ފިޔަވަޅު އަޅާނެ 41 ފަރާތެއްގެ ލިސްޓެއް އޮތް ކަމަށް ޒެކޯވްސްކީ ތަކުރާރު އީޔޫ މެމްބަރު ކުރައްވައިފި

ޔޫރަޕިއަން ޔޫނިއަން އިން ރާއްޖޭގެ 41 ފަރާތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމާފައިވާ ލިސްޓް އެބަ އޮތް ކަމަށް ވިދާޅުވާ ވިދާޅުވުން ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރު ތޯމަސް ޒެކޯވްސްކީ މިއަދު ތަކުރާރު ކުރައްވައިފިއެވެ.
ޔޫރަޕިއަން ޕާލިމެންޓްގެ މެމްބަރުންގެ ހަބަރުތައް ގެނެސްދޭ ވެބްސައިޓެއް ކަމަށްވާ އީޕީ ޓުޑޭއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި ޒެކޯވްސްކީ ވިދާޅުވީ ރާއްޖޭގެ ވަކިވަކި ފަރުދުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ނިންމައި ތައްޔާރުކޮށްފައިވާ ލިސްޓް ފެނިވަޑައިގެންނެވި ކަމަށާއި އެ ލިސްޓްގައި 41 ނަމެއް އޮތްކަން އެނގިވަޑައިގަންނަވާ ކަމަށެވެ.
ޒެކޯވްސްކީ މިއަދު ކުރެއްވި ޓްވީޓެއްގައި "އެބަ އޮތް" ކަމަށް ވިދާޅުވެ އީޔޫ އިން ފިޔަވަޅު އެޅުމަށް ނިންމަފައިވާ ރާއްޖޭގެ 41 ފަރާތެއްގެ ނަން ހިމެނޭ ލިސްޓެއް އޮތްކަމަށް ވިދާޅުވި ވިދާޅުވުން ތަކުރާރުކޮށްފައި މިވަނީ އެކަމާގުޅިގެން ބޭފުޅަކު ކުރެއްވީ ޓުވީޓަކަށް ރައްދުދެއްވަމުންނެވެ.
ރާއްޖޭގައި ޚާރިޖީ ވަޒީރެއް ހުންނެވި ނަމަވެސް އެބޭފުޅާ އެކަހެރި ކުރެއްވުމަށް ފަހު، ޚާރިޖީ ކަންކަމާ ބަސްވިދާޅުވާ ފިޝަރީޒް މިނިސްޓަރ ޑރ. މުހައްމަދު ޝައިނީ ބުދަ ދުވަހު ކުރެއްވި ޓްވީޓެއްގައިވަނީ އީޔޫގެ ދަތިކުރުރުމުގެ ފިޔަވަޅުގެ ލިސްޓެއް ނެތް ކަމަށާއި މިކަމާ ދޭތެރޭ އެއްވެސް ބޭފުޅަކު އޮޅުމެއް އަރާ ނަމަ ކޮޅުނބުގައި ހުންނަވާ އީޔޫގެ ސަފީރަށް ގުޅައި ސާފުކުރުމަށް އެދިވަޑައިގެންފައެވެ.
ލިސްޓް ތައްޔާރުކުރުމަކީ އީޔޫގެ ގާނޫނުހަދާ މަޖިލީހުގެ މަސައްކަތެއް ނޫން ކަމަށް ވިދާޅުވެ ޝާއިނީ ވިދާޅުވީ އެފަދަ ކަންކަމަކީ ކައުންސިލްގެ އިއްތިފާގުން ކުރަން އޮންނަ ކަމެއް ކަމަށެވެ.
މީގެ އިތުރުން ޝައިނީ ވަނީ ގައްދާރުންގެ ލިސްޓެއް އޮތް ކަމަށް ވިދާޅުވެ ރާއްޖޭގެ ފުރަތަމަ ޑެމޮކްރެޓިކް ރައީސުލް ޖުމްހޫރިއްޔާ އަދި އދ. ގެ ޗެމްޕިއަން އޮފް ދި އަރތު، ރައީސް މުހައްމަދު ނަޝީދުގެ ނަންފުޅު އޮތީ އެ ލިސްޓްގެ އެންމެ ކުރީގައި ކަމަށް ވިދާޅުވެފައި ވެއެވެ.
ޒެކޯވްސްކީ ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސަރުކާރުން ރާއްޖޭގެ އިދިކޮޅު ފަރާތްތައް ޖަލަށްލާ އިރު އީޔޫ ހިމޭނުން އޮންނާނެ ކަމަށް ވިސްނާ މީހަކު ނަމަ އެ މީހަކަށް އެ ކުރެވެނީ ކުށްހީއެއް ކަމަށެވެ. އީޔޫގެ ވިސްނުން ސާފު ކަމަށާއި އެފަދަ ކަންކަމަކީ އީޔޫ އިން ބަލައި ގަންނާނެ ކަމެއް ނޫން ކަމަށް ޒެކޯވްސްކީ ވިދާޅުވެފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ