އަޒަރުބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގެ ފިރިހެން ސިންގަލްސް ކޮލިފައިން ބުރުގެ 64 ކުޅުންތެރިންގެ ބުރުގައި ކުޅުނު މެޗުން، ރިވައިވަލް ސްޕޯޓްސް އަދި ގައުމީ ބެޑްމިންޓަން ޓީމުގެ ޒަޔާން ޒަކީ މޮޅެއް ހޯދައިފި އެވެ.
އިއްޔެ އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ އަޒަރުބައިޖާނުގައި ކުރިއަށްގެންދާ އަޒަރުބައިޖާން އިންޓަނޭޝަނަލް ޗެލެންޖުގައި ރިވައިވަލް ސްޕޯޓްސްގެ ހައި ޕަފޯމަންސް ޓީމު އަދި ގައުމީ ބެޑްމިންޓަން ޓީމުގެ ހަތަރު ކުޅުންތެރިން ވާދަކުރެ އެވެ. އެއީ، ޒަޔާންގެ އިތުރުން، ނިބާލް އަހުމަދު، ފާތިމަތު ނަބާހާ (ނަބާ) އަދި އައިމިނަތު ނަބީހާ (ނަބީ) އެެވެ. ހުރިހާ ކުޅުންތެރިން ވެސް ވާދަކުރަނީ ކޮލިފައިން ބުރުގަ އެވެ.
އެ ގޮތުން ފިރިހެން ސިންގަލްސްގެ ކޮލިފައިން 64 ކުޅުންތެރިންގެ ބުރުގައި، ޒަޔާން ވަނީ، އަޒަރުބައިޖާންގެ ފަޖާރު ކަރިމްލީ އަތުން 21-10، 21-14 އިން މޮޅުވެފަ އެވެ. މިއަަދު ކުޅޭ ކޮލިފައިންގެ 32 ކުޅުންތެރިންގެ ބުރުގައި، ޒަޔާން ބައްދަލުކުރާނީ އިންގްލެންޑްގެ ނަދީމް ޑަލްވީއާ ދެކޮޅަށެވެ.
މުބާރާތުގައި މިއަދު އަންހެން ސިންގަލްސް ކޮލިފައިންގައި، 32 ކުޅުންތެރިންގެ ބުރުގައި، ނަބާ ނުކުންނާނީ ދެ ވަނަ އަށް ސީޑުކޮށްފައިވާ، ދުނިޔޭގެ 162 ވަނައިގައި އޮތް ޖަޕާނުގެ ޝިއޯރީ އެބިހާރާއާ ދެކޮޅަށެވެ.
އަންހެން ސިންގަލްސް ކޮލިފައިންގައި، 64 ކުޅުންތެރިންގެ ބުރުގައި، ނަބީ ވާދަކޮށް ޔޫއޭއީގެ ނޫރާނީ އައްޒަހްރާ މޮޅުވީ 21-12، 21-06 އިންނެވެ.
ފިރިހެން ސިންގަލްސް ކޮލިފައިންގައި، ރާއްޖޭގެ ނިބާލް ވަނީ ފިލިޕީންސްގެ ޖަމާލް ރަހުމަތު ޕަންޑީ އަތުން 21-10، 21-11 އިން ބަލިވެފަ އެވެ. ފިރިހެން ޑަބަލްސްގައި ޒަޔާން އާއި ނިބާލް ވަނީ ޗެކް ރިޕަބްލިކްގެ ތޯމަސް ސްވެއިޑާ އާއި ވޮއިޓެކް ހަވްލިޝެކް އަތުން 21-06، 21-14 އިން ބަލިވެފަ އެވެ.
މިކްސް ޑަބަލްސްގައި ނިބާލް އާއި ނަބީގެ ޕެއާ ވަނީ ކޮލިފައިން 32 ޕެއާގެ ބުރުގައި، ދުނިޔޭގެ 135 ވަނައިގައި އޮތް ސްވިޒަލެންޑްގެ ނިކޮލަސް ފްރެންކޯންވިލް އާއި ޖޫލީ ފްރެންކޯންވިލް އަތުން 21-10، 21-14 އިން ބަލިވެފަ އެވެ.
ރިވައިވަލް ޓީމާ އެކު، އަޒަރުބައިޖާން މުބާރާތަށް ޓީމުގެ ކޯޗު ނަޝްފާން މުހައްމަދު ވެސް ދަތުރުކޮށްފައިވެ އެވެ.
އަޒަރުބައިޖާން މުބާރާތުގައި ޒަޔާނަށް މޮޅެއް އަޒަރުބައިޖާން މުބާރާތުގައި ޒަޔާނަށް މޮޅެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ