަމަށެވެ.
ނަމަވެސް ފަހުން އެކުންފުނިން ބުނެފައިވަނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވަނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށެވެ.
ދިމާވި މައްސަލަ ހައްލުކޮށް އަވަހަށް ކަރަންޓް ދިނުމަށް މުވައްޒަފުން ގިނަ މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
ރަމަޟާން މަހުގެ ރޯދަ ވީއްލާ ވަގުތާ ދިމާކޮށް މިފަދަ ހާދިސާއެއް ހިނގައި ކަރަންޓު ލިބުމުގައި ގިނަ ވަގުތުތަކެއް ނަގަން ޖެހުނު ކަމަށްޓަކައި ސްޓެލްކޯއިން ވަނީ އެތަނުގައި ދިރިއުޅޭ ފަރާތްތަކުގެ ކިބައިން މައާފަށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ