އޯޓިޒަމްގެ މައުލޫމާތު ލިބެންޖެހޭ ފަރާތްތަކަކީ ހަމައެކަނި އޯޓިޒަމް ހުންނަ ކުދިންގެ ބެލެނެވެރިން ނޫން ކަމަށާއި، މުޅި މުޖުތަމައު މިކަމަށް ހޭލުންތެރިވާން ޖެހޭ ކަމަށް ޑިސެބިލިޓީ އެމްބެސަޑަރު އަދި ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.
ބައިނަލްއަގްވާމީ އޯޓިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން އޯޓިޒަމަށް މީހުން ހޭލުންތެރިކުރުމަށް ބުރާސްފަތި ދުވަހު ކެމްޕޭނެއް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ފައިސަލް ވިދާޅުވީ މުޅި ގައުމަށް ބެލި ނަމަވެސް އެކި ވަރުގެ ނުކުޅެދުންތެރިކަން ހުންނަ ކުދިން ވަރަށް ގިނަ ކަމަށާއި، އެކުދިންނަށް އެކަށީގެންވާ ވަރަށް ތައުލީމް ލިބެމުން ނުދާ ކަމަށެވެ.
ފައިސަލް ވިދާޅުވީ އޯޓިޒަމް ކުދިންނަށް ރާއްޖޭގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އެފަދަ ކުދިންނަކީ ގާބިލް ބައެއްކަން މުޖުތަމައުން ބަލައިގަންނަ މިންވަރު ކުޑަވުން ކަމަށެވެ.
މިފަދަ ދުވަސްތަކަކީ ހަމަ އެކަނި ފާހަގަކޮށްލައިގެން ނިންމާލާ ދުވަސްތަކަކަށް ހެދުމުގެ ބަދަލުގައި ބިނާ ކުރަނިވި ގޮތެއްގައި މިފަދަ ކުދިންގެ ހައްގުގައި ހުރިހާ ފަރާތްތަކުންވެސް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ލިބެންޖެހޭ އިނާޔަތްތައް ހޯދައިދިނުމަށާއި އެ ކުދިން މުޖުތަމައަށް ނެރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް މަޖިލިސް ތެރެއިންނާއި، މަޖިލީހުގެ ބޭރުންވެސް ކުރައްވާނެ ކަމުގެ ޔަގީންކަން ފައިސަލް ވަނީ ދެއްވާފަ އެވެ.
މީގެ އިތުރުން އަމާން މުޖުތަމައަކަށް ވާސިލުވުމަށް ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތަކަށް ވަކާލާތުކުރުމަށް ގިނަ ބަޔަކު އިސް ނަގައިގެން ނިކުންނަން ޖެހިފައިވާ ކަމަށާއި، މިފަދަ ކަންކަމަކީ މުޖުތަމައުގެ ހުރިހާ ފަންތިއެއްގައި ހިމެނޭ މީހުންގެ އެހީތެރިކަމާއި އެއްބާރުލުމާއި އެކު ކުރެވޭނެ ކަންކަމަށް ވުމުން އުފެދުމުގައި ހުންނަ މިފަދަ ތަފާތުތަކާއި މެދު މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމުގައިވެސް ފައިސަލް ވިދާޅުވި އެވެ.
އޯޓިޒަމް ދުވަހާއި ދިމާކޮށް ފައިސަލް ވަނީ އިމާދުއްދީން ސުކޫލުގެ ސްޕެޝަލް އެޑިއުކޭޝަން ނީޑްސްގެ ޓީޗަރަކު މިއަންނަ ޖޫން މަހު އިންޑިއާގެ ހައިދަރުއާބާދުގައި އޮންނަ އޮކިއުޕޭޝަނަލް ތެރަޕީ ޓްރެއިންނިން ޕްރޮގްރާމަކަށް ގެންދިއުމުގެ ހުރިހާ ކަމެއް ސްޕޮންސާ ކޮށްދެއްވާފަ އެވެ.
އޯޓިޒަމްއާއި މެދު ހުރިހާ ރައްޔިތުން ހޭލުންތެރިވާން ޖެހޭ: ފައިސަލް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ