ވަހީދުގެ ފަހަތަށް ވަޑައިނުގަންނަވަން ތަސްމީނަށް އެކަނި ނުނިންމޭނެ: އަހުމަދު މުހަންމަދު

މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ ސުޕްރީމް ކޯޓުން ރޭ ބާތިލުކޮށްފައިވާއިރު އަލުން ބާއްވާ އިންތިޚާބުގައި ރައީސް މުހަންމަދު ވަހީދުގެ ފަހަތްޕުޅަށް ވަޑައިނުގަންނަވަން، ވަހީދުގެ ރަނިން މޭޓުގެ ގޮތުގައި ކުރިން ހުންނެވި ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އަށް އެކަނި ނުނިންމެވޭނެ ކަމަށް އެ ޕާޓީގެ ކައުންސިލް މެމްބަރު އަހުމަދު މުހަންމަދު މިއަދު ވިދާޅުވެއްޖެ އެވެ. ސުޕްރީމް ކޯޓުން ބާތިލުކުރި އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި ހަމައެކަނި ކެންޑިޑޭޓް ރައީސް ވަހީދުގެ ރަނިން މޭޓަކަށް ތަސްމީން ވަޑައިގެންނެވި ނަމަވެސް ބޮޑު ނާކާމިޔާބީ އަކާ އެކު ތަސްމީން ވަނީ ރައީސް ވަހީދާ ފެެއަށް ވަޑައިގެން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހަންމަދު ނަޝީދަށް ތާއީދު ކުރައްވަން ނިންމަވައިފަ އެވެ. މިދިޔަ މަހުގެ ހަތްވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެންމެ 10،750 ވޯޓާ އެކު ރައީސް ވަހީދާއި ތަސްމީން ދިޔައީ އިންތިޚާބުގެ އެންމެ ފުލަށެވެ. އެއީ ފަސް ޕަސެންޓެވެ.ތަސްމީން މިއަދު ވިދާޅުވީ އަލުން ބާއްވާ އިންތިޚާބުގައި ރައީސް ވަހީދުގެ ފަހަތްޕުޅަށް ވަޑައިނުގަންނަވާނެ ކަމަށެވެ.އެހެން ނަމަވެސް އިކޮނޮމިކް މިނިސްޓަރު އަދި ތަސްމީނާ ގާތްގުޅުމެއް ބާއްވަމުން އައި އަހުމަދު މުހަންމަދު ވިދާޅުވީ ސުޕްރީމް ކޯޓުން ބާތިލުކުރި އިންތިޚާބުގައި ރައީސް ވަހީދުގެ ރަނިން މޭޓަށް ވަޑައިގަތުމަށް ތަސްމީން ނިންމެވީ ކައުންސިލްގައި މަޝްވަރާކޮށް ކައުންސިލްގެ ނިންމުމާ އެކުގައި ކަމަށެވެ. އެހެންވެ އަލުން ބާއްވާ އިންތިޚާބުގައި ވެސް ރައީސް ވަހީދުގެ ރަނިން މޭޓެއްގެ ގޮތުގައި ތަސްމީން ވަޑައިނުގަންނަވަން ނިންމަން ޖެހޭނީ ޑީއާރުޕީގެ ކައުންސިލުން ކަމަށް އަހުމަދު މުހަންމަދު ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލެއް ނުކުރަން ވަކި ފަރުދަކަށް އަމިއްލަ އަމިއްލަ އަށް ނިންމިދާނެ ކަމަށް އެކަން. އައދި ކައުންސިލްގައި އެކަމާ މެދު މަޝްވަރާ ނުކޮށް އެ ވާހަކަތައް ދެއްކެވޭނެ ކަމަށް ވެސް އަޅުގަނޑު ގަބޫލެއް ނުކުރަން. މީގެ ކުރިން ވެސް މިކަމަށް ގޮތެއް ކަނޑައެޅީ ކައުންސިލުން،" އޭނާ ވިދާޅުވި އެވެ. އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދަށް ތާއީދު ކުރަން ޑީއާރުޕީން ނިންމުމުން ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް މިހާރު ތާއީދު ކުރައްވާ އަހުމަދު މުހަންމަދު ވިދާޅުވީ އަލުން ބާއްވާ އިންތިޚާބުގައި ރައީސް ވަހީދުގެ ފަހަތަށް ވަޑައިނުގަންނަވަން ތަސްމީން އަމިއްލަ އަށް ނިންމެވި މައްސަލަ ޑީއާރުޕީގެ ކައުންސިލަށް ހުށަހަަޅުއްވާނެ ކަމަށެވެ. އަލުން ބާއްވާ އިންތިޚާބުގައި ބައިވެރިވެވަޑައިގަތުމާ މެދު ރައީސް ވަހީދު އަދި ގޮތެއް ނުނިންމަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ