2018 ގެ ރިޔާސީ އިންތިހާބު، ސަރުކާރާ އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވާނެކަމުގެ އެއްވެސް އުއްމީދެއް ނެތްކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރުންނާ މުހާތަބުކުރައްވަމުން ވިދާޅުވީ އިދިކޮޅު އެއްވެސް ޕާޓީއަކުން ވަކިން ނުކުމެ އިންތިހާބަކުން މޮޅުވާނެ ކަމުގެ "ސައިންޓިފިކް" ޔަގީންކަން ލިބެން ނެތްކަމަށެވެ.
އެމްޑީޕީއަށްވެސް ޖުމްހޫރީ ޕާޓީއަށްވެސް އަދާލަތު ޕާޓީއަށްވެސް އަދި ރައީސް މައުމޫނަށްވެސް 2018 ގެ އިންތިހާބު ކާމިޔާބު ކުރެވޭނެ ސާފު މަންޒަރު ނުފެންނަކަމަށް ނަޝީދު ވަނީ ވިދާޅުވެފައެވެ.
ނަޝީދު މިފަދައިން ވިދާޅުވިއިރު، އެމްޑީޕީގެ ޕޯޑިއަމްތަކުގައި، މިއަދު އިންތިޙާބެއް ބޭއްވިނަމަވެސް ފަސޭހަކަމާއެކު އެމްޑީޕީއިން ކާމިޔާބު ކުރާނެކަމަށް މީގެ ކުރިން އެބޭފުޅުން ވަނީ ވިދާޅުވެފައެވެ.
"ތައްޔާރު" ގެ ނަމުގައި ޕީޕީއެމްއިން ބޭއްވި ޖަލްސާއަށް ގިނަ އަދަދެއްގެ ރައްޔިތުންނެއް ގޮސްފައި ވަނިކޮށް ނުތަނަވަސްވެފައިހުރެ ނަޝީދު ވާހަކަފުޅުދައްކަވާފައިވާއިރު، މީގެ ކުރިން އެމްޑީޕީގެ ބޮޑު ތާޢީދެއް އޮންނަ އައްޑޫ ސިޓީގައި ދާދި ފަހުން އެމްޑީޕީއިން ބޭއްވި ޖަލްސާއަކަށްވެސް ސަތޭހައެއްހާ މީހުންވެސް ގޮސްފައެއް ނުވެއެވެ. އެހެންނަމަވެސް މެޑަމް ފާތިމަތު އިބްރާހިމް މިހާރު އައްޑޫއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެކަމަނާއަށް މަރުޙަބާ ދެންނެވުމަށްވެސް ގަން އެއަރޕޯޓަށް ދެހާހާ ގާތްކުރާ އަދަދަކަށް ރައްޔިތުން އެއްވެފައިވާކަން ފާހަގަކޮށްލެވެއެވެ.
މާޔޫސްވެފައި ހުންނަވާ ނަޝީދު ވިދާޅުވީ ހަމައެކަނި އޮތް ގޮތަކީ އިދިކޮޅު ހުރިހާ ޕާޓީތަކެއް އެކުވެގެން އިންތިޤާލީ ވެރިޔަކު އިންތިޙާބުކޮށް އަލުން އިތުރު އިންތިހާބެއް ބޭއްވުންކަމަށެވެ. މިކަމަށްޓަކާ އިދިކޮޅު ހުރިހާ ލީޑަރުން އެއްބަސްވާ އެއް ލީޑަރަކު 2018 ގެ ރިޔާސީ އިންތިޙާބަށް ނެރުން މުހިންމުކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ކުރީގެ ރައީސް މިފަދައިން ވާހަކަފުޅުދައްކަވާފައިވާއިރު ރައީސް ޔާމީނާއި އެމަނިކުފާނުގެ ޓީމުން ވިދާޅުވަނީ 2018 ގެ އިންތިޙާބު "އެއް ލަކިން" ކާމިޔާބު ކުރައްވާނެކަމަށެވެ.
"2018 ގެ އިންތިހާބު އިދިކޮޅު ފަރާތްތަކަށް ކާމިޔާބުވާނެކަމުގެ އުއްމީދެއް ނެތް" - ނަޝީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ