އެކްސިޑެންޓްގައި ގާސިމް މަރުވި ހާދިސާއާ ގުޅިގެން ތިން ދައުވާއެއް އުފުލައިފި

ފޯނެއް ފޭރިގަނެގެން ފިލަން ދުއްވި ސައިކަލެއް ހުއްޓުވަން ފުލުހުން އުޅުމުން އެ ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް މަގުމަތީގައި ހުރި ސ. ހިތަދޫ ރަތްފުސްގޭ، އަބްދުﷲ ގާސިމް ގައިގައި ޖެހި އޭނާ މަރުވި ހާދިސާއާ ގުޅިގެން މީހެއްގެ މައްޗަށް ތިން ދައުވާއެއް ދައުލަތުން މިއަދު އުފުލައިފި އެވެ. ގާސިމް މަރުވެފައިވަނީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ޖަސްޓިސް ބިލްޑިން ކުރިމަތީގައި ސައިކަލުގައި އޭނާ މަޑުކޮށްގެން ހުއްޓާ ފިލަން ދުއްވި ސައިކަލު ހުއްޓުވުމަށް ފުލުހަކު މަގުމެދަށް ނިކުމެ މުގުރު ހޫރުވާލުމުން ފިލަން ދުއްވި ސައިކަލު ކޮންޓްރޯލުން ނެއްޓިގެން ގޮސް ގާސިމްގެ ގައިގައި ޖެހިގެންނެވެ. އެ މައްސަލައިގައި ދައުލަތުން ކްރިމިނަލް ކޯޓުގައި މިއަދު ދައުވާ އުފުލީ ގއ. ގެމަނަފުށީ ނޫރުއްސަބާހު، އަހުމަދު ނާދީ ސަލީމްގެ މައްޗަށެވެ. އޭނާގެ މައްޗަށް ހަތަރު ދައުވާއެއް ކުރަން ދައުލަތުން ވަނީ ކޯޓަށް ފޮނުވައިފަ އެވެ. އެއީ ވައްކަމުގެ ދައުވާއަކާއި ފޭރުމުގެ ދައުވާއަކާއި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާއެއްގެ އިތުރުން އެއްގަމު އިންޖީނުލީ އުޅަނދެއް ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާއެކެވެ. އޭގެ ތެރެއިން ނުރައްކާތެރިކޮށް ދުއްވުމުގެ ދައުވާގެ ޝަރީއަތުގެ މިއަދު އަޑުއެހުން ފަސްކޮށްދޭން ޕީޖީން އެދުމުން މިއަދު އެ މައްސަލަ ކުރިއަށް ގެންގޮސްފައެއް ނުވެއެވެ. ނާދީގެ މައްޗަށް ދައުލަތުން ކުރާ ވައްކަމުގެ ދައުވާގައި ވަނީ ހެންވޭރު ސަރަހައްދެއްގައި ޕާކްކޮށްފައި ހުރި ސައިކަލެއް ގެއްލިފައި ވަނިކޮށް މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އޭނާގެ އަތުން އެ ސައިކަލު ފެނިފައިވާތީ އެ ސައިކަލު ވަގަށް ނެގީ އޭނާ ކަމަށް ބެލެވޭތީ ޖަމާއަތް ހަދައިގެން ވައްކަން ކުރުމުގެ ދައުވާކުރާ ކަމަށެވެ. އެ މައްސަލައިގައި ވައްކަމުގެ ދައުވާލިބޭ އަނެއް ކުއްޖާއަކީ ކުޑަކުއްޖެއް ކަމަށްވާތީ އެ ކުއްޖާގެ ޝަރީއަތް ހިންގަނީ ޖުވެނައިލް ކޯޓުގަ އެވެ. ވައްކަމުގެ ދައުވާ އިއްވުމުން ނާދީ ބުނީ އޭނާ އެ ދައުވާއަށް އިންކާރުކުރާ ކަމަށެވެ. އަދި އެ ސައިކަލަކީ ސޮފްވާން ނަމަކަށް ކިޔާ މީހަކު އޭނާގެ އަތަށް ދިން ސައިކަލެއް ކަމަށް ނާދީ ބުންޏެވެ. ނަމަވެސް އެ މީހާގެ އެޑްރެހެއް ނޭނގޭ ކަމަށް ނާދީ ބުންޏެވެ. ނާދީގެ މައްޗަށް ކުރާ ފޭރުމުގެ ދައުވާގައި ބުނަނީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހުގެ ވަގުތެއްގައި މަޖިދީމަގުގައި ހުންނަ ފިހާރައެއްގެ ކައިރީގައި ހުރި ބިދޭސީއެއްގެ އަތުން މޮބައިލް ފޯނެއް އޭނާ ފޭރިގެންފައިވާ ކަމަށެވެ. އެ ދައުވާ އިއްވުމުން ވެސް ނާދީ ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އޭނާ ބުނީ އޭނާއަކީ ސައިކަލު ދުއްވަން އިން ކަމަށް ބުނާ މީހާ ކަމަށްވާއިރު ސައިކަލު ދުއްވަން އިންނަ މީހަކަށް އެއްޗެއް ފޭރިގަނެގެން ހުރެ ސައިކަލު ނުދުއްވޭނެ ކަމަށެވެ. އެ ދައުވާއަށް ވެސް އޭނާ އިންކާރު ކުރުމުން ދައުލަތުން ވަނީ އޭނާއާ ދެކޮޅަށް ހެކި ހުށަހަޅައިފަ އެވެ. އޭގެ ތެރޭގައި ފޭރުނުތަން ދުށް ކަމަށް ބުނާ ފުލުހުންނާއި އެ މޮބައިލް ފޯނު ގެންގުޅުނު ބިދޭސީ މީހާ އާއި އެ ފޯނު ނާދީގެ އަތުން ފެނުނު ކަމަށް ބުނާ ފުލުހުން ހިމެނެއެވެ. އެ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން އޮންނަ ދުވަހަކު އެ ހެކިން ހާޒިރު ކުރައްވާނެ ކަމަށާއި އެދުވަހު ހުރިހާ ހެކިން ހާޒިރުކުރެވިއްޖެނަމަ އެދުވަހު މައްސަލަ ނިންމާނެ ކަމަށެވެ. ނާދީގެ މައްޗަށް ކުރާ ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ދައުވާގައި ބުނަނީ މިދިޔަ އޮގަސްޓް މަހުގެ 17 ވަނަ ދުވަހު އިތުރު މީހަކާއެކު ސަލްސާ ރޯޔަލް ކައިރީން ސައިކަލެއްގައި ނާދީ ދަނިކޮށް މަޑުކުރުމަށް އެތަނުގައި ތިބި ފުލުހުން އެންގުމުން މަޑު ނުކޮށް ގޮސްފައިވާތީ ކަމަށެވެ. އެ ދައުވާއަށް ވެސް ނާދީ އިންކާރުކުރި އެވެ. އެހެންކަމުން އެކަން ސާބިތުކުރަން ދައުލަތުން ވަނީ ތިން ފުލުހަކާއި ވީޑިއޯ ފުޓޭޖެއް ހުށަހަޅައިފަ އެވެ. މިއަދުގެ އަޑުއެހުމުގައި ނާދީ ބުނީ އޭނާ އަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާ ކުރުމަށް އޭނާގެ ބަންދަށް ލުޔެއް ދިނުމަށް އެދޭ ކަމަށެވެ. ނަމަވެސް ދައުލަތުން އެދުނީ މައްސަލައިގެ ޒާތަށް ބަލައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށެވެ. ގާޒީ ވިދާޅުވީ ނާދީގެ މައްޗަށް ކޮށްފައިވާ ހަތަރު ދައުވާގެ ތެރޭގައި މީހެއްގެ މަރު ހިމެނޭ ދައުވާއެއް ވެސް ހިމެނޭ ކަމަށެވެ. އެހެންކަމުން އަދި މިވަގުތަށް ނާދީގެ ބަންދަށް އެއްވެސް ލުޔެއް ދެވެން ނެތް ކަމަށާއި އަދި ޝަރީއަތް ނިމެންދެން ނާދީ ބަންދުގައި ބަހައްޓަން އަމުރުކުރާ ކަމަށް ގާޒީ ވިދާޅުވި އެވެ. ނާދީގެ މައްޗަށް ކުރާ ނުރައްކާތެރިކޮށް ދުއްވުމުގެ އެ ދައުވާ ސާބިތުވެއްޖެނަމަ އިސްލާމީ ޝަރީއަތުގައި ކަނޑައެޅޭ ބަދަލެއް ގާސިމްގެ އާއިލާއަށް ދިނުމުގެ އިތުރަށް ނާދީގެ އެއްގަމު އިންޖީނުލީ އުޅަނދު ދުއްވުމުގެ ލައިސަންސް 10 އަހަރަށް ހިފެހެއްޓޭނެ އެވެ. ގާސިމް މަރުވި މައްސަލަ ރައްޔިތުންގެ މަޖިލީހުން ވެސް ބެލި އެވެ. ގާސިމް މަރުވުމުގައި ފުލުހުންގެ އިހުމާލު އޮތް ކަމަށް ގާސިމްގެ އާއިލާއިން ބުނި ނަމަވެސް އެކަން ފުލުހުން ދޮގު ކުރެއެވެ. އެ މައްސަލަ ބެލުމަށްފަހު ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ވެސް ބުނެފައިވަނީ އެކަމުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ