އިސްލާމްދީނަށް ފުރައްސާރަ ކޮށް ހަދާފައިވާ ފިލްމް ޔޫޓިއުބް އިން ނެގުމަށް ބްރެޒިލްގެ ކޯޓުން ހުކުމްކޮށްފި

އިނޮސެންސް އޮފް މުސްލިމް ފިލުމާއި ދެކޮޅަށް ބްރެޒިލްގެ މުސްލިމުން އަޑު އުފުލަނީ. ފޮޓޯ:އެސް އެމް އެޗްއިސްލާމްދީނަށާއި އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް ހަދާފައިވާ ފިލްމް ޔޫޓިއުބް އިން ނެގުމަށް ބްރެޒިލްގެ ކޯޓުން ހުކުމްކޮށްފިއެވެ. އަދި ހަމައެޔާއިއެކު ޔޫޓިއުބް އާއިގުޅޭ އެހެން މައްސަލައެއްގައި ބްރެޒިލްގެ އިލެކްޝަންސް ކޯޓެއްގެ އަމުރަށް ބްރެޒިލްގެ ގޫގުލް އޮފީހުގެ ރައީސް ވެސް މިއަދު ވަނީ ފުލުހުން ހައްޔަރުކޮށްފައެވެ. އިސްލާމްދީނަށާއި އަދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ފުރައްސާރަކޮށް ހަދާފައިވާ ފިލްމް ޔޫޓިއުބް އިން ނެގުމަށް ބްރެޒިލްގެ ކޯޓުން ހުކުމް އިއްވާފައިވަނީ ބްރެޒިލްގެ މުސްލިމުންގެ ޖަމާޢަތެއްކަމަށްވާ “ނެޝަނަލް އިސްލާމިކް ޔޫނިއަން” އިން އެ ފިލްމްގެ މައްސަލާގައި ޔޫޓިއުބްގެ ވެރިފަރާތްކަމަށްވާ ގޫގުލް އާއި ދެކޮޅަށް ހުށައެޅި ދައުވާއާއި ގުޅިގެންނެވެ. ދައުވާގައި ބުނެފައިވަނީ އެފިލްމަކީ ގެއްލުން ދިނުމަށް ހަދާފައިވާ ފިލްމެއްކަމަށާއި އަދި ޤާނޫނު އަސާސީން ކަށަވަރުކޮށްދޭ ދީނީ ހައްޤުތައް އެފިލްމުން ނިގުޅައިގަންނަކަމަށެވެ. ޔޫޓިއުބް އިން އެ ފިލްމު ނެގުމަށް ހުކުމް ކުރަމުން ފަޑިޔާރު ވިދާޅުވީ ޤާނޫނާ ޚިލާފު އެއްޗެއް މަނާކުރުމަކީ ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުމެއްނޫންކަމަށެވެ. ބްރެޒިލްގެ ގޫގުލް އޮފީހުގެ ރައީސް، ބްރެޒިލްގެ މެޖިސްޓްރޭޓް ކޯޓެއްގެ އަމުރަށް ފުލުހުން ހައްޔަރުކުރީ ބްރެޒިލްގެ ލޯކަލް އިންތިހާބުގައި މޭޔަރެއް ގެ މަގާމަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްޤަށް އަރައިގަންނަ ވީޑިއޯތަކެއް ޔޫ ޓިއުބް އިން ނުނެގުމުގެ ޒިންމާ އޭނާ އުފުލަންޖެހޭނެ ކަމަށް ކޯޓުން އަމުރުކުރުމާއި ގުޅިގެންނެވެ. އަދި މި ކޯޓުންވަނީ 24 ގަޑިއިރަށް ގޫގުލް ސަސްޕެންޑް ކުރުމަށް ވެސް އަމުރުކޮށްފައެވެ. ބްރެޒިލްގެ ކޯޓުން މި ހުކުމް ކޮށްފައިވާއިރު ބްރެޒިލްގެ ރައީސާ ޑިލްމާ ރޫސެފް ވެސް ވަނީ އިސްލާމްދީން ދެކެ ހުޅަނގުގެ ގައުމުތަކަށް ޖެހިފައިވާ “އިސްލާމްފޯބިއާ” (އިސްލާމްދީން ދެކެ ބިރުގަތުމުގެ ނަފްސާނީ ބަލިމަޑުކަމަށް) ފާޑުވިދާޅުވެ އ.ދ. ގައި ވާހަކަދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ