ފަހި ދިރިއުޅުން ކޯޕަރޭޝަން އިން އިމާރާތްކޮށްފައިވާ ފްލެޓުތަކަކީ ޒަމާނީ ދިރިއުޅުމަކަށް އަމާޒުކޮށް ހަދާފައިވާ ތަންތަނަށް ވީއިރު، މި ފްލެޓުތަކުގެ ބަދިގެ ރަނގަޅު ރޭވުމަކާއެކު ވަރަށް ހިތްގައިމު އަދި ބޭނުންތެރި ތަނަކަށް ހެދިދާނެ ތަނެކެވެ.
ބަދިގޭގެ ކެބިނެޓްތައް ހަދާއިރު، ހަމައެކަނި ރީތިކަމަށް ބެލުމުގެ ބަދަލުގައި، ލިބިފައިވާ ޖާގަ އެންމެ ފުރިހަމައަށް ބޭނުންކުރެވޭނެ ގޮތްތަކާއި، ރާއްޖޭގެ މާހައުލާ ގުޅޭ މެޓީރިއަލްތައް ހިޔާރުކުރުމަކީ ދިގު މުއްދަތަކަށް ބަލާއިރު ފައިދާކުރާނެ ކަމެކެވެ.
ބަދިގޭގެ ކެބިނެޓް ފަރުމާކުރަންވާނީ ޖާގައިގެ ބޭނުން އެންމެ ފުރިހަމައަށް ހިފޭނެ ގޮތަށެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކަށް، ތަކެތި ރައްކާކުރާނެ އިތުރު ޖާގަ ހޯދުމަށްޓަކައި ކެބިނެޓްތައް ސީލިންގާ ހަމައަށް އުސްކޮށް ހެދުމަކީ ބުއްދިވެރިކަމެކެވެ. އަދި ބަދިގޭގެ ކަނަކީ އާންމުކޮށް ބޭނުން ނުކުރެވި ބޭކާރުވާ ތަންތަނަށް ވާތީ، "ލޭޒީ ސޫޒަން" ނުވަތަ "މެޖިކް ކޯނާ" ފަދަ ސާމާނު ބޭނުންކޮށްގެން އެ ޖާގަ ބޭނުންކުރެވޭނެ ގޮތް ހަދަންވާނެއެވެ.
މިފަދަ ޒަމާނީ ސާމާނެއް ގަތުމަށް ދެތިން ހަތަރު ހާސް ރުފިޔާ ހަރަދު ވެދާނެ އެވެ. ނަމަވެސް އުމުރު ދުވަހަށް އުޅެން ތައްޔާރުކުރާ ތަނުގައި މިފަދަ ގޮތަކަށް ބަދިގެ ހެދުމުން ލިބޭ ފަސޭހަކަން މާބޮޑެވެ.
މެޓީރިއަލް އިހުތިޔާރުކުރުމުގައި ފެނުގެ އަސަރުކުރުމުން ހަލާކުނުވާނެ މެޓީރިއަލް ބޭނުންކުރުން މުހިންމެވެ. ބޭނުންކުރާ ފިލައިގައި ވެސް އެކި ކޮލިޓީތައް ހުންނާނެ އެވެ. އެންމެ އާދައިގެ ތަކެތި އަގުހެޔޮކުރަން ބޭނުން ކޮށްފި ނަމަ ފަހުން ދައްކަންޖެހޭ އަގު މާބޮޑުވާނެ އެވެ.
ކައުންޓަ ޓޮޕަށް ބަލާއިރު، ކުއާޓްޒް ނުވަތަ ގްރެނައިޓް ފަދަ ވަރުގަދަ އަދި ކުލަ ނުހިފާ މެޓީރިއަލްއެއް އިހުތިޔާރުކުރުމުން ގިނަ ދުވަހު އާކަންމަތީގައި ބެހެއްޓޭނެއެވެ. މީގެ އިތުރުން، ބަދިގޭގެ މަސައްކަތް ފަސޭހަކުރުމަށްޓަކައި ކެބިނެޓްގެ ތިރީގައި ލެޑް ލައިޓް ހަރުކުރުމާއި، ކައްކާއިރު އުފެދޭ ވަސް ބޭރުކުރަން "ހުޑް" ހަރުކުރާނެ ޖާގައެއް ދޫކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ.
ކެބިނެޓު ޑިޒައިން ކުރާއިރު، އަވަނާއި މައިކްރޯވޭވް އަވަންގެ އިންބިލްޑް އެއްޗެހި ހަރުކުރުމުން ހިތްގައިމުކަން އަންނާނެ އެވެ.
ފަހި ފްލެޓުތަކަށް ހާއްސަ ބަދިގެ ކަބަޑު ސެޓާއި ފަރުނީޗަރު ޕެކޭޖުތައް މިހާރު ގިނަ ކުންފުނިތަކަކުން ތައާރަފުކޮށްފައި އެބަ ހުއްޓެވެ. އުމުރު ދުވަހު ކުރި މަސައްކަތުން އެއްކޮށްފައިވާ ފައިސާ ނުވަތަ ލޯނެއްގެ ދަށުން ތަރައްގީ ކުރި ނަމަވެސް، ރަނގަޅު ބަޔަކާ މަސައްކަތް ހަވާލުކުރުން ބުއްދިވެރި އެވެ.
ހަމައެކަނި "މޫސުމީ" ގްރޫޕްތަކާ ހަވާލުކޮށްގެން ކުރިން ވެސް މާލީ ގެއްލުންތައް ބައެއް މީހުންނަށް ލިބިފައިވެ އެވެ.
އެހެންވެ ބަދިގެ ކަބަޑު ސެޓާއި އެޕާޓްމެންޓްގެ ފަރުނީޗަރާއި ފްލޯރިން ޖެހުމަށް ވެސް އިތުބާރު ކުރެވޭ، ވިޔަފާރީގެ ތާރީހެއް އޮތް ބަޔަކު ހިޔާރު ކުރާށެވެ. ނޫނީ ފަހުން ރޯންޖެހިދާނެ އެވެ.
އެފްޑީސީ ފްލެޓުގެ ބަދި ހަދާއިރު ސަމާލުކަން ދޭންވީ ކަންކަން އެފްޑީސީ ފްލެޓުގެ ބަދި ހަދާއިރު ސަމާލުކަން ދޭންވީ ކަންކަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ