މައުމޫން ހަމީދަށް ވޯޓް ދިނުމަށް މައުމޫން އެދިވަޑައިގެންފި

ޕްރޮސިކިއުޓަ ޖެނަރަލްގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ އަންނަ ހޯމަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާތީ އެދުވަހުގެ ޖަލްސާގައި މައުމޫން ހަމީދަށް ވޯޓް ދެއްވުމަށް ޕީޕީއެމްގެ ހުރިހާ މަޖިލިސް މެންބަރުންނަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލް ގައްޔޫމް އެދިވަޑައިގެންފި އެވެ.
މިކަމަށް އެދިވަޑައިގެން ރައީސް މައުމޫން ސޮއިކުރައްވާ މިއަދު ވަނީ ޕީޕީއެމްގެ ހުރިހާ މަޖިލިސް މެންބަރުންނަށް ސިޓީއެއް ވެސް ފޮނުއްވާފަ އެވެ.
ވީނިއުސްއަށް ކޮޕީ ލިބިފައިވާ މި ސިޓީގައި ރައީސް މައުމޫން ވިދާޅުވެފައިވަނީ ޕީޖީގެ މަގާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭނުންވާ ބޭފުޅަކީ މައުމޫން ހަމީދު ކަމަށެވެ. މައުމޫން އެގޮތަށް ވިދާޅުވާ ދެ ސަބަބު ވެސް ސިޓީގައި ވިދާޅުވެފައިވެ އެވެ.
އެގޮތުން ރައީސް މައުމޫން ވިދާޅުވީ ޕީޖީގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ބޭނުންފުޅު ވަނީ މައުމޫން ހަމީދު ކަމަށް، ޕީޕީއެމްގެ އާންމު ރެލީއެއްގައި އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށެވެ. އަދި ޕީޕީއެމްގެ ރަސްމީ ވައިބާ ގުރޫޕްގައި ވެސް ރައީސް ޔާމީން އެގޮތަށް ވިދާޅުވެ މެސެޖް ކުރައްވާފައިވާ ކަމަށް ވެސް މައުމޫންގެ ސިޓީގައިވެ އެވެ.
"އެހެންކަމުން ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަށް މި ޕާޓީގެ ޕާލިމެންޓްރީ ގުރޫޕްގެ އެންމެހައި މެމްބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި، ތާއީދު އަބަދުމެ ދެއްވުމަށާއި އަންނަ ހޯމަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ސިޓީގައި ދަންނަވާފައިވާ ގޮތުގެ މަތިން އަމަލު ކުރެއްވުމަށް ޕީޕީއެމްގެ ރައީސްގެ ހައިސިއްޔަތުން ތިޔަ ހުރިހާ މެމްބަރުންގެ އަރިހުގައި ދެންނެވީމެވެ،" ރައީސް ޔާމީނަށް ކޮޕީ ކުރައްވާފައިވާ މައުމޫން ފޮނުއްވާފައިވާ ސިޓީ ނިންމަވާލައްވަމުން ވިދާޅުވެފައިވެ އެވެ.
ޕީޖީގެ މަގާމަށް އައްޔަންކުރުމަށްޓަކައި ރައީސް ޔާމީން ރައްޔިތުންގެ މަޖިލީހަށް މިދިޔަ ޖޫން މަހުގެ ދެވަނަ ދުވަހު ފޮނުއްވީ އެމަނިކުފާނަށާއި ރައީސް މައުމޫނަށް ވެސް ބޮޑުބޭބެ ވިދާޅުވާ މައުމޫން ހަމީދުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ މުހުތާޒު މުހުސިންގެ ނަމެވެ.
ޕީޖީ އަށް ރުހުން ދިނުމުގެ މައްސަލަ ހޯމަ ދުވަހުގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، މައުމޫން ހަމީދުއާއި މުހުތާޒު މުހުސިންގެ ނަން ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމާފައިވަނީ މި ދެ ބޭފުޅުންނަށް ވެސް ރުހުންދޭން ނުފެންނަ ކަަމަށެވެ.
މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ބޭއްވި މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީން މި ދެ ބޭފުޅުންނަށް ޕޮއިންޓް ދިނުމުގައި އެކުލަވާލި އުސޫލުގެ ދަށުން މުހުތާޒަށް ލިބިވަޑައިގެންނެވީ 67 އިންސައްތަ އެވެ. މައުމޫން ހަމީދަށް ލިބިވަޑައިގެންނެވީ 33 އިންސަތައެވެ.
މި ދެ ބޭފުޅުންގެ ނަން ކޮމިޓީން ފާސްކުރުމަށްޓަކައި ބޭނުންވާ 75 ޕަސެންޓަށް ވުރެ މަތިން އެއްވެސް ބޭފުޅަކަށް މާކްސް ލިބިވަޑައިގެންފައެއް ނުވެ އެވެ.
ޕީޖީގެ މަގާމަށް އައްޔަންކުރުމަށް މަޖިލީހަށް ފޮނުއްވާފައިވާ ދެ ނަމުގެ ތެރޭގައި ހިމެނޭ މައުމޫން ހަމީދުގެ ނަން މީގެ ކުރިން ވެސް ރައީސް ޔާމީން ވަނީ މަޖިލީހަށް ފޮނުއްވާފަ އެވެ. ނަމަވެސް މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަންކުރަން ބޭނުންވާ އަދަދަށް މަޖިލީހުން ވޯޓް ލިބިވަޑައިނުގަތުމުން އޭނާއަށް ވަނީ މަޖިލީހުން ރުހުން ލިބިވަޑައިނުގެންފަ އެވެ
ގާނޫނު އަސާސީގެ 221 ވަނަ މާއްދާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ މަގާމަށް އައްޔަނުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ބޭނުންވާކަމަށް ބަޔާންކުރައްވާފައިވެ އެވެ. ސަތާރަ ވަނަ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތަކީ 39 މެންބަރުންނެވެ. މައުމޫން ހަމީދު ޕީޖީގެ މަގާމަށް އައްޔަންކުރަން ފެނިވަޑައިގަންނަވާ ކަމަަށް ތާއީދުކޮށް 17 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވޯޓް ދެއްވީ 36 މެންބަރުންނެވެ.
މިހާރުގެ މަޖިލީހުގައި 85 މެންބަރުން ހިމެނޭއިރު، ޕީޖީގެ މަގާމަށް ވަޑައިގަންނަވާ ބޭފުޅަކަށް މަޖިލީހުގެ ރުހުން ލިބުމަށް 43 މެންބަރުން ތާއީދުކޮށް ވޯޓް ދެއްވަންޖެހެ އެވެ. މަޖިލީހުގައި މެންބަރުން ހިމެނޭ ގޮތަށް ބަލާއިރު ޕީޕީއެމްގައި އެކަނި ވެސް 43 މެންބަރުން ތިއްބަވަ އެވެ.
ޕީޖީގެ ގާނޫނުގައި ބުނެފައިވަނީ ޕީޖީގެ މަގާމު ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަންކޮށް ނިންމަންޖެހޭނެ ކަމަށެވެ
ޕީޖީގެ މަގާމުގައި އެންމެފަހުން ހުންނެވި އަހްމަދު މުއިއްޒު އެ މަގާމުން އިސްތިއުފާ ދެއްވީ 25 ނޮވެމްބަރު 2013 ގައެވެ. މުއިއްޒު އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމާއި ގުޅިގެން އެމައްސަލައިގައި ވޯޓަށް އެހުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައިވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ