މެންބަރު އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފި

ޖުމްހޫރީ ޕާޓީގެ ނައިބް ލީޑަރު އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފި އެވެ.
މެންބަރު އަބްދުﷲ ރިޔާޒު މިރޭ ހައްޔަރުކޮށްފައިވާ ކަން ޖުމްހޫރީ ޕާޓީން ވެސް ވަނީ ޔަގީންކޮށްދީފަ އެވެ.
ކޯޓު އަމުރެއްގެ ދަށުން އަބްދުﷲ ރިޔާޒު ހައްޔަރުކުރީ މާވެޔޮމަގަށްވާ ގޮތަށް ހުންނަ އޭނާ ދިރިއުޅޭ ގެއިން ނިކުމެ ވަޑައިގެންނެވި ތަނުން ކަމަށް މައުލޫމާތު ލިބެ އެވެ.
މެންބަރު އަބްދުﷲ ރިޔާޒު މިރޭ ހައްޔަރުކޮށްފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދެކެ ބިރު ނުގަންނަ ކަމަށާއި މާފިޔާ ގޭންގަކަށް މި ގައުމު ހިންގަން ހަވާލުނުކުރެވޭނެ ކަމަށް ވިދާޅުވެ މިމަހުގެ 22 ވަނަ ދުވަހު ވާހަކަ ދައްކަވާފައި ވަނިކޮށެވެ.
އަބްދުﷲ ރިޔާޒު އެދުވަހު ވިދާޅުވީ މިއަދު މިގައުމުގެ ހާލަތު އޮތީ ދިވެހި ކޮންމެ ރައްޔިތަކުވެސް ގައުމާ ދޭތެރޭ ވިސްނާ ގައުމަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެންނަން ޖެހޭ ފަދަ ހާލަތެއްގައި ކަމަށެވެ. އަދި ސިޔާސީ ލީޑަރުން ގުޅިގެން މިގައުމަށް އިސްލާހީ ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާއި ވަކި މީހަކު އިސްކުރުމުގެ ބަދަލުގައި އެންމެ ފުރަތަމަ ގައުމު އިސްކުރުމަށްވެސް އެދުވަހު ރިޔާޒު އެދިވަޑައިގެންނެވި އެވެ.
"މިގައުމު މާފިއާ ގޭންގަކާ ހަވާލެއް ނުކުރެވޭނެ އިނގޭތޯ. މިގައުމުގައި ކޮރަޕްޝަންގެ ބޮޑެތި ކަންތައްތަކެއް ހިނގައިގެން ދާއިރު އަޅުގަނޑުމެންނަށް އެކަމާ އަޅާ ނުލާ ނުތިބެވޭނެ އިނގޭތޯ،" ރިޔާޒު ވިދާޅުވި އެވެ.
އަބްދުﷲ ރިޔާޒު ހައްޔަރުކުރި މައްސަލާގައި އަދި ވަނީ ފުލުހުންގެ ބަހެއް ލިބޭ ގޮތް ނުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ