މާލެ ސަރަހައްދުގެ %75 ގޭބިސީތަކުގެ އޭޕްރީލް މަހުގެ ކަރަންޓު ބިލު ބޮޑުވާނެ
މި އަހަރުގެ ހޫނު މޫސުމުގައި އާދަޔާ ހިލާފަށް ހޫނުވެ، ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވެފައިވާތީ މާލެ ސަރަހައްދުގެ 75 ޕަސެންޓު ގޭބިސީތަކުގެ އޭޕްރީލް މަހުގެ ކަރަންޓު ބިލު ކުރީ މަހަށް ވުރެ ބޮޑުވާނެ ކަމަށް ސްޓެލްކޯއިން މިއަދު ބުނެފިއެވެ. ކޮންމެ އަހަރެއްގެ މި ދުވަސްވަރު ބިލު ބޮޑުވާ މައްސަލައިގައި ނޫސްވެރިންނަށް މައުލޫމާތު ދޭން ބޭއްވި ބައްދަލުވުމެއްގައި، ސްޓެލްކޯއިން ބުނީ ބިލު ބޮޑު ވަނީ ޖައްވު ހޫނުވުމާ އެކު، އާންމުން ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާތީ ކަމަށެވެ. މިކަމަށް ބާރުދޭން އެ ކުންފުނިން ހިއްސާކުރި ލޯޑް ޓްރެންޑް ޗާޓުން ދައްކާ ގޮތުގައި، ފެބްރުއަރީ މަހުގެ ޕީކު ވަގުތުތަކަށް ވުރެ، ރާއްޖެއަށް އެންމެ ހޫނު މައްސަރުތައް ކަމުގައިވާ މާޗު އަދި އޭޕްރީލްގެ ޕީކު ވަގުތުތަކުގައި އުފައްދަން ޖެހޭ ކަރަންޓުގެ މިންވަރު އިތުރެވެ. މި ލޯޑު އެންމެ ޕީކު ވަނީ ދުވާލުގެ އެންމެ ހޫނު ގަޑިތަކުގައެވެ. މި އަހަރުގެ ފެބްރުއަރީ އާއި މާޗު އަދި އޭޕްރިލް މަހުގެ ލޯޑް ޓްރެންޑް ޗާޓު މޫސުމާ ގުޅިގެން ކަރަންޓު ބިލަށް އަންނަ ބަދަލުތައް ފާހަގަކޮށް ސްޓެލްކޯއިން ހިއްސާކުރި ތަފާސްހިސާބުތަކުގައިވާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހާ ހަމައަށް 40 ޕަސެންޓު ގޭބިސީތަކުގެ ބިލު ބޮޑުވީއިރު، ހުސްވި މާޗު މަހު 66 ޕަސެންޓު ގޭބިސީތަކުގެ ބިލު ބޮޑުވިއެވެ. އޭގެ ތެރޭގައި 500ރ. އާއި 1000ރ. އާ ދޭތެރޭގެ އަދަދަކުން ބިލު ބޮޑުވީ ގޭބިސީތައް ހިމެނެއެވެ. މިހާތަނަށް ތައްޔާރުކޮށް ނިމުނު އޭޕްރިލް މަހުގެ ބިލުތަކުން ދައްކާ ގޮތުގައި 75 ޕަސެންޓު ގޭބިސީތަކުގެ ތެރޭގައި 500ރ. އާއި 1000ރ. އާ ދޭތެރޭގެ އަދަދަކުން ބިލު ބޮޑުވީ ގޭބިސީތައް ވެސް ހިމެނެއެވެ. މިއީ މީގެ ކުރީ އަހަރުތަކުގައި ވެސް ފާހަގަކުރެވުނު ޓްރެންޑެއް ކަމަށް ސްޓެލްކޯއިން ބުންޏެވެ. ހޫނު ގަދަވުމުގެ އިތުރުން، މި ދުވަސްވަރު ރޯދަ މަހާ އިއްތިފާގުވުމަކީ ވެސް ކަރަންޓު ބިލު ބޮޑު ވާނެ ސަބަބެއްގެ ގޮތުގައި ސްޓެލްކޯއިން ފާހަގަކުރިއެވެ. މި ދުވަސްވަރު ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވުމާއެކި، ސްޓެލްކޯއިން ކަރަންޓު އުފައްދަން ޖެހޭ މިންވަރު ވެސް ވަނީ ރެކޯޑު އަދަދަކަށް އުފުލިފައެވެ. އެގޮތުން އިއްޔެ މެންދުރު ފަހު 2:10 ގައި ޕީކްލޯޑް 102 މެގަވޮޓަށް ވުރެ މައްޗަށް އެރި އިރު، މާލެ ސަރަހައްދުގެ އެވްރެޖު ޕަވަ ޔޫސޭޖު ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ