މި ދަނޑިވަޅު ވިޔަފާރިތަކަށް ދަތިކުރުމަކީ ހެދޭނެ އެންމެ ބޮޑު ގޯސް: ސަޢީދު

ރާއްޖޭގެ އިޤުތިޞާދު މިހާބޮޑަށް އަރިއަޅާލާފައިވާ ދަނޑިވަޅެއްގައި ވިޔަފާރިތަކަށް ދަތިވާނެހެން ކަންކަންކުރުމަކީ ސަރުކާރަށާއި މަޖިލިހަށްވެސް އެޅޭނެ އެންމެ ބޮޑު ގޯސް ކަމުގައި ރައްޔިތުން މަޖިލިހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ކުރީގެ އިޤުތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު މިފަދައިން ވިދާޅުވީ މިއަދު އޮތް ރައްޔިތުން މަޖިލިހުގެ ޖަލްސާގައި މަޖިލިހުގެ ނައިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ޢަބްދުﷲ ދެއްކެވި ވާހަކަފުޅަކަށް ޓުވިޓާގައި ރައްދު ދެއްވަމުންނެވެ. މިއަދު އޮތް ރައްޔިތުން މަޖިލިހުގެ ޖަލްސާގައި އީވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައިވަނީ މިދަނޑިވަޅުގައި 60،000 ރުފިޔާއަށްވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ދައުލަތަށް ޓެކްސް ދައްކަންވީ ދަނޑިވަޅަކީ މިއީ ކަމުގައެވެ. އެކަމާ ގުޅިގެން ސަޢީދު ވިދާޅުވެފައިވަނީ އިޤުތިޞާދު މިހާ ބޮޑަށް އަރިއަޅާލާފައިވާ މިދަނޑިވަޅުގައި ކަށިން ހިތްވަރު ނެރެގެން ސަރުކާރާއި މަޖިލިހުން ވިޔަފާރިތަކަށް ދަތިވާނެ ގޮތަށް ކަންކޮށް ހުރަސް އެޅުމަކީ ސަރުކާރަށް އަދި މަޖިލިހަށްވެސް ކުރެވޭނެ އެންމެ ގޯސް ކަންތައް ކަމުގައެވެ.އަދި އެފަދައިން ކަންކޮށްފިނަމަ، ގެއްލިގެންދާނީ އެތައް ހާސް ވަޒީފާއެއް ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ. ހަމައެހެންމެ އެކަަމުގެ ސަބަބުން އެތައްހާސް ޢާއިލާއެއް ބިކަވާނެ ކަމުގައިވެސް ސަޢީދު ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ