އެމްޑީޕީގެ ގައުމީ މަޖިލީހުން އެންމެ ފަހުން ނިންމި ނިންމުމަކީ ގާނޫނާއި ހިލާފް ނިންމުމެއް ކަމަށާއި، މަގުމަތިން ސަރުކާރު ބަދަލުކުރުމަކީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އަށް ކުރެވޭނޭކަމެއް ނޫންކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ހަތަރު ރަށެއްގެ ކައުންސިލަރަކު ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ސަރުކާރު އިންގިލާބަކުން ވައްޓާލަން ނިންމި ނިންމުމަކީ ސިޔާސީ ޕާޓީއަކުން ނިންމޭނެ ނިންމުމެއް ނޫން ކަމަށާއި، ރާއްޖޭގެ ސިޔާސީ މަޝްރަހަށް ބަލާނަމަ އެމްޑީޕީއަށް މި ސަރުކާރު ވައްޓައި ނުލެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.
މައުމޫން ވިދާޅުވީ މަގުމަތިން ވެރިކަން ވައްޓާލުމަކީ ދުނިޔޭގެއެއްވެސް ގައުމެއްގެ ގާނޫނާއި އެތަނެއްގެ ޑިމޮކްރަސީއަކާއި މުޅިން ޙިލާފްކަމެއްކަމަށާއި ހަތެއް ފެބުރުއަރީގައި ރާއްޖޭގެ ވެރިކަން ބަދަލުވެފައިވަނީ އޭރު ރާއްޖޭގެ ވެރިޔަކަށް ހުންނެވި މުހަންމަދު ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންކަމަށެވެ.
މިހާރުގެ ވެރިކަމަކީ ގަވައިދާ ހިލާފުން މަގުމަތިން ބަދަލުކޮށްފައިވާ ވެރިކަމެއްނޫންކަމަށާއި އެމްޑީޕީން އެފަދަ ވާހަކައެއް ދައްކަވަމުން ގެންދަވާނަމަ އެފަރާތްތަކާއިމެދު ގަވައިދުން ފިޔަވަޅު އެޅެންޖެހޭނެކަމަށް ވެސް މައުމޫން މިއަދު ވިދާޅުވި އެވެ. ނަމަވެސް މިމައްސަލައިގައި އިލެކްޝަންސް ކޮމިޝަނުން ވެސް އަދި ފުލުހުންނާއި އެމްއެންޑީއެފްއިން ވެސް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
"މިއީ 7 ފެބްރުއަރީގައި ވެސް މަގުމަތިން ސަރުކާރު ބަދަލުކުރީއަކީ ނޫން، އެވެސް އެއޮތީ އޮޅިވަޑައިގެންފައި ނުވަތަ އޮޅުވާލުމަށް ކުރެއްވީ، އެދުވަހުވެސް އޭރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް އިސްތިއުފާދެއްވީ، އެތާންގައި ގެންގޮސް ބަނދެފައި ހައްޔަރުކޮށްފައި، މަޖުބޫރުކުރީއެއް ނޫނޭ،" މައުމޫން ވިދާޅުވި އެވެ.
ރައީސް މައުމޫނު ވިދާޅުވީ ވެރިކަން ވައްޓާލަން ނިންމި ހިސާބުން އެމްޑީޕީ ކުށްވެރިވެފައި ވާކަމަށެވެ. ރައީސް މައުމޫން މިހެން ވިދާޅުވިއިރު މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިއާ އަހުމަދު ދީދީ ހުށައެޅުއްވި ގަރާރުގައި ބުނެފައިވަނީ އިންގިލާބަކުން ވެރިކަން ވައްޓާލުމަށް އިންގިލާބީ ކޮމެޓިގެ ނަމުގައި ފަސް މެމްބަރުންގެ ކޮމެޓީއެއްވެސް އެކުލަވާލަން ހުށައަޅާ ކަމަށެވެ. އަދި ގައުމީ މަޖިލީހަށް މި ގަރާރު ހުށައެޅުމުން ރައީސް ނަޝީދާއިއެކު 30 މެމްބަރުންގެ އިއްތިފާގުން ވަނީ ގަރާރު ފާސްވެފައެވެ.
"އެހެންވީމަ މަގުމަތިން ސަރުކާރު ބަދަލުކުރުމަކީ އެއްވެސް ޑިމޮކްރަސީއެއްގައި ހުއްދަވާނެ އަދި ހުއްދަކުރެވޭނެ ކަމަށް ވެސް ނޫން،" ސިޔާސީ މަޝްރަހު ހުރި ގޮތުން އެމްޑީޕީއަށް މިހާރުގެެ ވެރިކަން ވައްޓާލެވިދާނެ ކަމަށް ގަބޫލު ކުރައްވަންތޯ ނޫސްވެރިއަކު ކުރެއްވި ސުވާލެއްގެ ޖަވާބުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.
ފެބްރުއަރީ ހަތްވަނަ ދުވަހު ދިވެހި ރާއްޖޭގެ ހުރިހާ މީޑިޔާތަކާއި ރައްޔިތުންގެ ކުރިމަތީ ރައީސްކަމުން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވަމުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނު މަޤާމުން އިސްތިއުފާ ދެއްވަނީ އެއީ އެވަގުތަށް ގައުމަށް އެންމެ ފައިދާ ހުރި ގޮތް ކަމުގައި ވާތީ ކަމަށެވެ.
ހަތަރު ރަށެއްގެ ކައުންސިލް މެންބަރަކު ޕީޕީއެމްއާއި ގުޅިވަޑައިގަތުމަށް ބޭއްވި މިރަސްމިއްޔާތުގައި މައުމޫން ވިދާޅުވީ ކައުންސިލަރުން އެހެން ސިޔާސީޕާރޓީތަކަށް ސޮއިކުރުމުން ގޮނޑި ނުގެއްލޭނެކަމަށް ސުޕުރީމް ކޯޓުން ހުކުމް ކުރުމާއި ގުޅިގެން ވަރަށްގިނަ އަތޮޅުތަކުގެ ކައުންސިލް މެންބަރުން އެޕާޓީއާއި ގުޅިފައިވާކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް މިއަދަދު އިތުރުވަމުންދާނެކަމަށް އުއްމީދުކުރަށްވާކަމަށެވެ.
ޕީޕީއެމްއާއި މިއަދު ގުޅިވަޑައިގެންފައިވަނީ ގދ.ފިޔޯރީ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދާއި، ނ. ޅޮހީ ކައުންސިލް މެންބަރު ހުސައިން އަފީފާއި، ށ. ނަރުދޫ ކައުންސިލް މެންބަރު ހުސެއިން ސިރާޖްގެ އިތުރުން ހއ. ބާރަށު ކައުންސިލް މެންބަރު މުހައްމަދު ނައީމްއެވެ.
މަގުމަތިން ސަރުކާރު ވައްޓާލުމަކީ އެމްޑީޕީއަށް ކުރެވޭނޭކަމެއް ނޫން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ