ދުންޔާ މައުމޫން އެމްއެންޕީއާއި ގުޅިވަޑައިގަންނަވަން ނިންމަވައިފި

ރައީސް މައުމޫނުގެ ދަރިކަނބަލުން އަދި ރާއްޖޭގެ ކުރީގެ ފޮރިން މިނިސްޓަރ ދުންޔާ މައުމޫނު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގުމަށް ނިންމައިފިއެވެ.
މިކަން ހާމަ ކުރައްވާފައިވަނީ މީސްމީޑިއާގައި އެކަމަނާ މިއަދު އާންމު ކުރެއްވި ވީޑިއޯ ބަސްދީގަތުމެއްގައެވެ. 
ރާއްޖޭގެ ޚާރިޖިއްޔާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ދުންނާ މައުމޫން ވިދާޅުވީ، މިހާތަނަށް އެކަމަނާއަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާގެ ބޭނުން ކުރަން ބޭނުންފުޅުވާކަމަށާއި، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރަން ބޭނުންފުޅުވާކަމަށާއި ޚާއްޞަކޮށް ބެލެންސް ފޮރިން ޕޮލިސީއެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ މުހިންމު ކަމެއްކަމުގައި ޤަބޫލުކުރާ ކަމަށެވެ.
އެހެންކަމުން ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ޕާޓީއަކަށް ގުޅުމުގެ ގޮތުން، އެމްއެންޕީއާއި ގުޅިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ. 
އެމްއެންޕީއަކީ އެޕާޓީ ހެދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދާދިފަހުން ދީފައިވާ ޕާޓީއެކެވެ. އެޕާޓީ ރަޖިސްޓަރީ ކުރުމަށް ހުށަހެޅުމަށް މިހާރުދަނީ މެންބަރުން ހަމަކުރުމުގެ މަސައްކަތް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރަމުންނެވެ. 
އެމްއެންޕީއާއި ގުޅިވަޑައިގަތުމަށް ނިންމެވިއިރު، ދުންޔާ މައުމޫން އެންމެފަހުން މަސައްކަތް ކުރައްވަން ފައްޓަވާފައިވަނީ ޢުމަރު ނަޞީރު އިސްވެ ކުރިޔަށް ނެރުއްވާފައިވާ އިޞްލާޙީ ހަރަކާތް "ދިވެހި ނެޝަނަލް އެކްޝަން" ގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ