މީގެ ތިން އަހަރު ކުރިން 2018 ގައި ސުޕްރީމް ކޯޓުގެ އިސް ދެ ފަނޑީޔާރުން ހައްޔަރުކުރަން އެ ކޯޓަށް ސިފައިން ވައްދަން ޖެހުނު ސަބަބާ ބެހޭ ގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ދެއްކެވި ވާހަކައަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ މިއަދު ރައްދު ދެއްވައިފި އެވެ.
އެނގުން މުހިންމު - ރޭ ކާނިވާ ސަރަހައްދުގައި "ކޮތަރު ކޮށި" ނަމުގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ހައްޔަރުކޮށްފައި ތިބި އިދިކޮޅު ލީޑަރުން ދޫކޮށްލަން 1 ފެބްރުއަރީ 2018 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ސަރުކާރުން ކަންތައް ކުރި ގޮތް އަނެއްކާވެސް ކިޔައިދެއްވައިފަ އެވެ. އޭރު އެކަން މަޝްހޫރުވެފައި އޮތީ 'ސުޕްރީމް ކޯޓު ފުރާޅުން ޓިނު ނަގައިގެން ސިފައިން ވެއްދި ވެއްދުމަށެ'ވެ.
ސިޔާސީ ލީޑަރުން ދޫކޮށްލަން އަމުރުކުރުމުގެ އިތުރުން، ޕީޕީއެމް ކޯލިޝަން ދޫކޮށް އިދިކޮޅާ ގުޅުނު 12 މެމްބަރެއްގެ މަޖިލިހުގެ ގޮނޑި ނުގެއްލޭ ކަމަށް ވެސް އެ އަމުރުން ކަނޑައެޅި އެވެ. އެކަމަކު ރާއްޖޭގެ އެންމެ މަތީ ކޯޓުގެ އެ އަމުރަށް ތަބާނުވެ، ޔާމިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވި އެވެ. އެއަށް ފަހު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު، ސުޕްރީމް ކޯޓުގައި ފިލާ ހުންނަވަނިކޮށް ސިފައިން ވައްދައިގެން ނެރެ، ފުލުހުންގެ ހައްޔަރަށް ފޮނުވާލި އެވެ. އޭގެ އިތުރުން އެ މަނިކުފާނުގެ އެއްބަވާ ބޭބެ ކުރީގެ ރައީސް މައުމޫން އަބްދލް ގައްޔޫމް ވެސް ހައްޔަރުކުރި އެވެ.
ޔާމީން ރޭގެ ޖަލްސާގައި ވިދާޅުވީ:
އެއީ ޖުޑީޝަރީ ތެރެއިން ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ގެނައި ޝާހީ ބަގާވާތެއް ކަމަށް
ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އަމިއްލައަށް ހަދާފައިވާ ގަވައިދެއްގެ ދަށުން ކޯޓުގެ ބެންޗުން ފާސްކޮށްގެން މެނުވީ ފަނޑިޔާރުންގެ މައްޗަށް ތަހުގީގެއް ނުހިންގޭ ގޮތަށް ގަވާއިދަށް ގެނައި ބަދަލު އުވާލަން ޖެހުނު ކަމަށް
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވީ އެ ނޫން ގޮތަކަށް އެ ގަވާއިދަށް އަމަލްކުރުން ނުހުއްޓުވޭނެތީ ކަމަށް
އިތުރަށް ކިޔާލަން: ސުޕްރީމް ކޯޓުން ޓިނު ނަގަން ޖެހުނީ ފަނޑިޔާރުން ތަހުގީގުނުކުރެވޭ މާއްދާ އުވާލަން: ޔާމީން
ތަފްސީލު - ޔާމީންގެ އެ ވަހާކަތަކާ ގުޅިގެން މާރިޔާ މިއަދު ތިން ޓްވީޓެއް ކުރެއްވި އެވެ. އެ ތިން ޓްވީޓްގައި ވެސް ޔާމީނަށް ސުވާލުތަކެއް އަމާޒުކުރެއްވި އެވެ. އޭނާ އެއްސެވީ ގާނޫނުން ކަމެއް ވާން ނެތީމާ އަބަދުވެސް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރެއްވުމަކީ، ގާނޫނުން ކަން ހިންގާ ގޮތްތޯ އެވެ.
މާރިޔާ ދެން އެއްސެވީ ޔާމީންގެ އާމްދަނީއާ ނުބައްދަލު ވަރަށް އެކައުންޓްގައި ފައިސާ ހުއްޓަސް ގާނޫނުން ސާބިތުނުވާތީ ޔާމީން ދޫކޮށްލަން ހުކުމް އިއްވެވި ފަނޑިޔާރުން، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ކޯޓުން ޓިނު ނަގައި، ހައްޔަރުކުރާ ވާހަކަތޯ އެވެ.
"ރައީސް ޔާމީންގެ ސުޕްރީމް ކޯޓުގެ ހުކުމުގައި އެބަ އޮވޭ ރައީސް ޔާމީން ކަންކުރެއްވީ ގައުމުގެ ރައީސަކު ކަންކުރައްވާ ގޮތަކަށް ނޫން ކަމަށް. ޗެކް ނަންބަރު ދިމާނުވެ، މަނިކުފާނު ދޫވީމާ މަނިކުފާނު ކުއްލި ނުރައްކަލުގެ ހާލު ހިންގާ ޖަލަށް ލުން ގާނޫނު ހުއްދަކުރާ ކަމަށްތޯ ތިޔަ ވިދާޅުވަނީ،" ތިން ވަނަ ޓްވީޓްގައި މާރިޔާ އެއްސެވި އެވެ.
ފަސް މަންޒަރު - ޔާމީން ރޭ ވިދާޅުވީ 1 ފެބްރުއަރީގެ ހުކުމް ތަންފީޒނުކޮށްގެން އިންޑިއާއިން ކަންބޮޑުވުން ފާޅުކުރި ކަމަށެވެ. އަދި އެއީ މި ގައުމުގެ ދާހިލީ ކަންކަމުގެ ތެރެއަށް ވަނުން ކަމަށް ސިފަކުރެއްވި އެވެ.
ސުޕްރީމް ކޯޓުން ޓިނު ނެގި ވާހަކައަށް ޔާމީނަށް މާރިޔާގެ ރައްދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ