ޝަހީދު ކޯޕްރަލް މިސްބާހަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދީފި

މިދިޔަ ޖޫން މަހުގެ އެއްވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިންގާއި ދިމާލުން ބޮޑުތަކުރުފާނު މަގުގައި ޓްރެފިކް ބަލަހައްޓަމުން ދަނިކޮށް ހިނގި އެކްސިޑެންޓުގައި މަރުވި ޝަހީދު ކޯޕްރަލް މިސްބާހު އަބްދުﷲ އަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދީފިއެވެ.
ޝަހީދު ކޯޕްރަލް މިސްބާހު އަބްދުﷲ އަށް ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ދީފައިވަނީ ރައީސްސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދު ހަސަން މަނިކު އެވެ. މެޑަލްއާއި ހަވާލުވެ ވަޑައިގެންފައިވަނީ ޝަހީދު ކޯޕްރަލް މިސްބާހު އަބްދުﷲގެ ބައްޕަ ބ. ހިތާދޫ، ނަސީމީ ވިލާ އަބްދުﷲ އާދަމް އެވެ.
ފުލުހުންގެ ޑިއުޓީގައި ހަރަކާތްތެރިވަނިކޮށް މަރުވާ ފުލުހުންގެ ހަނދާނުގައި ރޭ ވަނީ "ޕޮލިސް މެމޯރިއަލް ވޯލް" ރަސްމީކޮށް އިފްތިތާހު ކޮށްފައެވެ. އަދި މިއަދު ބޭއްވި ޕޮލިސް މެމޯރިއަލްޑޭގެ ރަސްމީ ޖަލްސާގައި ރައީސް ވަހީދުގެ އިތުރުން ހޯމް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި މަޖިލީހުގެ މެމްބަރުންނާއި، ޑިއުޓީގައި އުޅެނިކޮށް ނިޔާވެފައިވާ ފުލުހުންގެ އާއިލާ ތަކުގެ އިތުރުން ފުލުހުންގެ އިސް ވެރިންވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ރަސްމީކޮށް ރޭ އިފްތިތާހު ކުރި ފުލުހުންގެ މެމޯރިއަލް ވޯލްގައި ޝަހީދު ކޯޕްރަލް މިސްބާހު އަބްދުﷲގެ އިތުރުން، މިދިޔަ އަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ކ. ކާށިދޫގައި ޑިއުޓީއަށް ދަނިކޮށް ތޫނު އެއްޗަކުން ހަމަލާދީ ޝަހީދު ކޮށްލި ޝަހީދު ސާޖެންޓް އާދަމް ހަލީމްގެ ނަން ލިޔެފައި ވެއެވެ. މީގެ އިތުރުން 2007 ވަނަ އަހަރުގެ މާޗް މަހުގެ 13 ވަނަ ދުވަހު ދޫނިދޫއަށް ދަނިކޮށް ކަނޑުމަތީގައި ހިނގި އެކްސިޑެންޓްގައި މަރުވި ކޮންސްޓަބަލް ޔޫސުފް ޒަމީރުގެ އިތުރުން 2006 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހު ކަނޑުމަތީގައި ހާލުގައި ޖެހިފައި ތިބި ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭން ދަނިކޮށް މަގުމަތީގައި ހިނގި ސައިކަލް އެކްސިޑެންޓްފައި ނަރުވި ލާންސް ކޯޕްރަލް އަލީ ނާޒިމްގެ ނަންވެސް މެމޯރިއަލް ވޯލްގައި ލިޔެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ