ޝަރުއީ ދާއިރާގެ މުވާސަލާތީ ވިއުގަ ތަރައްގީ ކުރަން ދިރާގާއެކު އެއްބަސްވެއްޖެ

ޝަރުއީ ދާއިރާގެ މުވާސަލާތީ ވިއުގަ ތަރައްގީ ކުރަން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އާއި ދިރާގާ އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
"ޖުޑީޝަރީ ނެޓްވޯކް ތަރައްގީކުރުމުގެ މަޝްރޫއު"ގެ ނަމުގައި ފަށާ މި މަޝްރޫއުގައި ސޮއި ކުރެއްވީ އިއްޔެ ދިރާގުގަ އެވެ. މި އެއްބަސްވުމުގައި ޑީޖޭއޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު އެވެ. ދިރާގުން އެއްބަސްވުމުގައި ސޮއިކުރެއްވީ ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އެވެ.
ޑީޖޭއޭއިން ބުނީ ޝަރުއީ ދާއިރާގެ ކޯޓުތަކާއި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް 2011 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރެވިފައިވާ ކަމަށެވެ. ނަމަވެސް މިކަން ފަހިވެފައި ވަނީ ފާއިތުވި ފަސް ވަރަކަށް މަސް ދުވަހުގެ ތެރޭގައި ކަމަށައި މި މަޝްރޫއު ފުރިހަމަވުމުން ޝަރުއީ ދާއިރާ ކަރުދާހަށް ބަރޯސާވާންޖެހޭ މިންވަރު ވަރަށް ބޮޑުތަން ދަށްކުރެވިގެން ދާނެ ކަމަށެވެ.
ދިރާގުގެ ސީއީއޯ އިސްމާއިލް ރަޝީދު ވިދާޅުވީ މިފަދަ ބޮޑު މަޝްރޫއެއް ހިންގުމުގައި ޓެކްނޮލޮޖީގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ދިރާގަށް އިތުބާރު ކުރުމަކީ އަދި ދިރާގާއި މި ޕްރޮޖެކްޓް ހަވާލުކުރެވިގެން ދިއުމަކީ ލިބިގެންދާ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.
ޖުޑީޝަރީ ނެޓްވޯކް ތަރައްގީކުރުމުގެ މަޝްރޫއުގެ ނަމުގައި ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ޑީޖޭއޭއާއި 101 މެޖިސްޓްރޭޓް ކޯޓް، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވޯކަކުން ގުޅާލެވި މި 101 މެޖިސްޓްރޭޓް ކޯޓުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ގާއިމުކުރެވޭ އެވެ.
ޑީޖޭއޭއާއި ގުޅާލެވޭ 101 މެޖިސްޓްރޭޓް ކޯޓަކީ އާބާދީ 1000 އަށް ވުރެ ބޮޑު ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ވެރިކަންކުރާ ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކެވެ. މި މަޝްރޫއުގެ ދަށުން 101 ރަށުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަން 26 ހަފްތާގެ ތެރޭގައި ގާއިމްކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ