ޕީއެސްއެމް އިން ރައީސް ޔާމީނާއި ގުޅޭ ގޮތުން ދޮގު ހަބަރު ފެތުރި މައްސަލައެއް ފެންމަތިިކޮށްފި

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާއި ގުޅޭ ގޮތުން ދޮގު ހަބަރު ފެތުރި މައްސަލައެއް ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން ފެންމަތިކޮށްފިއެވެ.
ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ "ވޮޑަމުލާ ކިޔާ ރަށަށް ނުދަންނަން، އެ ރަށް ދިނީ އަދީބުގެ ދެ ރައްޓެހިންނަށްކަން އެނގޭ: ޔާމީން" މި ސުރުހީގެ ދަށުން ޝާއިރުކޮށްފައިވާ ހަބަރެއްގައި ދޮގު މައުލޫމާތު ހިމަނާފައިވާ ހަބަރެއް ކަމަށެވެ.
އެ ނޫސްބަޔާނުގައި ބުނެފައި ވަނީ ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމްގެ އިސްތިއުނާފު ކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ވެސް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ވެސް ރައީސް ޔާމީން އިތުރުފުޅު ހައްދަވާފައި ނުވާ ކަމަށެވެ. "ވޮޑަމުލާ" ކިޔާ ރަށެއް އޮންނަކަން ރައީސް ޔާމީނަށް ފުރަތަމަ އެނގިވަޑައިގެންނެވީ މި މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށްދަނިކޮށް ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދަންނަވާފައިވާނެ ކަމަށް ވެސް ނޫސްބަޔާނުގައިވެއެވެ. މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއިރު ވެސް އެ ރަށާއި ގުޅޭގޮތުން އެއްވެސް ސުވާލެއް ރައީސް ޔާމީނާއި ކުރައްވާފައި ނުވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
އެ ރަށުގެ ވާހަކަ ދައުލަތުން ފާހަގަކޮށްފައިވަނީ ދައުވާ އުފުލި އަޑުއެހުމުގެ ފަހުން ބޭއްވުނު އެހެން އަޑުއެހުމެއްގައި، އިބްތިދާއީ މަރުހަލާގެ މެދަކާއި ހިސާބުން ކަމަށާއި އެ ރަށާއި ގުޅޭ މައުލޫމާތު ޔާމީނަށް އެނގިވަޑައިގެންނެވީ މިހާ ހިސާބުން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
އެންމެ ފަހުން ހައިކޯޓުގައި ހިނގާދިޔަ ޝަރީއަތުގައި އެ ރަށް ކުއްޔަށް ދީފައިވާ ފަރާތަކީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ގާތް ރައްޓެހިންތަކެއްކަން މިހާރު އެނގިވަޑައިގެންފައިވާ ކަމަށާއި އެއްވެސް ހާލެއްގައި އެ ރަށް ދޭން ބޭނުންވެގެން އަދީބު، ޔާމީންގެ ގާތުގައި ދެންނެވި ކަމަށް ހައިކޯޓުގައި ޔާމީން ވިދާޅުނުވާ ކަމަށްވެސް އެ ބަޔާނުގައި ހާމަކޮށްފައިވެއެވެ.
ބަޔާނުގައި ރައީސް ޔާމީނާއި ގުޅޭ ގޮތުން ދޮގު ވާހަކަތައް ފެތުރުމާއި އެމަނިކުފާނުގެ އަބުރުފުޅަށް ހުތުރުވާ ފަދައިން ކުރެވޭ ކަންކަމަކީ އަޅާނުލާ ދޫކޮށްލެވޭނެ ކަންކަން ނޫން ކަމަށްވެސް ވަނީ ބުނެފައެވެ. އަދި އެފަދަ ކަންކަމާއި މެދު އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވަކީލުންގެ ޓީމުން ނެތރެފައިވާ ނޫސްބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ