ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓަން ކުރި އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދާ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމްގެ ޕާސްޕޯޓް ސުޕްރީމް ކޯޓުގެ އަމުރަކުން ހިފަހައްޓާފައި އޮތުމުން އޭނާ އަށް ބޭސް ފަރުވާ އަށް ރާއްޖެއިން ބޭރަށް ނުދެވި ވަނިކޮށް، އެ އަމުރު އެ ކޯޓުން މިއަދު ބާތިލްކޮށްފި އެވެ. މަކަރާއި ހީލަތް ހެދުމުގެ ކުށުގައި އުމުރު ދުވަހުގެ ޖަލު ހުކުމެއް އައިސްފައިވާ ނާޒިމް ބޭސްފަރުވާ އަށް ސިންގަޕޫރަށް ގެންދިއުމުގެ ހުއްދަ ކަރެކްޝަނަލް ސާވިސް އިން ދިނަސް ސުޕްރީމް ކޯޓުގެ އަމުރަކަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ވަނީ ފުރޭ ގޮތް ނުވެފަ އެވެ. އެހެންވެ ނާޒިމްގެ އާއިލާއިންނާއި ކަރެކްޝަންސް އިން ވަނީ ނާޒިމްގެ ޕާސްޕޯޓް ދޫކޮށްދޭން ސުޕްރީމް ކޯޓުގައި އެދިފަ އެވެ. ސުޕްރީމް ކޯޓުން މިއަދު ނާޒިމްގެ އާއިލާއަށް ފޮނުވި ސިޓީގައި ވަނީ ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައިވާ އަމުރު ބާތިލްކުރަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އެ ސިޓީގައިވާ ގޮތުން ނާޒިމްގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ނާޒިމާއި ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަލައަކާ ގުޅިގެންނެވެ. މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަލައެއް ނާޒިމާއި ދެކޮޅަށް ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅިއިރު އޭގެ ތެރެއިން ނިންމީ އޭނާ އަށް އުމުރު ދުވަހުގެ ޖަލު ހުކުމް އައި މައްސަލަ އެކަންޏެވެ. ބާކީ އޮތް ތިން މައްސަލައިގެ އަޑުއެހުންތައް ނިންމާލާފައި އޮތަސް އެ މައްސަލަތައް އަދިވެސް ނުނިންމަ އެވެ. ނާޒިމް ޖަލަށްލާން ހުކުމްކޮށްފައި ވަނީ އެޓޮލްސް މިނިސްޓްރީ އަށް ދިދަތަކެއް ގަތުމަށް އިއުލާންކުރި މަޝްރޫއުއެއް މަކަރާއި ހީލަތުން އޭނާ ކާމިޔާބު ކުރައްވައި، 1.4 މިލިއަން ރުފިޔާ ހޯދިކަން ސާބިތުވެގެންވެ. އެ ހުކުމާ އެކު ނާޒިމް އޭރު ހުންނެވި ދިއްގަރު ދާއިރާގެ މެމްބަރުކަމުން ވެސް އޭނާ ވަކިވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ