ރަޝިޔާގެ ތެޔޮ ގަންނަން އެމެރިކާއިން 30 ދުވަހުގެ ހުއްދައެއް ދީފި

އީރާނާ އެކު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައިސްފައިވާ ލޮޅުންތައް ހަމައަކަށް އެޅުވުމުގެ މަގްސަދުގައި، ދަތިކުރުމުގެ ފިޔަވަޅު އަޅާފައިވާ ރަޝިޔާގެ ތެލާއި ތެލުގެ އުފެއްދުންތައް ގަތުމަށް ގައުމުތަކަށް 30 ދުވަހުގެ ލުޔެއް އެމެރިކާއިން އިއްޔެ ދީފި އެވެ.
މި ލުއި ދީފައިވަނީ މިހާރު ކަނޑުމަތީގައި ތާށިވެފައިވާ ތެޔޮ ބޯޓުފަހަރަށެވެ.
އެމެރިކާގެ ޓްރެޝަރީން އިއުލާންކުރި މި ލައިސަންސްގެ ދަށުން، އިއްޔެގެ ނިޔަލަށް ބޯޓުފަހަރަށް ބަރުކޮށްފައިވާ ރަޝިޔާގެ ސާފުނުކުރާ ތެޔޮ ބޭލުމާއި ވިއްކުމުގެ ހުއްދަ ލިބޭނެ އެވެ. މި ހުއްދަ އަންނަ މަހު 11ގެ ނިޔަލަށް ދެމިއޮންނާނެ އެވެ.
ޓްރެޝަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ވިދާޅުވީ، މި ފިޔަވަޅަކީ އެމެރިކާ، އިޒްރޭލު އަދި އީރާނާ ދެމެދު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ މުހިންމު މަގެއް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަށް ހުރަސް އެޅި، ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ފިއްތުންތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.
ބެސެންޓް ވިދާޅުވީ، މި ލުޔަކީ ވަކި ދާއިރާއަކަށް އަދި ކުރު މުއްދަތަކަށް ދީފައިވާ ލުޔެއް ކަމަށާއި، މީގެ ސަބަބުން ރަޝިޔާއަށް މާލީ ގޮތުން ބޮޑު ފައިދާއެއް ނުލިބޭނެ ކަމަށެވެ.
މި އިއުލާނާ ގުޅިގެން އޭޝިއާގެ ބާޒާރުތަކުގައި ތެލުގެ އަގު ވަނީ ދަށްވެފަ އެވެ. މިއީ ހަކަތައިގެ އަގު އުފުލުން ކުޑަކުރުމަށް ވޮޝިންޓަނުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. މީގެ ތެރޭގައި އިންޓަނޭޝަނަލް އެނާޖީ އެޖެންސީ (އައިއީއޭ)އާ ގުޅިގެން ދޫކުރާ 400 މިލިއަން ފީފާ ތެލުގެ ތެރެއިން، އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވުން 172 މިލިއަން ފީފާ ތެޔޮ ދޫކުރުން ހިމެނެ އެވެ.
އައިއީއޭ އިން ބުނެފައިވާ ގޮތުގައި، މެދުއިރުމަތީގެ މި ހަނގުރާމައަކީ ތާރީހުގައި ވެސް ތެޔޮ ސަޕްލައި ކުރުމަށް އެންމެ ބޮޑު ހުރަހެއް ކުރިމަތިވި ފަހަރެވެ.
ރިޕޯޓްތައް ބުނާ ގޮތުން، ރަޝިޔާގެ ގާތްގަނޑަކަށް 124 މިލިއަން ފީފާ ތެޔޮ މިހާރު ދުނިޔޭގެ އެކި ސަރަހައްދުތަކުގައި ޓޭންކަރުތަކުގައި ތާށިވެފައި އެބަހުއްޓެވެ. މިއީ ބާޒާރަށް ދޫކޮށްލައިފި ނަމަ، ހައެއްކަ ދުވަހަށް ބޭނުންވާ ތެޔޮ ފޯރުކޮށްދެވޭނެ މިންވަރެކެވެ.
ނަމަވެސް، މި ލުއި ދިނުމާ ގުޅިގެން ހުޅަނގުގެ ބައެއް ލީޑަރުން ދަނީ ފާޑުކިޔަމުންނެވެ. އެ ބޭފުޅުން ކަންބޮޑުވަނީ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް މީގެ ސަބަބުން ބަލިކަށިވެދާނެތީ އެވެ. ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރުސުލާ ފޮން ޑަަ ލޭޔަން ވިދާޅުވީ، މިއީ ރަޝިޔާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭންވީ ވަގުތެއް ނޫން ކަމަށެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ދަނީ އަގުތައް ދަށްކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް ވިސްނަމުންނެވެ. އޭގެ ތެރޭގައި އެމެރިކާގެ ޝިޕިން ގަވާއިދުތަކަށް ލުއިދިނުމާއި ގަލްފް ސަރަހައްދުގައި ދަތުރުކުރާ ބޯޓުފަހަރަށް ކަނޑުގެ ސިފައިންގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
ވައިޓް ހައުސްގެ ޑެޕިއުޓީ ޗީފް އޮފް ސްޓާފް ސްޓީވަން މިލާ ވިދާޅުވީ، ހަކަތައިގެ އަގުތައް ދަށްކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.
"ރައީސް ގެންދަވަނީ އަގުތައް ދަށްކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން... ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު ފިޔަވަޅުތައް ފެނިގެންދާނެ،" އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ