ޖީއެމްއާރް މައްސަލާގައި މައުމޫނު ހައްދަވަނީ އިތުރުފުޅު: ސަރުކާރު

ޖީއެމްއާރު މައްސަލާގައި މަޝްވަރާ ކުރުމަށް ޕީޕީއެމުން އެދުނު ކަމަށާއި ނަމަވެސް ސަރުކާރުން އެގޮތަށް އެކަން ނުކުރި ކަމަށް ޕީޕީއެމްގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެ ދައްކަވަމުންގެންދަވާ ވާހަކަފުޅުތައް ސަރުކާރުން ދޮގުކޮށްފިއެވެ.
ސަރުކާރުން ރައީސް މައުމޫނަށް ރައްދުދީ ވާހާކަ ދެއްކެވީ އެމަނިކުފާނު ދަ ހިންދޫއަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެންނެވެ. ދަ ހިންދޫއަށް ރައީސް މައުމޫނު ދެއްވި އިންޓަވިއެއްގައި ވިދާޅުވެފައިވަނީ ޖީއެމްއާރު އެގްރީމެންޓް ބާތިލް ކުރުމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނީ ކުރީގެ ރައީސް މުހަންމަދު ނަޝީދު ކަމަށެވެ. އެގޮތުން މިހާރުގެ ސަރުކާރުން އެ އެގްރީމަންޓް ބާތިލް ކުރީ ރައީސް ނަޝިދުގެ ސަރުކާރުން އެއާޕޯޓް ހަވާލު ކުރި އިރު ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް ހުރުމުން ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
" ރައީސް ވަހީދު އަރިހުގައި ވިދާޅުވީ އިންޑިއާ ސަރުކާރާ ޖީއެމްއާރާ އެކު ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ފަހު ރަނގަޅު ގޮތެއް ނިންމުމަށް. އެހެން ވިދާޅުވެފަ އޮއްވާ ކުއްލިޔަކަށް އެއިން އެއްވެސް ކަމެއް ކުރުމެއް ނެތި މިކަމަށް "ހިތާމަވެރި" ނިމުމެއް އައީ،" ރައީސް މައުމޫނު ވިދާޅުވި ކަމަށް ދަ ހިންދޫގައި ބުނެފައި ވެއެވެ.
ސީއެންއެމަށް މައުލޫމާތު ދެއްވަމުން ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރު އަހުމަދު ތައުފީގު ވިދާޅުވީ ރައީސް މައުމޫނު ފަދަ ބޭފުޅަކު އެފަދަ ވާހަކަތަކެއް ދައްކަވާފައިވާތީ ހިތާމަ ކުރައްވާ ކަމަށެވެ.
"ހަގީގަތުގައި ވެސް ޖީއެމްއާރު އަތުން އެއާރޕޯޓު އަތުލާފައިވަނީ ވަރަށް ޒިންމާދާރުކޮށް ޕާޓީތަކާއެކު މަޝްވަރާ ކުރުމަށްފަހު. ބައެއް ބޮޑެތި ޕާޓީތަކުން ވިސްނުން ގެންގުޅުނު ޖީއެމްއާރާއި މަޝްވަރާ ކުރަން ވެސް. އެކަމަކު ޕީޕީއެމްގެ ފަރާތުން ވަޑައިގެން އިންނެވި އަބުދުﷲ ޔާމީން އެކަމާ ކޯފާވެވަޑައިގެން ބައްދަލުވުންތައް ވެސް ދޫކުރައްވާ ވަޑައިގެންނެވި. ވިދާޅުވި ވާހަކަ ދައްކައިގެން ހައްލު ހޯދާކަށް ނޫނޭ ވަޑައިގެންނެވީ. މަޝްވަރާ ކުރަން ވަރަށް ބޮޑަށް ޕީޕީއެމުން ދެކޮޅު ހެދި. ނަމަވެސް މިއަދު ޕޮލިޓިކަލް އެޖެންޑާއެއް ޕުޝް ކުރަން އިތުރުފުޅު ހައްދަވާތީ ހިތާމަ ކުރަން،" ތައުފީގު ވިދާޅުވިއެވެ.
އިތުރަށް ވާހަކަ ދައްކަވަމުން ތައުފީގު ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ލިބިދާނެ ފައިދާއަކަށްޓަކާ ނަމަވެސް ގައުމާއި ސަރުކާރު ބަދުނާމުވާ ގޮތަށް އެއްވެސް ފަރާތަކުން އަމަލުކޮށްގެން ނުވާނެ ކަމަށާއި އެއީ އިހުލާސްތެރި ނިޔަތަކާއެކު ކުރެވޭ ކަމެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
ޖީއެމްއާރު މައްސަލާގައި ބައެއް ބޮޑެތި ޕާޓީތަކުން މަޝްވަރާ ކުރަން ބޭނުންވި ނަމަވެސް ޕީޕިއެމުން އެކަމާ ދެކޮޅު ހެދި ކަމަށް ސަރުކާރުން ބުނާ އިރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް މައުމޫނުވަނީ ޖީއެމްއާރު މައްސަލާގައި އިންޑިއާ ސަރުކާރާއި ޖީއެމްއާރާއި އެކު މަޝްވަރާ ކުރުމަށް ސަރުކާރުގައި އެދުނު ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަން ކޮށްފައި ނުވާ ކަމަށާއި ޖީއެމްއާރު މައްސަލާގައި ކަންތައްތައް ދިޔަ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ