ގާސިމް އަނެެއްކާވެސް ރިޔާސީ ރޭހަށް!

އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ނިންމަވައިފިއެވެ.
ޖުމްހޫރީ ޕާޓީ އިސްވެ އޮވެ އުފައްދާ ކޯލިޝަނެއްގެ ތެރެއިން ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ނިންމީ މި މަހުގެ 14 ވަނަ ދުވަހު މާފަންނު ކުނޫޒުގައި ބޭއްވި އެ ޕާޓީގެ 151 ވަނަ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
އެ ގޮތުން ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވައިލީ މި މަހުގެ 16 ވަނަ ދުވައެވެ. އެ ފުރުސަތު މިއަދު 12:00 ގައި ވަނީ ހަމަވެފައެވެ.
ގާސިމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަހްމަދު ވިދާޅުވީ އެ މުއްދަތު މިއަދު ހަމަވިއިރު ފޯމު ހުށަހެޅުއްވީ ގާސިމް އެކަނި ކަމަށެވެ.
ޖޭޕީން މިހާރު އަންނަނީ ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާތައް ކުރަމުންނެވެ.
އެ ގޮތުން ރައީސް މުޙައްމަދު ނަޝީދުގެ “ފިކުރެއްގެ ދިރުން“ ފެކްޝަނާއެކު މަޝްވަރާތައް ވަނީ ބާއްވައިފައެވެ. މީގެއިތުރުން އެމްއާރްއެމް އަދި ޖަމްއިއްޔަތުއްސަލަފާ ވެސް ޤާސިމް ވަނީ ބައްދަލުކުރައްވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ