ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފި އެވެ.
ގާސިމް މީގެ ކުޑައިރުކޮޅެއް ކުރިން ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވީ ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ އެމަނިކުފާނަށް ޗިޓް ފޮނުވުމުންނެވެ.
ގާސިމް ފުލުސް އޮފީހަށް ހާޒިރުކުރި މައްސަލާގައި ފުލުހުން އަދި މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ގާސިމް މިރޭ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި އިދިކޮޅު ސިޔާސީ ހަރަކާތުގެ އިސް ބޭފުޅުންވެސް އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ.
ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ވަޑައިގެންނެވި މަގުމަތީގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އެމަނިކުފާނު ވިދާޅުވީ ދިވެހި ރައްޔިތުންނާއެކު ސާބިތުވެ ހުންނާނެ ކަމަށެވެ.
ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާ ޗިޓް ފޮނުވި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވާހަކަ ދަައްކަވާފަ އެވެ.
އެގޮތުން ނަޝީދު ވިދާޅުވީ ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުކުރަނީ ސިޔާސީ ބޭނުމެއްގައި ބިރު ދެއްކުމަށް ކަމަށެވެ. އަދި ގާސިމް އިބްރާހީމް މިރޭ ފުލުސް އޮފީހަށް ހާޒިރުވާއިރު ވީހާވެސް ގިނަ ބޭފުޅުން ގާސިމްގެ އަރިހުގައި ފުލުސް އޮފީހަށް ދިއުމަށް ވެސް ރައީސް ނަޝީދު ވަނީ އެދިވަޑައިގެންފަ އެވެ.
ގާސިމް އިބްރާހީމް މިރޭ ފުލުހަށް ހާޒިރުކުރާއިރު އިއްޔެ ރޭ ވަނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވެސް ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ. އަދި މީގެ ކުރިން ވަނީ ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަމީން އިބްރާހީމަށް ޓެރަރިޒަމުގެ ދައުވާ ކުރުމަށް ކޯޓަށް ވެސް ފޮނުވާފަ އެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ