ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި މިހާރު ހުރި އިޤްތިސާދީ މައްސަލަތައް ހައްލުކޮށް ބަޖެޓަކީ ވިހި ބިލިއަން ރުފިޔާ ކަމަށް ހައްދަވާނެ ކަމަށް ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
މިރޭ އދ. ދަނގެތީގައި ބޭއްވި ޖުމްހޫރީ ގުޅުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯ ވެގެންދާނީ މިހާރު ރާއްޖެއަށް ދިމާވެފައިވާ ހުރިހާ މައްސަލަތަކަށް، ހާއްސަކޮށް އިގުތިސޯދީ މައްސަލަތަކަށް ހައްލު ހޯދައިދޭނެ މެނިފެސްޓޯއަކަށް ކަމަށެވެ.
ގާސިމް ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ދައުލަތުގެ ބަޖެޓް 20 ބިލިއަން ރުފިޔާއަށް މަތިކުރައްވާނެ ކަމަށް ވިދާޅުވުން ބައެއް ރިޔާސީ ކެނޑިޑޭޓުން އެކަމަށް ސުވާލު އުފައްދަވަމުން ގެންދަވާނެ ކަމަށާ އެކަމާއި ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ބަޖެޓް 20 ބިލަން ރުފިޔާއަށް މަތިކުރައްވާނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަމަށާ އެކަން ކުރެވޭނެ ކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ގާސިމް ވިދާޅުވީ ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި ރައްޔިތުންނަށް އުފާފާގަތިކަން ހޯއްދަވައިދެއްވާނެ ކަމަށާ ޖުމްހޫރީ ގުޅުމުން ކުރާނީ ރައްޔިތުންގެ ހަޤީޤީ ވެރިކަމެއް ކަމަށެވެ. ރައްޔިތުން އެދޭ ބަދަލް ގައުމަށް ގެނެވޭނީ ރައްޔިތު އެންމެން މަސައްކަތް ކޮށްގެން ކަމަށާއި ގޭގައި ނުތިއްބަވާ ހުރިހާ ރައްޔިތުން ޖުމްހޫރީ ގުޅުމަށް ތާޢީދުކޮށްދެއްވުމަށް އެމަނިކުފާނު ގޮވަލެއްވި އެވެ.
ޖުމްހޫރީ ގުޅުމުގެ ވެރިކަމެއްގައި އިސްލާމް ދީނުގެ އަސާސްތައް ރާއްޖޭގައި ދަމަހައްޓައި މިނިވަން ފުރިހަމަ ގައުމެއްގެ ގޮތުގައި ރާއްޖެ ދަމަހައްޓާނެ ކަމުގެ ސައްތައިން ސައްތަ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށް ވެސް ގާސިމް މިރޭ ވިދާޅުވި އެވެ. އެމަނިކުފާނުގެ ވާކަފުޅުގައި ކޮންމެ ފިކުރެއްގެ ކޮންމެ ރައްޔިތަކަށްވެސް ހައްގުތައް ކަށަވަރުކޮށްދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންނެވި އެވެ.
މީގެ އިތުރުން ގާސިމް ވަނީ އެ މަނިކުފާނުގެ ކެނޑިޑޭޓް ނަންބަރު އެކަކަށް ދެއްވާ ވޯޓަކީ ގެއްލޭނެ ވޯޓެއް ނޫންކަމަށް ތަކުރާރު ކުރައްވާ އެމަނިކުފާނަށް ވޯޓް ދެއްވުމަށް އެދި ވަޑައިގެންފަ އެވެ.
އިގުތިސޯދީ ރަނގަޅުކޮށް ބަޖެޓް 20 ބިލިޔަން ރުފިޔާއަށް ހަދާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ