އެހެން ބައެއްގެ ބުރަ މަސައްކަތުގައި ގާސިމް ވަނީ ލޯގޯ ޖަހައިފަ

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް އުޅުއްވަނީ އެހެން ބައެއްގެ ބުރަ މަސައްކަތްތަކެއްގައި އަމިއްލަ ލޯގޯ ޖައްސަވައިގެން ކަމަށް ރައީސް ޑރ. މުހަންމަދު ވަހީދު ހަސަން މަނިކުގެ \"ގައުމައިގެން ކުރިއަށް\" ކޯލިޝަނުން ބުނެފިއެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަންގެ ޔޫތް ސްޕޯކްސް ޕާސަން މުހަންމަދު ޖައުޝަން ޝަރީފް ވިދާޅުވީ ގާސިމް އުޅުއްވަނީ އެހެން ބަޔަކު ހައްދަވާފައިވާ ދިރާސާތަކެއްގައި ހުރި ނުކުތާ ތަކެއް ނަގައިގެން ކަމަށެވެ. ނަމަވެސް އެކަމާއި ގުޅޭ އިތުރު މައުލޫމާތެއް އޭނާއެއް ނުދެއްވައެވެ. އަދި ގައުމައިގެން ކުރިއަށް ކޯލިޝަނުން ރައްޔިތުންނާއި ހަމައަށް ގެންނަމުން އަންނަނީ ހަގީގީ ސިޔާސަތު ތަކެއް ކަމަށް ވެސް ޖައުޝަން ވިދާޅުވިއެވެ.
"ހަގީގަތަށް ބަލާއިރު ވެފައިމިއޮތް ގޮތަކީ އެހެން ބައެއްގެ ބުރަ މަސައްކަތެއްގައި މިއަދު މިއޮތީ ގާސިމް އިބްރާހިމްގެ ލޯގޯ ޖައްސަވައިފަ. އެހެން ބަޔަކު ކުރި ދިރާސާއެއްގައި ގެނަ ނުކުތާ ތަކެއްގަ މިއަދު ގާސިމް އިބްރާހިމް ލޯގޯ ޖައްސަވައިގެން ނިކުމެ މިއަދު ތަފާތު އެކި ވައުދުތައް ވަމުން މިދަނީ. ހަގީގަތަކީ އެއީ، ދެން ކޮންމެ މީހަކަށްވެސް މިއަދު ވާހަކަ ދެއްކިދާނެ މާދަމާ ވޯޓު ހޯދަން މިއަދު ކުރާ ހުރިހާ މަސައްކަތެއް މިކުރަނީ. އެހެން އަޅުގަނޑުމެން ފޮނިކަނޑަން ބޭނުން ނުވާތީ ރައްޔިތުންނާއި ހަމައަށް ހަގީގީ ސިޔާސަތު ތަކައިގެން އަޅުގަނޑުމެން މިއަންނަނީ،" ޖައުޝަން ވިދާޅުވިއެވެ.
ގާސިމް އިބްރާހިމުއަށް ޖައުޝަން ފާޑު ވިދާޅުވެފައިވަނީ ޓެކްސް ނެގުމުގެ ސިޔާސަތާއި ބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
ސީއެންއެމްއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޖައުޝަން ވިދާޅުވީ ހަރުދަނާ ޓެކްސް ނިޒާމެއް ގާއިމް ކުރުމުގެ ވާހަކަ ދެއްކޭނީ ރައްޔިތުންނަށް ހަރުދަނާ އާމްދަނީއެއް ލިބިގެން ކަމަށެވެ. އަދި އާއްމުދަނީން ޓެކްސް ނެގުމަކީ "ބޮޑު ހިޔާނާތެއް" ކަމަށް ވެސް ޖައުޝަން ވިދާޅުވިއެވެ.
ޖައުޝަން ވިދާޅުވީ އެމްޑީޕީގެ އާއްމުދަނީން ޓެކްސް ނެގުމުގެ ސިޔާސަތު އޮތް ގޮތުން މުއްސަނދިންނާއި ފަގީރުންގެ ފަރަގު ބޮޑުވާނެ ކަމަށެވެ. އަދި ޓެކްސް ނަގަން އެމްޑީޕީން ކަނޑައަޅާފައިވާ އިންސައްތަ ތަކާއި ގުޅިގެން ވެސް ގައުމައުގެން ކުރިއަށް ކޯލިޝަންގެ ފަރާތުން ޖައުޝަން ވަނީ ފާޑު ވިދާޅުވެފައެވެ.
ގައުމައިގެން ކުރިއަށް ކޯލިޝަނުން އެމްޑީޕީގެ އާއްމުދަނީން ޓެކްސް ނެގުމުގެ ސިޔާސަތަށް ފާޑު ކިޔާފައިވާއިރު، އެސިޔާސަތުގައިވާ ގޮތުން ނަމަ އިންކަމް ޓެކްސް ނަގާނީ 30،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ މީހުންގެ އަތުންނެވެ. އެގޮތުން 30،000 ރުފިޔާގެ އާމްދަނީއެއް ލިބޭ ފަރާތެއް ނަމަ ތިން އިންސައްތަ އިންކަމް ޓެކްސްގެ ގޮތުގައި މަހަކު ދައްކަން ޖެހޭނެ އެވެ. އަދި 150،000 ރުފިޔާއިން މަތިން އާމްދަނީ ލިބޭ ފަރާތްތަކަށް މަހަކު އާމްދަނީގެ 15 އިންސައްތަ ޓެކްސްގެ ގޮތުގައި ދައްކަން ޖެހެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ