ސަފާގެ ނެޓްވޯކާ ގުޅިގެން މަސްތުވާތަކެތި ވިޔަފާރިކުރަން އުޅެގެން ޖަލަށްލި މީހަކު ހައި ކޯޓަށް

މަސްތުވާތަކެތީގެ ވިޔަފާރިކުރުމުން ޖަލަށް ހުކުމްކޮށްފައިވާ އިބްރާހިމް ޝަފާޒް އަބްދުއްރައްޒާގު (ސަފާ) ހިންގި މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކާ ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރިކުރަން އުޅުނު މައްސަލައިގައި ޖަލަށްލި މީހަކު ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކޮށްފި އެވެ. ސަފާގެ ނެޓްވޯކާ ގުޅިގެން މަސްތުވާތަކެތި ވިޔަފާރިކުރަން އުޅުނު މައްސަލައިގައި ދެ މީހަކު 18 އަހަރަށް ޖަލަށްލުމަށާއި 75،000ރ. އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ. އެއީ ހދ. ކުޅުދުއްފުށީ ގުލާބީގޭ އަބްދުއްސައްތާރު އަލީ އާއި މ. ކުދެހިގޭ އިސްމާއިލް އަތީފްގެ މައްޗަށެވެ. އޭގެ ތެރެއިން ހައި ކޯޓުގައި އެ މައްސަލަ އިސްތިއުނާފްކުރިީ އަބްދުއްސައްތާރެވެ. އެ މައްސަލައިގެ އަޑުއެހުމެއް މިއަދު ހައި ކޯޓުގައި ބާއްވަން ތާވަލްކުރި ނަމަވެސް ފަހުން ވަނީ އެ އަޑުއެހުން އެހެން ދުވަހަށް ފަސްކޮށްފަ އެވެ. އަބްދުއްސައްތާރުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ނިންމާފައިވަނީ ފޯން ކޯލް ރިކޯޑިންއަކަށް ބިނާކޮށެވެ. އެގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރާނެ ގޮތާއި، އޭގެ ބާވަތާއި، ބަރުދަނާއި، އަދަދާއި، އެތަކެތި، އެތެރެކުރާނެ ގޮތާއި، ހަވާލުކުރާނެ މީހާއާ ބެހޭ މައުލޫމާތު ވެސް އޭނާ މީހަކާ އެކު ދައްކާފައިވާ ފޯނުން ދައްކާފައިވާ ވާހަކަތަކުން އެނގޭ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެ އެވެ. ހ. ފަށަން ގޭގެ އެޕާޓްމެންޓެއްގެ ތެރެއިން 800 ގްރާމްގެ މަސްތުވާތަކެއްޗާއެކު 2011 ގައި އަތުލައިގަތް އެ ނެޓްވޯކްގެ އިސްވެރިޔާ ކަމަށް ފުލުހުން ބުނަނީ ސަފާ އެވެ. އެ މައްސަލައިގައި ސަފާ އާއި އިތުރު ފަސް މީހަކު ދިގު މުއްދަތަކަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ނޮވެމްބަރު މަހު އެވެ. ސަފާ އާއި އަބްދުއްސައްތާރާއި އަތީފްގެ މައްޗަށް 18 އަހަރުގެ ޖަލު ހުކުމަކާ އެކު 75،000ރ. ގެ ޖޫރިމަނާއެއް އައިއިރު ހ. ފަށަން ގެއިން ފެނުނު މަސްތުވާތަކެތި ގެންގުޅުނު ތިން މީހުންނަށް އައީ 10 އަހަރުގެ ޖަލު ހުކުމެކެވެ. އެއީ ހ. ގަސްވާ މުހައްމަދު މީއާދާއި ތ. ތިމަރަފުށީ ކަރަންކާވިލާ އިސްމާއިލް ޝަހީމްގެ އިތުރުން ގދ. ފިޔޯރީ އެވަރެސްޓް އަނަސް އަނީސްގެ މައްޗަށެވެ. ސަފާ ޖަލަށްލާން ހުކުމްކުރި ނަމަވެސް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ބޭސް ފަރުވާއަށް ކަމަށް ބުނެ އޭނާ ވަނީ ލަންކާއަށް ގޮސްފަ އެވެ. އޭނާ ޖަލަށްލާން ކުރި ހުކުމް ވެސް ހައި ކޯޓުގައި އިސްތިއުނާފްކޮށްފައިވި ނަމަވެސް އެ މައްސަލައިގެ ޝަރީއަތް އަދި ނުފަށަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ