އިދިކޮޅު 8 މީހަކު ކާފިއު ބަންދުގައި ބޭތިއްބުމަށް ނިންމި ނިންމުން ހައި ކޯޓުން ބާތިލް ކޮށްފި

މި ސަރުކާރުން އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ނުހައްގުން ހައްޔަރުކޮށް އެމަނިކުފާނަށް ކުރަމުންގެންދާ އަނިޔާއާ ދެކޮޅަށް ކޮންމެ ރެއަކު މާލޭ މަގުމަތީގައި ސިލްސިލާކޮށް ކުރަމުން އައި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި އަށް މީހަކު ޝަރުތުތަކާ އެކު ދޫކޮށްލިއިރު، ވަކި ވަގުތުތަކެއްގައި ގެއިން ބޭރަށް ނުދެވޭ ގޮތަށް ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުން މިއަދު ބާތިލުކޮށްފި އެވެ.
އިދިކޮޅު ޕީޕީއެމް-ޕީއެންސީން ކުރަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިދިޔަ މަހުގެ 13 ވަނަ ދުވަހު މާލޭގެ އެކި ސަރަހައްދަށް އެއްވެ، އަޑުގަދަކޮށް، މުޒާހަރާކޮށް އާންމު ދަތުރުފަތުރަށް ހުރަސްއަޅައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅާފައިވާ ކަމަށް ތުހުމަތުކޮށް، އެ ރޭ އަށް މީހަކު ހައްޔަރުކުރި އެވެ. އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދިނުމަށް އެދި ފުލުހުން މިދިޔަ މަހުގެ 14 ވަނަ ދުވަހު ކޯޓަށް ހުށަހެޅުމުން ކްރިމިނަލް ކޯޓުން އަމުރުކުރީ އެ މީހުން ޝަރުތުތަކެއް ކޮށް ބަންދުން ދޫކޮށްލުމަށެވެ.
އެގޮތުން އެމީހުންގެ މައްޗަށް ކޯޓުން ކަނޑައެޅި ޝަރުތުތަކުގެ ތެރޭގައި ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމަށާއި މާލެއިން ފުރައިގެންދާ ނަމަ، ލިޔުމުން ފުލުހުންގެ ހުއްދަ ހޯދައިގެން ނޫނީ ނުދިއުމަށާއި، އުޅޭ އެޑްރެސް ނުވަތަ ގުޅޭނެ ނަންބަރު ބަދަލުވެއްޖެ ނަމަ ފުލުުހުންނަށް އެކަން އެންގުމަށާއި، ރޭގަނޑު 9 އިން ހެނދުނު 6އާ ދެމެދު ގެއިން ބޭރުގައި ނޫޅުމަށެވެ. އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ޝަރުތުކޮށްފައި އޮތީ ރޭގަނޑު 8 އިން ހެނދުނު 6 އަށް ބޭރުގައި ނޫޅުމަށެވެ.
ކްރިމިނަލް ކޯޓުން މިގޮތަށް އަމުރުކުރުމާއި ގުޅިގެން މިދިޔަ އާދިއްތަ ދުވަހު އެ އަށް މީހުންގެ ފަރާތުން ވަނީ އެ އަމުރު ބާތިލުކޮށްދިނުމަށް އެދި ހައި ކޯޓުގައި އިސްތިއުނާފްކޮށްފަ އެވެ. އެ އަށް މީހުންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކުރި ނުކުތާތަކަކީ ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ދެއްކިފައި ނުވާ ކަމަށް އަމުރުތަކުގައި ކަނޑައަޅާފައި ވާއިރު، އެ އަމުރުގައި ބަންދުން ދޫކޮށްލުމުގައި ޝަރުތު ކަނޑައަޅާފައި އޮތުމަކީ ގާނޫނުއަސާސީގެ 49 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.
މި އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން މިއަދު ނިންމި ނިންމުމުގައި ކްރިމިނަލް ކޯޓުގެ އެ އަމުރު ބާތިލުކޮށް ބުނެފައިވަނީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. ހައި ކޯޓުގެ ހުކުމުގައި ބުނީ ތުހުމަތުކުރެވޭ ފަރާތްތައް ކަސްޓޯޑިއަލް ޖަލެއްގައި ބަންދުކުރަން އެދުނަސް، ކްރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ޝަރުތުތަކާ އެކު ދޫކޮށްލުމަށް ކަމަށެވެ. އެ ގޮތަށް ފަނޑިޔާރު ނިންމެވީ، އެ މީހުންގެ މައްޗަށް ތުހުމަތުކުރެވެނީ ޖިނާއީ ބޮޑު ކުށަކަށް ނުވާތީ އާއި ބަންދުގައި ބަހައްޓަން ޖެހޭ އެކަށީގެންވާ ސަބަބެއް ބުނެދެވިފައި ނުވާތީ ކަމަށް ހައި ކޯޓުން ވަނީ ނިންމައިފައެވެ.
މީގެ އިތުރުން ތުހުމަތެއްގައި ބަންދުކުރެވޭ މީހެއްގެ މައްޗަށް ޝަރުތުކޮށް ބަންދުން ދޫކޮށްލާ ނަމަ، އެ މީހަކު ކުށް ކުރި ކަމަށް ތުހުމަތުކުރެވޭ ހެކި ހުރިކަން ކޯޓު އަމުރުން ފެންނަންވާނެ ކަމަށާއި، ކްރިމިނަލް ކޯޓުގެ އަމުރުގައި ހެކި ވަޒަން ކުރި ގޮތެއް ނުވަތަ ހެކި ދަރަޖަ ކުރި ގޮތެއް އެނގޭކަށް ނެތް ކަމަށެވެ. އަދި އެކަން ދޭހަވާ ސާފު ގާނޫނީ ނައްސެއް ނުވަތަ އިރުޝާދެއް ވެސް ނެތް؛ އެންމެ ކުޑަ މިނުން "ހެކި" މި ލަފްޒު ވެސް ނެތް ކަމަށް ހައިކޯޓުން ވަނީ ކަނޑައަޅައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ