އދ މާމިގިލީގެ އެކި މުއައްސަސާތަކާ ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ މިއަދު ބައްދަލުކުރައްވައިފި އެވެ.
އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ އެމަނިކުފާނުގެ ރަނިންގްމޭޓް ފައިސަލް ނަސީމަށް ތާއީދު ހޯއްދެވުމަށް އައިޝަތު ނަހުލާ އިއްޔެ އަރިއަތޮޅަށް ފެއްޓެވި މިދަތުރުފުޅުގެ ތެރެއިން އެކަމަނާ ގެންދަވަނީ އެއަތޮޅުގެ އެކިރައްތަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ދެނެގަތުމުގެ މަސައްކަތް ކުރައްވަމުންނެވެ.
ޖޭޕީގެ ކައުންސިލް މެމްބަރު އައިޝާ މިއަދުވަނީ އެކަމަނާގެ ފިރިކަލުން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އުފަން ރަށް ކަމުގައި މާމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ އެރަށުގެ އެކި މުއައްސަސާތަކާވެސް ބައްދަލު ކުރައްވާފައެވެ.
އެގޮތުން މާމިގިލީ ކައުންސިލް މެމްބަރުންނާ ބައްދަލުކުރައްވާ ރަށުގެ ހާލަތާއި، ރައްޔިތުން ބޭނުންޖެހިފައިހުރި ކަންތައްތައް ވަނީ އޮޅުންފިލުއްވާފައެވެ. އަދި ތަޢުލީމީ ދައިރާގަ ހުރި ގޮންޖެހުންތައް ދެނެގަތުމަށް މާމިގިލީ ސްކޫލްގެ ބޭފުޅުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ.
ރާއްޖޭގެ ރަށްތަކުގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ކަމަށްވަ ސިއްހީ ދާއިރާގެ މައްސަލަތައް ދެނެގަތުމަށް އައިޝާވަނީ މާމިގިލީ ސިއްހީ މަރުކަޒުގެ ބޭފުޅުންނާ ވެސް ބައްދަލު ކުރައްވާފައެވެ. މީގެއިތުރުން އެރަށުގެ ޒުވާނުންނާ ވެސް ބައްދަލުކުރައްވާ ޒުވާނުންގެ ޝުޢޫރުތައް އެކަމަނާވަނީ އަޑުއައްސަވާފައެވެ.
މިބައްދަލުވުންތަކުގައި ޖޭޕީގެ ކައުންސިލް މެބަރުންނާ އިސްބައެއް ބޭފުޅުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
އައިޝާ އދ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު މާމިގިއްޔަށް ކުރެއްވި ދަތުރުފުޅުގައި އެކަމަނާގެ ފިރިކަލުން، ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވަނީ އެމަނިކުފާނުގެ ޢާއިލާ މެމްބަރުންނާ ރަށުގެ ރައްޔިތުންނާ ވީޑިއޯގެ ޒަރިއްޔާއިން ގުޅުއްވާ ހާލުބައްލަވާ ވާހަކަފުޅު ދައްކަވާފައެވެ.
ގާސިމް އިބްރާހިމްވަނީ ޖުމްހޫރީ ޕާޓީގެ ބޭފުޅުންނަށް މާމިގިލިން ދެންނެވި ހޫނު މަރުހަބާއަށް ޝުކުރުއަދާ ކުރައްވާފައެވެ. އަދި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހާ ފައިސަލް ނަސީމްއަށް ކާމިޔާބު ހޯދައިދިނުމަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް ކޮށްދިނުމަށް އާއިލާއާއި މާމިގިލީ ރައްޔިތުންގެ ކިބައިން ގާސިމް އިބްރާހިމްވަނީ އެދިވަޑައިގެންފައެވެ.
މި ދަތުރުފުޅުގައި މިއަދު މާމިގިލީގައި ހޭދަކުރެއްވުމަށްފަހު މާދަމާ އެއަތޮޅު މަންދޫ، އަދި ހަންޏާމީދޫގެ އިތުރަށް ދަނގެއްޗަށްވެސް އައިޝާ ވަޑައިގަންނަވާނެ އެވެ. އަދި ހޯމަދުވަހު އެ އަތޮޅު އޮމަދޫ، ކުނބުރުދޫ އަދި މަހިބަދޫއަށްވެސް އައިޝާ ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ.
މީގެކުރިން އެކަމަނާ ވަނީ ލ.އަތޮޅަށްވެސް ދަތުރުފުޅެއް ކުރައްވައި ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓާއި ރަނިންމޭޓަށް ތާއީދު ހޯއްދެވުމަށް މަސައްކަތް ކުރައްވާފައެވެ.
މާމިގިލީ މުއައްސަސާތަކުގެ ބޭފުޅުންނާ ޖޭޕީ ކައުންސިލް މެމްބަރު އައިޝަތު ނަހުލާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ