އުއްމީދުތައް ފުރިހަމަ ކުރާކަށް މުއްސަންޖަކަށް ވާކަށް ނުޖެހޭ: ގާސިމް

އުއްމީދުތައް ފުރިހަމަކޮށް، ހުވަފެންތަކުގައި ކުލަ ޖެއްސުމަށް މުއްސަނދި ނުވަތަ ތަނަވަސް މީހަކަށް ވާން ނުޖެހޭ ކަމަށް ވިލާ ކޮލެޖްގެ ޗެއާމަން އަދި ޖުމްހޫރީ ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާ ކޮލެޖުން ހިންގި މާސްޓާސް އަދި ޑިގްރީގެ ބައެއް ކޯސްތައް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓް ދިނުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ހަމައެކަނި ފޮނި ހުވަފެންތަކެއް ދެކިގެން ނުނިމޭނެ ކަން އޭނާ އެންމެ ޅައިރުއްސުރެން ގަބޫލުކުރައްވާ ކަމަށެވެ. އަދި އެ މަތިވެރި އުއްމީދުތައް ކާމިޔާބު ކުރުމަށްޓަކައި ވަކި އަޒުމެއްގައި މަސައްކަތް ކުރަން ޖެހިވަޑައިގަންނަވާނެ ކަން އޭރުވެސް ގަބޫލުކުރެއްވި ކަމަށް ވިދާޅުވި އެވެ.
"މި އަޒުމުގައި ތެދުވުމަށް މުއްސަންޖަކަށް ނުވަތަ ތަނަވަސް މީހަކަށް ވާކަށް ނުޖެހޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ހަޔާތުގެ ކުރީކޮޅު ދަތި ހާލުގައި ދިރިއުޅުއްވަން ޖެހިވަޑައިގަތުމުން ތައުލީމް ހާސިލްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގެންފައި ނެތް ނަމަވެސް، އޭނާގެ ސަބަބުން ގިނަ ބަޔަކަށް ތައުލީމްގެ ފުރުސަތު ލިބިފައިވުމަކީ ހުވަފެންތަކެއް ހަގީގަތަކަށް ވުން ކަމަށެވެ. އަދި އެ ދުވަހު ލިބިވަޑައިނުގެންނެވި އެތައް ކަމެއް ދިވެހި ރައްޔިތުންނަށް ކޮށްދެއްވަން ބޭނުންފުޅުވާ ކަމަށް ވެސް ވިދާޅުވި އެވެ.
"ވިލާ ކޮލެޖަކީ އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ މުއައްސަސާއެއް. ތިކުދިންގެ މުސްތަގްބަލް ބައްޓަންކުރުމުގައި އެހީތެރިވެދިނުމަކީ އަޅުގަނޑަށް ލިބޭނެ ވަރަށް ބޮޑު އުފަލެއް،" ވިލާ ފައުންޑޭޝަން އުފައްދަވައި، ރާއްޖޭގެ ގިނަ ދަރިވަރުންތަކަކަށް މަތީ ތައުލީމްގެ ފުރުސަތު ހޯއްދަވައިދެއްވި ގާސިމް ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ގާސިމް ވަނީ އޭނާގެ ހަޔާތުގައި ދިމާވި އުނދަގޫތަކާއި ހިތްދަތި ދުވަސްތައް ހިއްސާކުރައްވާފަ އެވެ.
ގާސިމް ވިދާޅުވީ އޭނާގެ އުމުރުން ތިން މަސް ނުވަނީސް މަންމަ ނިޔާވެ، އޭގެ ދުވަސްކޮޅެއް ފަހުން ބައްޕަ ލޮލުގެ ފެނުމުން މަހުރޫމްވި ކަމަށެވެ. އަދި އޭރުއްސުރެ އޭނާ ބަލާބޮޑުކުރެއްވީ މާމަ ކަމަށާއި އެކަމަކު އުމުރުން ދިހަ އަހަރުގައި މާމަ ވެސް ނިޔާވުމުން ދިރިއުޅުމަށް އަމިއްލައަށް މަސައްކަތްކުރައްވަން ފެއްޓެވި ކަމަށް ވިދާޅުވި އެވެ.
"ދެން ހިޔާލުފުޅަށް ގެންނަވާ އަޅުގަނޑުމެން ފަދަ ރަށްފުށުގެ އާއިލާއަކަށް ނިސްބަތްވާ ކުއްޖަކަށް ދިމާވާނެ ނިކަމެތި ހާލު،" ވަރަށް އަސަރާ އެކު ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދެން މަސައްކަތްކުރެއްވީ ފަޅުރަށެއްގައި ކާށި ހޮވައި، މީދާ މެރުމަށް ކަމަށެވެ. އެކަމަކު އުމުރުން 14 އަހަރުގައި މާލެ ވަޑައިގެން އެކި މަސައްކަތްކޮށްގެން، ވިޔަފާރި ފެއްޓެވި ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔުނިވަސިޓީއެއްގައި ކިޔަވައި، ޑިގްރީއެއް ހާސިލްކުރެއްވުމުގެ ފުރުސަތު ލިބިވަޑައިނުގަތީ ހާލަތު ނިޔާކުރި ގޮތުން ކަމަށެވެ. މިއަދު މޮޅެތި ދަރިވަރުންތަކަކާއި މެލޭޝިޔާގެ ޔުނިވަސިޓީއެއްގެ އިލްމުވެރިންތަކެއްގެ ކުރިމަތީގައި ހުއްޓިވަޑައިގެން ހުންނެވި އިރު އެއީ ތައުލީމެއް ލިބިފައި ނެތް، ރަށަކަށް އުފަންވި ބޭފުޅެއްކަން އެއްވެސް މީހަކު ދެނެހުރިކަމާ މެދު އޭނާ ސުވާލުކުރެއްވި އެވެ.
ގާސިމް ވިދާޅުވީ އޭނާގެ މި މަސައްކަތް ކާމިޔާބުވީ ދަލާއި ކަރުނަ އޮހޮރުވައިގެން ކަމަށާއި މިއީ މީހަކު ރަން ނުވަތަ ރިހީގެ ތަބަކަށް ލާފައި އޭނާ އަށް ދިން ހަދިޔާއެއް ނޫން ކަމަށެވެ. އެހެންވެ ކަމެއް ކާމިޔާބު ކުރުމަށްޓަކައި ފުރުސަތުގެ ބޭނުން ހިފުމަކީ ވަރަށް މުހިއްމު ކަމެއް ކަމަށް އޭނާ ދަރިވަރުންނަށް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ