ހައްޔަރުކުރެވޭނީ ކުށެއް ކުރިނަމަ، އެފަދަ ކަމެއް ނުކުރަން: ގާސިމް

ހައްޔަރުކުރަންޖެހޭނީ ކުށެއް ކުރައްވާފައިވާނަމަ ކަމަށާއި އެފަދަ ކުށެއް ކުރައްވާފައި ނުވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ އެމަނިކުފާނު ހައްޔަރުކުރަަން ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމުގެ އަޑުތައް ފެތުރިގެން ގޮސްފައިވާތީ މިއަދު ރާއްޖެ ވަޑައިގެންނެވި ވަގުތު ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުމުގައި ދައުލަތުން ދެއްކި ވާހަކައިގައި ނާޒިމް ރާވާފައިވާ ކަމަށް ބުނާ ކަންކަމަށް ހަރަދުކުރަން ނިންމާފައިވަނީ ވިލާ ގުރޫޕުން ކަަމަށް ވަނީ ބުނެފަ އެވެެ.
އެވާހަކަތަކަށް އިޝާރަތް ކުރައްވާ ގާސިމް ވިދާޅުވީ އެއީ ރޯބުހުތާނު ވާހަކަތަކެއް ކަމަށެެވެ. އަދި ގާނޫނު އަސާސީއާ ގާނޫނުތަކާއި ހިލާފު އެއްވެސް ކަމެއް ނުހިންގާނެ ކަމަށާއި އެފަދަ ކަމެއް ނުވެސް ކުރައްވާނެ ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ.
"ބަޔަކު އަޅުގަނޑުގެ ބޮލުގައި ކުށެއް އަޅުވަން އުޅުނަސް ދެން އަޅުގަނޑު ދަންނަވާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުށެއް ނޭޅުވޭނެއޭ. ދެން އެހެންނަމަވެސް ފްރޭމް ކުރާ ވާހަކަވެސް އަޑުއަހަން. މިހާރުވެސް ކާނަލް ނާޒިމްގެ މައްޗަށް ހިނގާ މައްސަލައިގައި އަޅުގަނޑުމެން އެހީވެދޭން ކަމަށް ބުނާ ކަމަށް އެހީވެދޭން އަޅުގަނޑުމެންގެ ރަށެއްގައި ދާ ވާހަކައާއި، އަޅުގަނޑު ނުވެސް ދެކެން އަދިއެއް އެއެއް. ދެން އެކަހަލަ ވާހަކަތަކެއް އެބައުޅޭ. އަޅުގަނޑު ދަންނަވާނީ ކަނޑައެޅިގެން ރޯބުހުތާނު ދޮގޭ އެއީ. އަޅުގަނޑުމެންގެ އެއްވެސް ކަހަލަ އެބާވަތުގެ އެއްވެސް ކަމެއް އެއްވެސް އިރަކު ނުހިންގަމޭ. އަދި ނުވެސް ހިންގާނަމޭ ދުވަހަކުވެސް އިނގޭތޯ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
މިދިޔަ ހުކުރު ދުވަހު އިދިކޮޅު ފަރާތްތަކުން ކުރިއަށް ގެންދިޔަ ބޮޑު އެއްވުމާއި ގުޅޭގޮތުންވެސް ގާސިމް އިބްރާހިމް މިއަދު ވަނީ ވާހަކަދައްކަވާފަ އެވެ. އެގޮތުން ވިދާޅުވީ ބަޔަކު ރާވައިގެން ދީފާނެ ގެއްލުމަކަށް ވިސްނައިގެން ބޮޑު އެއްވުން ކުރިއަށް ގެންދިޔައީ ސުލްހަވެރިކަމާއެކު ގާނޫނީ އިމުގެ ތެރެއިން ކަމަށެވެ.
ބޮޑު އެއްވުމުގައި ސަރުކާރަށް ޑިމާންޑްކޮށްފައިވާ 13 ކަމަކީ އެއްވެސް އަސާސެއް ނެތް ކަންތައްތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން ވިދާޅުވުމާއި ގުޅިގެން ގާސިމް އިބްރާހިމް ވިދާޅުވީ އެއީ ޖޭޕީއާ އެމްޑީޕީގެ އެކަނި ގޮވާލުން ނޫން ކަމަށާއި އެއީ ދިވެހި އެތައް ރައްޔިތުންނެއްގެ އަޑު ކަަމަށެވެ. އަދި ރައްޔިތުންގެ އަޑު އިއްވީ ސުލްހަވެރިކޮށް ކަމަށާއި ސަރުކާރަށް އަޑުއިއްވައިދެވިއްޖެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ އަސާސެއް ނެތް ޑިމާންޑްތަކެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެން އަސާސެއް ނެތް ވާހަކަތައް ނުދައްކާކަން އަޅުގަނޑު ދަންނަވާލަން އޮތީ. އަޅުގަނޑުމެން ދެއްކީ އަސާސް ތަކެއް ހުރި އަދި ގައުމަށް ބޭނުންތެރި ގައުމުގެ މަސްލަހަތާއި އަމާންކަމާއި ގައުމުގެ އިގްތިސޯދާއި އިޖުތިމާއީ އަދާލަތު ރީތިކޮށް ފުރިހަމައަށް އޮވެގެން ދާނެ ގޮތުގެ ވާހަކަ،" ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ޖޭޕީއާ އެމްޑީޕީގެ އިސް ވަފްދު ސްރީލަންކާއަށް ކުރެއްވި ދަތުރުފުޅާ ގުޅޭގޮތުން ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ސިޔާސީ ބޭފުޅުންގެ މައްޗަށް ހާއްސަކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުއާއި ތިން ޑިފެންސް މިނިސްޓަރެއްގެ މައްޗަށް މިހާރު ކުރެވެމުންދާ ޓެރަރިޒަމްގެ ދައުވާތަކާއި ގުޅިގެން ބޭރުގެ ގައުމުތަކުން އެކަން ދެކެނީ "ބޮޑު ޖޯކެއް" ގެ ގޮތުގައި ކަމަށެވެ. އަދި ވިދާޅުވީ އެ ދައުވާތަކާއި ގުޅިގެން ރާއްޖެއަށް ޓޫރިސްޓުން އައުންމަނާކޮށް ގައުމުތަކުން "ޓްރެވަލް ބޭނެއް" އަތުވެދާނެތީ ކަންބޮޑުވާ ކަމަށެވެ. އަދި ދެ ދައުވާތައް ގެންދިއުމަށް ގާސިމް ވަނީ ތަކުރާރުކޮށް ސަރުކާރަށް ގޮވާލައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ